ރައްޔިތުންގެ މަޖިލީހުގައި މިހާރު މެންބަރުން ހިމެނޭ ގޮތް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުގައި ތިބޭނީ 76 މެންބަރުން ކަމަށް ކަނޑައަޅަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.

އެކަމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ހުށަހެޅުއްވި އިސްލާހުތަކާ ބެހޭ މައުލޫމާތު، ނޫސްވެރިންނަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްޔާސް ލަބީބު ވިދާޅުވީ، މި އިސްލާހުތަކަކީ މަޖިލީހުގެ ކޮންމެ ދައުރެއް ނިމޭ އިރު، މެންބަރުންގެ އަދަދު އިތުރުވެ، މަޖިލިސް ބޮޑުވެގެން ދިއުން ހުއްޓުވުމަށާއި، އެކަމުގެ ސަބަބުން ބަޖެޓަށް ބާރު ބޮޑެވެ ދައުލަތުގެ ހަރަދުތައް އިތުރުވަމުންދާތީ އެކަަމަށް ލުޔެއް ގެނައުމަށް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. މީގެ އިތުރުން މަޖިލީހުގައި މިހާރު ތަމްސީލުކުރާ ކުދި ދާއިރާތަކުގެ ބަދަލުގައި މުޅި ރާއްޖެ ތަމްސީލް ކުރެވޭގޮތަށް މަޖިލީހުގައި މެންބަރުން ހިމެނުންވެސް މި އިސްލާހުތައް ގެންނަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު 87 މެމްބަރުން ތިއްބަވާ އިރު، މަޖިލިސް އެތުރިފައިވަނީ، ކޮންމެ 5,000 މީހަކަށް މެންބަރަކު ތަމްސީލުކުރާ ގޮތަށެވެ. އެހެންކަމުން ދާއިރާތަކަށް ރައްޔިތުން އިތުރުވާ ނިސްބަތުން މަޖިލީހުގެ ކޮންމެ ދައުރެއް ނިމި، އިންތިހާބު ބާއްވާއިރު މަޖިލީހަށް މެންބަރުންވެސް އިތުރުވެއެވެ. އެގޮތުން މި ހިނގާ ދައުރު ނިމި، އަންނަ އަހަރު މަޖިލީހަށް މެންބަރުން އިންތިހާބު ކުރާ އިރު، ހަ ދާއިރާ އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ވަނީ ބުނެފައެވެ.

އެހެންކަމުން އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވަނީ މަޖިލިސް މެންބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށެވެ.

"އަތޮޅުތަކުން މާލެއާ ލައިގެން 55 މެންބަރުން މަޖިލީހަށް އިންތިހާބު ކުރާ ގޮތަށް އަޅުގަނޑުމެން މި ހުށަހަޅަނީ، އޭގެ އިތުރަށް މަޖިލީހުގައި އަންހެން މެންބަރުން ވަރަށް މަދު، އަންހެން މެންބަރުން މަޖިލީހަށް އަންނަން ދަތިތަކެއް، އުނދަދަގޫތަކެއް އެބަހުރި. އެހެންކަމުން އަޅުގަނޑުމެން މި ކަނޑައަޅަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ހާއްސަކޮށް އުތުރު، ހުޅަނގު، މެދު، އަދި ދެކުނުން ކޮންމެ ސަރަހައްދަކުން ދެ އަންހެންގޮނޑި ރިޒާވްކުރަން. އަންހެން ބޭފުޅުންނަށް އެކަނި ކުރިމަތި ލެވިގެން އިންތިހާބު ކުރެވޭގޮތަށް. އެހެންވީމާ އަށް އަންހެން ބޭފުޅުންނަށް ޖާގަ ލިބިގެންދާނެ. އޭގެ އިތުރަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުންވެސް އިންތިހާބުކުރެވޭ ދެ ފަރާތަކަށް މަޖިލިހުގައި ތަމްސީލު ކުރެވޭގޮތަށް ގާނޫނުއަސާސީއަށް މި އިސްލާހު ގެންނަނީ،" އިލްޔާސް ލަބީބު ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ އިންތިހާބުގައި، ސިޔާސީ ޕާޓިތަކަށް ވޯޓު ލިބޭ ނިސްބަތުން ގާނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީތަކުން އައްޔަންކުރާ 11 މެންބަރުން، މަޖިލިސް މެންބަރުންގެ ގޮތުގައި ތަމްސީލުކުރާނެ ކަމަށްވެސް އިލްޔާސް ލަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ "އެއީ ނެޝަނަލިސްޓް 11 މެންބަރުން،" ކަމަށެވެ.

އިލްޔާސް ވިދާޅުވީ، ގާނޫނުއަސާސީއަށް މި އިސްލާހު އައުމުން، އިންތިހާބާ ބެހޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައްވެސް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ގާނޫނު އަސާސިއަށް ހުށަހަޅާފައިވާ އިސްލާހުތައް މަޖިލީހުން ފާސްކުރުމަށް އެހެން ސިޔާސީ ޕާޓީތަކާއި އެހެނިހެން ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލުކޮށް ލޮބީ ކުރައްްވާނެ ކަމަށެވެ.