ސައުދީ އަރަބިއާގެ ޓްރާންސްފާ މާކެޓްގެ ކުރިން ޔޫރަޕްގެ ޓްރާންސްފާ މާކެޓް ބަންދުވުމަކީ ކަންބޮޑުވުމެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
ސައުދީ ލީގުގެ ކްލަބުތަކުން ބޮޑެތި ޓްރާންސްފާތަކެއް ކުރަމުންދާ އިރު، ބޮޑެތި މުސާރަތަކުގައި މިހާތަނަށް މި ޓްރާންސްފާ ސީޒަނުގައިވެސް ސައުދީއަށް ވަނީ ކުޅުންތެރިންތަކެއް ގެންގޮސްފައެވެ. އެގޮތުން ކަރިމް ބެންޒެމާ އާއި އެންގޯލޯ ކަންޓޭގެ އިތުރުން ޕްރިމިއާ ލީގާއި ޔޫރަޕްގެ ވަރުގަދަ ލީގުތަކަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއްވެސް ވަނީ ސައުދީ ލީގަށް ބަދަލުވެފައެވެ. އެ ހުރިހާ ޓްރާންސްފާއެއް ހިނގާފައި ވަނީވެސް ބޮޑެތި މުސާރަތަކެއްގައެވެ.
ޔޫރަޕްގެ ބޮޑެތި ލީގުތަކުގެ ޓްރާންސްފާ މާކެޓް، ސެޕްޓެމްބަރު މަހު އެއްވަނަ ދުވަހު ބަންދުވާ ނަމަވެސް، ސައުދީ ލީގުގެ ޓްރާންސްފާ މާކެޓް ބަންދު ވަނީ ސެޕްޓެމްބަރު 20 ވަނަ ދުވަހަށެވެ. އެހެން އެކަން އޮތުމާއެކު ޔޫރަޕްގެ ކްލަބުތަކަށް ޓްރާންފާ ބަންދުވާފަހުންވެސް ސައުދީ ކްލަބުތަކަށް ކުޅުންތެރިން ގެންދިޔުމުގެ ފުރުސަތު އޮންނާނެއެވެ. ކްލޮޕްގެ ނަޒަރުގައި އެއީ ކަންބޮޑުވުމެކެވެ.
"ސައުދީގެ ނުފޫޒު ފުޓުބޯޅަ އާއި ޓްރާންސްފާ މާކެޓަށް ވަރަށް ބޮޑު. އެކަން އެހެން އޮތް އިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ޔޫރަޕްގެ ޓްރާންސްފާ މާކެޓް ބަންދުވާތާ ތިން ހަފުތާ ފަހުން ސައުދީގެ މާކެޓް ބަންދުވުން. އެ ވަގުތު އުނދަގޫތަކާ ދިމާވާނެ. ޔޫއެފާ އާއި ފީފާއިންވެސް އެކަމަށް ހައްލު ހޯދަން ޖެހޭ. މިހާރު އޮތް ގޮތުން ކްލަބުތަކަށް ވާނެގޮތެއް ނޭނގެ،" ކްލޮޕް ބުންޏެވެ.
ލިވަޕޫލްގެ ޖޯޑަން ހެންޑަސަން އާއި ފަބީނިއޯވެސް ކުރިއަށް އޮތް ސީޒަނަށް ސައުދީ ކްލަބުތަކާ ގުޅިފައިވާ އިރު، ކްލޮޕްގެ ނަޒަރުގައި ސައުދީ ލީގަށް ގެންދާ ކުޅުންތެރިން ނެތްތައް ފޫބެއްދުމަށް ކްލަބުތަކަށް ކުރަން ޖެހޭ މަސައްކަތަށް އެކަށޭނެ ވަގުތު ނުލިބި އޮތުން އެއީ ކަންބޮޑުވުމަކަށް ވާނެ ކަމެކެވެ. ހާއްސަކޮށް ސައުދީގެ ނުފޫޒުން ކޮންމެ ވަގުތަކުވެސް، މުހިއްމު ކުޅުންތެރިޔަކު ގެއްލިދާނެ ކަމަށާއި އެކަމަށް ސަމާލުވެ ކްލަބުތަކަށް ތިބެން ޖެހިފައިވާ ކަމަށްވެސް ކްލޮޕް ބުންޏެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު