ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް މޯގަން ބީންލޭންޑް އައްޔަންކޮށްފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މޯގަން ބީންލޭންޑަކީ ބޭންކިން، ބިޒްނަސް އޮޕަރޭޝަންސް އެންޑް ޗޭންޖް މެނޭޖްމަންޓްގެ ދާއިރާއިން 22 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ. އޭނާ ވަނީ ހެޑް އޮފް މާކެޓްސް އޮޕަރޭޝަންސް، ހެޑް އޮފް ޓެލެފޯނީ އެންޑް ރިޓެންޝަން، ހެޑް އޮފް ކޯޕަރޭޓް ބޭންކިން ގްއާންސޭ އަދި ސީނިއާ ވައިސް ޕްރެޒިޑެންޓް، ފައިނޭންޝަލް އިންސްޓިޓިއުޝަންސް ނޯތު އެމެރިކާ ފަދަ މަގާމުތައް އަދާކުރައްވާފައި ކަމަށް ބީއެމްއެލުން ބުންޏެވެ.

މޯގަން ބީންލޭންޑު އެންމެ ފަހުން މަސައްކަތްކުރައްވާފައި ވަނީ އިނގިރޭސިވިލާތުގެ ކެޕްކޯގައި މެނޭޖިން ޕްރިންސިޕަލްގެ މަގާމު ކަމަށާއި އެމަގާމުގައި އޭނާ ވަނީ އިނގިރޭސިވިލާތުގެ ބޭންކިން އެންޑް ޕޭމަންޓް ޕްރެކްޓިސްގައި ހިމެނޭ ޓްރާންސްފޮމޭޝަން ޑެލިވަރީ، ކްލައެންޓް ރިލޭޝަންޝިޕް މެނޭޖްމަންޓް އަދި ބިޒްނަސް ޑިވެލޮޕްމަންޓުގައި އިސްދައުރެއް އަދާކުރައްވާފައި ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ މޯގަން އަކީ މަސައްކަތްތައް ބަރާބަރަށް ޑެލިވާކުރުމުގެ ވަރަށް ރަނގަޅު ޓްރެކް ރެކޯޑެއް އޮތް، ދުނިޔޭގެ ފެންވަރުގެ ތަޖުރިބާ ހޯއްދަވާފައިވާ އެގްޒެކެޓިވް ބޭފުޅެއް ކަމަށެވެ. އަދި މޯގަންގެ ތަޖުރިބާގެ އަލީގައި އުރީދޫގެ އޮޕަރޭޝަނަލް ޕްރޮސެސްތައް ހަރުދަނާކުރެވި، ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށެވެ.

މޯގަން ބީންލޭންޑު ވަނީ ޔުނިވާސިޓީ އޮފް ސައުތުހެމްޓަން އިން ބެޗާލާސް އޮފް ސައިންސް އަދި ނޮޓިންގްހަމް ބިޒްނަސް ސްކޫލުން މެނޭޖްމަންޓް ސްޓަޑީސް އިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލް ކުރައްވައިފައެވެ. އަދި އިންޓަރނޭޝަނަލް ޓްރެޝަރީ މެނޭޖްމަންޓް އިން އެސޯސިއޭޝަން އޮފް ކޯޕަރޭޓް ޓްރެޝަރާސްއިން މޯގަން ބީންލޭންޑު ވަނީ ސެޓިފިކޭޓް ހާސިލް ކުރައްވައިފައެވެ.