ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެދޮރު ގަންނަ ފަރާތްތަކަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް އިތުރުކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ ބޭންކުން އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހޯމް ޕާޗޭސް ލޯން އަދި ހޯމް ޕާޗޭސް ފައިނޭންސިންއަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ "2021 ވަނަ އަހަރު އަޅުގަނޑުމެންގެ ހޯމް ލޯން އަދި ފައިނޭންސިން ރޭޓް ނުވަ ޕަސެންޓަށް ދަށްކުރިން. މިއީ ރާއްޖޭގައި ހޯމް ލޯން ދޫކުރާ އެންމެ ކުޑަ ރޭޓް. މިއަދު މި ގެނެވުނު ބަދަލާއެކު، ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އަދި 24 މަހަށް ގްރޭސް ޕީރިއަޑް އިތުރުވުމުން ގެދޮރު ގަންނަ ފަރާތްތަތަކަށް ފައިދާކުރާނެ،" ކަމަށެވެ.
ބީއެމްއެލްގެ ހޯމް ޕާޗޭސް ލޯނާއި ބީއެމްއެލް އިސްލާމިކް ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރަނީ 20 ޕަސެންޓް އިކުއިޓީއާ އެކު ނުވަ ޕަސެންޓް އިންޓްރެސް ރޭޓުގައެވެ. މިހާރު ގެދޮރު ގަނެފައިވާ ފަރާތްތަކަށް އިތުރު ޕްރޮޕަޓީއެއް ގަތުމަށްވެސް މި ފެސިލިޓީ ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
މިއަދުން ފެށިގެން ލިބޭ ލޯން އެޕްލިކޭޝަންތަކަށް އަލަށް ކަނޑައެޅި ބަދަލުތަކަށް އަމަލުކުރަމުންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި