ޚަބަރު

ހައްދުން ނެއްޓޭ ވަރަށް ފާޑުކިޔަސް އަޅައެއް ނުލާނަން، އާމަޒަކީ ވައުދުތައް ފުއްދުން: ރައީސް

ފާއިތުވި ފަސް އަހަރު ސަރުކާރުން އަމާޒު ހިފީ ސިޔާސީ ހަލަބޮލިކަމުން އެކަހެރިވެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ހއ. ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މުރައިދުއަށް މިއަދު ވަޑައިގެން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ސަރުކާރުން ކުރާ ކަންކަމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ފާޑުކިޔާ ކަމަށާއި ބައެއް ފަހަަރު އެ ފާޑުކިޔުންތައް ހައްދުން ނައްޓައިގެން ވެސް ދާ ކަމަށެވެ. ނަމަވެސް އެކަންތަކާ އަޅައިލުމުގެ ބަދަލުގައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން ސަރުކާރަށް މާ މުހިންމު ކަމަށް ވިދާޅުވިއެވެ.

"ފާޑުކިޔާ، އެ ހައްދުން ނައްޓައިގެން ވެސް ދޭ. އެހެން ނަމަވެސް އަޅުގަނޑުމެން އަޅައެއް ނުލަން. އެ އަށްވުރެ މުހިއްމު ކަމެއް އަޅުގަނޑުމެންނަށް ތި ބޭފުޅުން، އަޅުގަނޑުމެންނަށް ހަވާލުކުރި މަސައްކަތް ނިންމުން. މިއަދު މިތާ ހުރެ، އަޅުގަނޑު އުފަލާ އެކު ދަންނަވާނީ އަޅުގަނޑުމެން ވީ ވައުދުތަކުގެ 90 ޕަސެންޓް އިރާދަކުރެއްވިއްޔާ މިހާރު މި ނިމެނީއޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ އިރު، ސިޔާސީ ހިޔާލު ތަފާތުވުންތައް އެކަހެރިކޮށް އެމްޑީޕީއަށް ވޯޓު ދިނުން މުހިންމު ކަމަށާއި އެމަނިކުފާނާ އެކުގައި ކޯލިޝަން ހައްދަވާފައިވާ އެމްޑީއޭ އާއި އަދާލަތު ޕާޓީގެ ލީޑަރުންނަށްވެސް މުހިއްމީ ހިޔާލު ތަފާތުވުންތައް ދޫކޮށްލައި ރައްޔިތުންނަށް ހިދުމަތްކޮށްދިނުން ކަމަށެވެ. އެހެންވެ، މުރައިދޫ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގަތީ އެ ހިޔާލު ތަފާތުވުންތައް އެކަހެރިކޮށް އެމަނިކުފާނަށް ވޯޓު ދެއްވުމަށެވެ. އަދި އެ ވޯޓަކީ ގެއްލިދާނެ ވޯޓެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ދޭ ވޯޓަކީ ގެއްލިގެން ދާނެ އެއްޗެއް ނޫން. ތިޔަ ބޭފުޅުން ތިޔަ ހޮއްވަވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. ވޭތުވެދިޔަ ތަނުގައި ވެރިއަކު ފަސް އަހަރަަށް ހޮވީމާ، އަދި އޭގެ ކުރީ ފަހަރު ހޮވީމާ ވެސް ވީގޮތް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ.

އިތުރު ދައުރަކަށް ހޮވި ވަޑައިގެންފި ނަމަ، މުރައިދޫ މަގުތައް ރަނގަޅު ފެންހިންދާ ނިޒާމާއެކު ތަރައްގީކޮށްދެއްވާނެ ކަމަށާއި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް ރަށުގެ އަންހެނުން އެދޭ ގޮތަށް ވޮލީ ކޯޓެއްވެސް ތަރައްގީ ކުރައްވާނެ ކަމުގެ ޔަގީންކަން އެރަށު ރައްޔިތުންނަށް ރައީސް ދެއްވިއެވެ.