އިންޑިއާގައި ކެރޭނެއް ވެއްޓި 20 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ މަހާރަޝްތަރާގެ ޝާހްޕޫރްގައި ހުންނަ ސަމްރުއްދި އެކްސްޕްރެސް ހައިވޭ މަރާމާތު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ކެރޭން ވެއްޓުނު ހާދިސާގެ ތަހުގީގު އެގައުމުގެ ފުލުހުން ވަނީ ފަށައިފައެވެ.

ފުލުހުން ވަނީ މަގުހެދުމުގެ މަސައްކަތްކުރާ ކުންފުނި މަވްޔުގް ކުންފުނި އަދި ވީއެސްއެލް ކުންފުނިން ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށް ބުނެފައެވެ.

ހާދިސާ ހިނގުމާއެކު އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްގެ ދެ ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި ކެރޭނު ވެއްޓިފައިވަނީ 200 ފޫޓު މަތިން ކަމަށް މިހާތަނަށް ކޮށްފައިވާ ތަހުގީގުން އެނގެއެވެ. ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވައި ޓުވީޓެއް ކުރައްވައިފައެވެ. އެ ހާދިސާ ހިނގުމުގެ ސަބަބުން މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ބަދަލުގެ ގޮތުގައި އެހީވުމަށް ނިންމާފައިވާ ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.