ދިވެހިރާއްޖޭގައި ހިނގާފައިވާ ސިޔާސީ އެކި ގަޑުބަޑުތަކަށް ބުރާސްފަތި ދުވަހާ ގުޅުވައިގެން ނަން ކިޔައެވެ. ބޮޑުބުރާސްފައްޗާއި ކުޑަބުރާސްފައްޗެވެ. އަދި ބަޑިބުރާސްފައްޗެވެ. މިއިން ކޮންމެ ގަޑުބަޑެއް ކޮންމެވެސް ބުރާސްފައްޗެއްގައި ހިނގާފައިވާކަމުންނެވެ. ހަމައެގޮތަށް އަވަށްޓެރި ސްރީލަންކާގައިވެސް ވަކި މައްސަރަކަށް ނިސްބަތްކޮށް އަނދިރި ޖުލައި ނުވަތަ ކަޅު ޖުލައި ކިޔައެވެ. އެއީ ސްރީލަންކާގައި ހިނގައިދިޔަ ވަރުގަދަ ދާޚިލީ ހަނގުރާމައަށް މަގުފަހިވި ހާދިސާތައް މައިގަނޑު ގޮތެއްގައި ހިނގާފައިވާ މައްސަރަށް ނިސްބަތްކޮށްފައެވެ. ސްރީލަންކާގެ ދާޚިލީ ހަނގުރާމަޔަކީ 1983 ވަނަ އަހަރުގެ ޖުލައިމަހުން ފެށިގެން 2009 ވަނަ އަހަރުގެ މެއިމަހާ ހަމައަށް ފަންސަވީސް އަހަރާއި ނުވަ މަހަށް ދެމިގެންދިޔަ ހަނގުރާމައެކެވެ.
މިދެންނެވި ނުރައްކާތެރި ހަނގުރާމައިގެ އަސަރު ދިވެހިރާއްޖެއަށްވެސް އެކިގޮތްގޮތުން ފޯރިއެވެ. ސީދާކޮށެވެ. ނުސީދާކޮށެވެ. އެ ހަނގުރާމަ ފެށުނުތާ ތިންވަނަ އަހަރު 3 މެއި 1986 ގައި ކޮޅުނބުން މާލެއަށް ފުރަން ތައްޔާރުވެފައިއޮތް އެއަރ ލަންކާގެ ޓްރައިސްޓާރ މަތިންދާބޯޓެއް ތަމަޅަ ހަނގުރާމަވެރިން ގޮއްވައިލިއެވެ. މި ހާދިސާގައި މަރުވި އެކާވީސް މީހުންގެ ތެރޭގައި ދެ ދިވެއްސަކުވެސް ހިމެނުނެވެ. ޓްރައިސްޓަރ ގޮއްވާލިތާ ތިން އަހަރުފަހުން 3 ނޮވެމްބަރު 1988 ގައި ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު މާލެއަރައި ބަޑިޖަހައި ފަނަރަ ސޯޅަ ދިވެއްސަކު ޝަހީދުކޮށްލާފައިވެއެވެ. އެވެސް ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ އަސަރެވެ. އެހެންވީމާ އެ ހަނގުރާމައިގެ ތެރޭގައި ހިނގާފައިވާ ކަންކަން ދިވެހީންގެ ތެރެއިން ގިނަބަޔަކު ހަނދާން ހުންނާނެއެވެ. އެނގޭނެއެވެ. އެއީ ވަރަށް ގިނައިން ލިޔެވި ރައްކާ ކުރެވިފައިވާ ވާހަކަތަކެކެވެ.
ގިނަ ބައެއްގެ ހަނދާނުން ކެހިގެން ގޮސްފައިވަނީ ނުވަތަ އެނގިފައިނެތީ އެ ހަނގުރާމައަށް މަގުފަހިވިގޮތެވެ. އެވަރުގެ ހަނގުރާމައެއް ފަށަން ތަމަޅައިންނަށް މަޖުބޫރުވި ސަބަބުތަކެވެ. ތާރީޚަށްޓަކައި އެވެސް އެނގުން މުހިންމު ކަމެކެވެ. ތާރީޚަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑު ކަމަށްވާތީއެވެ. ހޭއަރައި ފިކުރު ހިންގުން ނެތީވިއްޔާ ތާރީޚަކީ އިއާދަވުންވެސް އޮންނަ އެއްޗަކަށްވާތީއެވެ. ފާއިތުވަމުންމިދާ ޖުލައި މަހަކީ ސްރީލަންކާގެ ތަމަޅައިން ފާހަގަކުރާ އަނދިރި ޖުލައި މަހެވެ. އަނދިރި ޖުލައިއަށް މިފުރެނީ ސާޅީސް އަހަރެވެ. އަނދިރި ޖުލައި ކިޔަނީ 1983 ވަނަ އަހަރުގެ ޖުލައިމަހުގެ ފަހުކޮޅު ހަފުތާއަކަށް މުޅި ސްރީލަންކާގައި ތަމަޅައިންނާ ދެކޮޅަށް ހިންގުނު ގަޑުބަޑަށެވެ. އެންމެ އަނދިރިކަން ބޮޑުވި ދުވަހަކީ 29 ޖުލައިއެވެ.
