އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި، ރައީސް ޔާމީންގެ ރަނިންމޭޓް އަދި އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސައިފި ނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް، އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ފަސޭހަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ސޯލިހާއެކު ކޯލީޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ޑރ. ޖަމީލު ކަމަށް ނިންމާނެ ނަމަ ހާދަ ރަނގަޅޭ ބައެއްފަހަރު ހިތައް އަރާ،" ކަމަށެވެ.

އިމްރާން ވަނީ މީގެ ކުރިންވެސް ޖަމީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަދައްކަވައިފައެވެ. އެގޮތުން ޑރ. ޖަމީލަކީ ކަތިލާން ބޭނުންކުރި ކަންބަޅިއެއް ކަމަށެވެ.

"އަޅުގަނޑު ކުޑަކުޑަކޮށް ބަލައިލައިފިން ކިހިނެއްތޯ ރަނިންމޭޓު ކަންތައް މި ހިނގަނީ. ބަލާލިއިރު މިވާ ގޮތަކީ ޖަލުގައި އޮތް ކެންޑިޑޭޓެއްގެ ރަނިންމޭޓުކަން ބަލައިގަންނާނެ ހަމަ އެކަކުވެސް ނުވި އުޅެއުޅެ. އެންމެފަހުން ގޮސް މި ލިބުނީ އަޅުގަނޑުމެން އަރަބިބަހުން ކިޔާނެ ކަޕްޝިލް ފިދާއީ، މިކަހަލަ ވަގުތުތަކުގަ ފިދާއެއްގެ ގޮތުގަ ކަތިލާ ކަންބަޅިއެއް. އާދެ، ރަނިންމޭޓުކަން ހަވާލުވެވަޑައިގެންނެވީ އަޅުގަނޑުމެންނަށް އެނގިއްޖެތާ. މި ބޭފުޅާ ނުކުމެ ވަޑައިގެން ރަނިންމޭޓުކަން މި ގަބޫލުކުރެއްވީ، ހީފުޅުކުރެއްވީ ރަނިންމޭޓުކަން ގަބޫލުކޮށްފިއްޔާ، ދެން ކެންޑިޑޭޓު ޖަލުގަ ބާއްވައިލީމާ ތިމަންނައަށްތާއޭ ކެންޑިޑެންސީ ލިބެން ޖެހޭނީ" އިމްރާން ވިދާޅުވިއެވެ.

ޑރ. ޖަމީލަކީ ޕީޕީއެމް ޕީއެންސީ ކޯލީޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ރަނިން މޭޓެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތުގެ ތެރެއިން، ފުރަތަމަ ފޯމުގެ ގޮތުގައި އިލެކްޝަން ކޮމިޝަނަށް އިއްޔެ ހުށަހެޅި ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމް އިއްޔެ ވަނީ ބާތިލުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާ އާއި ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ ދަށުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޔާމީން ހުށަހެޅުއްވި ފޯމުގައިވާ މައުލޫމާތާއި ތަކެތި ބެލި އިރު، ގާނޫނުއަސާސީ އާއި އިންތިހާބުތަކާބެހޭ އާއްމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ޔާމީން، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާން ހުށަހެޅި ހުށަހެޅުން ގަބޫލުކުރެވެން ނެތް ކަމަށެވެ.

ސަބަބެއް ކަމަށް ބުނެފައި ވަނީ، ޔާމީންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއި އެ ހުކުމް ތަންފީޒުކޮށް ނިމިފައިނުވާކަން، ކުށުގެ ރެކޯޑަށް ބެލުމުން އެގެން އޮތުމުން، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކުރާ ޝަރުތު ޔާމީންގެ ކިބައިގައި ހަމަނުވާތީ ކަމަށެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ މީހަކު ނަމަ އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީލޯންޑާ ކުރިކަން ސާބިތުވުމުގެ ސަބަބުން ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ނަމަވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް، ރައީސް ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ބުނެ، އެމަނިކުފާނުގެ ކެނޑިޑެސީ ފޯމު ބަލައިނުގަތް މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.