Close Election
Close
ދުނިޔެ

ކާގޯ ބޯޓެއްގެ ހުންގާނު މަތީގައި ފިލާ ތިބި ބަޔަކު ފެނިއްޖެ

މުހައްމަދު އައުޒަމް

ކާގޯ ބޯޓެއްގެ ހުންނާނު މައްޗަށް އަރައި ފިލާ ތިބި ބަޔަކު ފެނިއްޖެއެވެ.

ނައިޖީރިއާއިން ފުރައިގެން ބްރެޒިލަށް ދަތުރުކުރި ކާގޯ ބޯޓެއްގެ ހުންގާނުގެ މަތީ ބައިގައި ހުންނަ ކުޑަ ގޮޅިއެއްގެ ތެރޭގައި ފިލާ ތިއްބާ ފެނުނީ ނައިޖީރިއާގެ ހަތަރު މީހެކެވެ. އެ ހަތަރު މީހުން ފެނުނުއިރު ތިބީ ވަރަށް ބޮޑަށް ބަލިވެފައި ކަމަށް އޮފިޝަލުން ބުނެއެވެ.

އެ ހަތަރު މީހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން، އެ މީހުން ކުޑަ ބޯޓެއްގައި ގޮސް ކާގޯ ބޯޓުގެ ހުންގާނު މައްޗަށް އެރީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ދަތުރުގެ 10 ވަނަ ދުވަހު އެ މީހުން ކެއުމަށާއި ބުއިމަށް ބޭނުންކުރި ސާމާނު ހުސްވެ ހާލުގައި ޖެހުނު ކަމަށާއި އޭގެފަހުން ހަމައެކަނި ބުއީ ލޮނުފެން ކަމަށްވެސް ބުންޏެވެ.

އެ މީހުން ބުނި ގޮތުގައި، ހުންގާނު މަތީގައި ތިބި އިރު، މާކަނޑުން ބޮޑެތި މަހާއި މިޔަރުގެ އިތުރުން ބޮޑުމަސް ވެސް ފެނުނެވެ.

އެ މީހުން ފިލާ ތިބިކަން އެނގުނީ، 3500 ކިލޯމީޓަރުގެ ދަތުރަށްފަހު ބޯޓު ބްރެޒިލްއަށް ބަނދަރުކުރުމާ އެކު އެ މީހުން އެހީއަށް އެދުމުންނެވެ. އަދި ފުލުހުންގެ އެހީގައި އެ މީހުން ސަލާމަތްކޮށް ބްރެޒިލްގެ ޕޯޓެއްގައި ބޭތިއްބި އިރު، އޭގެ ތެރެއިން ދެ މީހަކު އަނބުރާ ނައިޖީރިއާއަށް ދިއުމަށް ވަނީ އެދިފައެވެ. އަނެއް ދެ މީހުން ވަނީ ބްރެޒިލް އިން ހިމާޔަތް ދިނުމަށް އެދިފައެވެ.