ސްރީލަންކާގެ އާބާދީގެ 74 އިންސައްތައަކީ ސިންގަޅައިންނެވެ. ތަމަޅައިންގެ ނިސްބަތަކީ 18 އިންސައްތައެވެ. އެހެންވީމާ މިހާ ބައިމަދު ބަޔަކަށް ސްރީލަންކާ ގުޑުވައިލެވޭނެ ކަމަށް ހަމައެއްވެސް ބަޔަކު ހިޔެއް ނުކުރެއެވެ. މުޅި ސްރީލަންކާ ވީރާނާކޮށްލެވޭ ވަރުގެ ދިގު ވަރުގަދަ ހަނގުރާމައެއް ކުރެވިދާނެ ކަމަށްވެސް ލަފައެއް ނުކުރެއެވެ. ސްރީލަންކާގެ މުޅި ސަރަހައްދުގެ ތެރެއިން ތިރީހަކަށް އިންސައްތަ ހިފޭނޭކަމަށް ގަބޫލެއްވެސް ނުކުރެއެވެ. ތަމަޅައިންނާ ދެކޮޅަށް މުޅި ސްރީލަންކާގައި މީގެ ސާޅީސް އަހަރު ކުރިން ގަޑުބަޑު ހިންގި ބަޔަކު އެކަންކުރީ ކުރިމަގާމެދު ފިކުރު ހިންގުމެއް ނެތިއެވެ. ދެންވެދާނެ ގޮތަކާމެދު ވިސްނުމެއް ނެތިއެވެ. އެހެންވީމާ ދެންވާންހުރި ކަންކަންވީއެވެ. މިއަދު ލިޔާންކަމަށް ގަސްތުކުރަނީ އެ ހަނގުރާމަ ފެށުމަށް މެދުވެރިވި ބައެއް ސަބަބުތަކެވެ. ގަޑުބަޑުތަކަށް ސާޅީސް އަހަރު ފުރުމާ ދިމާކޮށެވެ.
ސްރީލަންކާގައި ތަމަޅައިންނާ ދެކޮޅަށް ހިންގުނު ގަޑުބަޑުތަކަކީ ދައުލަތުގެ ބާރުތަކުން ފުރިހަމަޔަށް ބައިވެރިވެގެން ހިންގުނު ގަޑުބަޑުތަކެކެވެ. ސިފައިންނާއި ފުލުހުންނެވެ. ސަރުކާރެވެ. އޭރުގެ ރައީސް ޖަޔަވަރުދަނާ ވިދާޅުވިއެވެ. އަހަރެން އެންމެހާ ތަމަޅައިން ބަނޑަށް ޖައްސައި މެރިޔަސް ސިންގަޅައިން ހިތާމައެއް ނުކުރާނެއެވެ. ވާނީ އުފަލެކެވެ. އެެއީ އެދުވަސްވަރު ސަރުކާރުގެ ވިސްނުމެވެ. ތަމަޅައިންގެ ވިޔަފާރިތަކާއި ގެދޮރު އަންދައި އަޅިއަށް ހަދައިލިއެވެ. އެތައް ލައްކަ ތަމަޅައިން މަގުމަތިކުރިއެވެ. ހަގީގަތުގައި މިކަމެއް ފެށުނީ 1983 ގެ ޖުލައިއަކު ނޫނެވެ. އެއަހަރުގެ މެއިމަހު މިކަމެއް އޮތީ ފެށިފައެވެ. ކަންތައް އެންމެ މައްޗަށް ދިޔައީ ޖުލައިމަހުގެ ތެރޭގައެވެ. އޭގެކުރިންވެސް ނުރައްކާތެރި ކަންތައްތަކެއް އޮތީ ހިނގައިފައެވެ. ވަކިވަކި އަހަރުތަކެއް ހަނދާނަށް ގެންނަކަމަށްވަނީނަމަ 1956 ގައެވެ. އެއަށްފަހު 1977 ގައެވެ. ދެން 1981 ގައެވެ.
ކޮންމެ އަނިޔާއަކީ ޒަޚަމެކެވެ. ޒަޚަމާއި އޭގެ ލަކުނު ފެންނަ ކޮންމެ ފަހަރަކު އެކަންކުރި މީހުން ހަނދާންވާނެއެވެ. ލަކުނު ފެންނަ ކޮންމެ ފަހަރަކު ބަދަލުހިފުމުގެ ޖޯޝު އާވާނެއެވެ. ސްރީލަންކާގައިވެސް ކަންކަން ބަދަލުވަމުން ދިޔައީ މިގޮތަށެވެ. ހެދުނުހައި ގާނޫނެއް ހެދުނީ ތަމަޅައިން މައިތިރިކޮށް ނިކަމެތިކޮށް އެކަހެރި ކުރުމުގެ ނިޔަތުގައެވެ. ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ވިސްނުމެއް ނެތިއެވެ. އަނދިރި ޖުލައިއަށް ސާޅީސް އަހަރު ފުރޭއިރު އަދިވެސް އޭރު ފާސްކުރި ބައެއް ގާނޫނުތައް އުވައެއް ނުލައެވެ. ދެމިގެން އެބައާދެއެވެ. މުސްލިމުންފަދަ ބައިމަދު މީހުންނާ ދެކޮޅަށް އަދިވެސް މި ގާނޫނުތައް ބޭނުން އެބަކުރެއެވެ. މިކަންކަން މިހެންހުރީމާ ސްރީލަންކާގެ އަހުލީ ހަނގުރާމައިގެ ފިލާވަޅުތައް އެންމެ ހެޔޮގޮތުގައި ލިބިގަނެވުނުތޯ ސުވާލުކުރާ މީހުން ވަރަށް ގިނައެވެ. ކުރިމަގުގައި އެފަދަ ހަނގުރާމައެއް ނުހިނގާނެކަމާމެދު ޝައްކުކުރާ މީހުންވެސް ވަރަށް ގިނައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