ހއ. ފިއްލަދޫއިން ޢަލީ ޔާމީން (ވަން އޮންލައިން)

ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ގެސްޓްހައުސް ހެދުމަށް 523 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ރަށަށް ވަޑައިގެން މި ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން މި ސަރަހައްދުގައި ލޯކަލް ޓޫރިޒަމާއި އިތުރު ވިޔަފާރިތައް މި ސަރަހައްދުގައި އުފެދޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން މިހާރުވެސް ލޯކަލް ޓޫރިޒަމަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގެސްޓްހައުސް ހެދުމަށް ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި 284 ފަރާތަކަށް ލުއި ލޯނު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"މިދިޔަ ތިން އަހަރުގެ ތެރޭގައި 284 ފަރާތަކަށް 523 މިލިއަން ރުފިޔާ، ސޮފްޓް ލޯންސް ގެސްޓްހައުސް އެޅުމަށް ދޫކޮށްފިން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ގެސްޓްހައުސް އެޅުމަށް ލޯނު ދޫކުރަނީ އެކަމުގެ ފައިސާ ހުރުމުން ކަމަށާއި ބޭނުންވަނީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާތައް އުފައްދައި އެކަމުގެ ފައިދާ މުޅި އިގުތިސޯދަށް ހޯދުން ކަމަށެވެ.

"އެހެންވެ، އަޅުގަނޑުމެން މި ދަންނަވަނީ 2028 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު ޑަބަލް ވެގެންދާނެއޭ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ރަށަކީ ރީތި ރަށެއް ކަމަށާއި މި ރަށާ ގުޅިފައި އޮތް ދައްޕަރުގައި އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގުމަށް ސަރުކާރުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކައުންސިލުން ބޭނުންވީ ކައުންސިލުގެ ދަށުން އެކަން ކުރުމަށް ކަމަށެވެ. އެގޮތުން ދަށްޕަރު މިހާރު ކައުންސިލަށް ދޫކޮށްފައިވީ ނަމަވެސް އެ ތަނުގައި ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.