ކުށުގެ ރެކޯޑެއް އޮތުމުން ވަޒީފާ ނުލިބުމަކީ ހަމަނުޖެހޭ އަދި އިޖުތިމާއީ ގޮތުން ގެއްލުން ބޮޑު ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ބަދަލު ކުރަން ޖެހޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެފައިވަނީ، ކުށުގެ މާހައުލުން ދުރުވާން މަސައްކަތް ކުރާ މީހަކަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ، ރަނގަޅު ސަޕޯޓް ސިސްޓަމެއް އޮތުން ކަމަށެވެ. އަޅައިލާނެ އާއިލާއަކާއި ރަހުމަތްތެރިންނާއި، އަމިއްލަ ފައިމައްޗަށް ތެދުވާން އެހީތެރިވާނެ ވަޒީފާއެއް، ނުވަތަ އާމްދަނީ ލިބޭނެ ގޮތެއް އޮތުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ބައެއް ފަހަރު، މީހުންނަށް ކުރެވޭ ކުށުގެ ސަބަބުން، އޭނާގެ އާއިލާގެ މީހުންގެ ނަފުރަތު ލިބޭ ކަމަށާއި، އެގޮތުން މަސްތުވާތަކެތީގައި ޖެހިގެން، މައިންބަފައިންގެ މުދަލުން ވައްކަންކުރެވިފައި އޮތްނަމަ، އާއިލާގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ ފަހަރު އަންނަ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ބައެއް ފަހަރު ކުށް ކުރެވެނީ ނުބައި ރަހުމަތްތެރިންގެ ސަބަބުން ކަމަށާއި، ކުށުން ދުރުވާން އާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ ހާލަތުގައި ދާން އޮތީ ހަމަ އެ ނުބައި ރަހުމަތްތެރިންގެ ގާތަށް ކަމުން، އެމީހުންގެ ފަރާތުން ގޮސް އަނެއްކާވެސް ވަދެވެނީ ކުށުގެ މާހައުލުގެ ތެރެއަށް ކަމަށެވެ. ނަމަވެސް ދެން އޮތް އެއްޗަކީ ވަޒީފާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ރާއްޖޭގައި ނުލިޔެ އޮތް 'ގަވާއިދަކީ'، ކުށުގެ ރެކޯޑެއް އޮތްނަމަ ވަޒީފާއެއް ނުލިބުމެވެ. އަދި އަމުދުން، ދައުލަތުގެ ސިޔާސަތުތައް އޮތް ގޮތުން، ކުށުގެ ރެކޯޑެއް އޮތްނަމަ ވަޒީފާއެއް ނުދެއެވެ. މިއީ، ކިހާވަރެއްގެ ގާނޫނީ ބުރަދަނެއް އޮތްކަމެއްތޯ އަޅުގަނޑު ބަލައިލީމެވެ. އަމިއްލަ މީހުންގެ ވަޒީފާގެ ކަންކަމުގައި ދައްކާނެ ވާހަކައެއް ނެތެވެ. ވަކި ޝަރުތެއް ފުރިހަމަ ނުވާނަމަ ވަޒީފާ ދޭންވާނެ ކަމަކަށް ގާނޫނީ ގޮތަކުން ނުބުނެވޭނެއެވެ. ދެން އޮތީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކެވެ. ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ 41 ވަނަ މާއްދާ (ވަޒީފާއަށް އައްޔަންކުރުމުގެ ޝަރުތުތައް) ގައި، ކުށުގެ ރެކޯޑެއް އޮވެގެން ވަޒީފާ ނުލިބުމާ ބެހޭގޮތުން އޮތީ ތިން ހާލަތެކެވެ..،"
- ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކުށެއް ކުރިކަން ސާބިތުވެ، ހުކުމެއް ކުރެވިފައިވާ މީހެއްނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމް ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ދުވަސްވެފައިވުން
- ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ މީހަކަށްވުން
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް، ކުޑަކުދިންނާ މުއާމަލާތުކުރަންޖެހޭ ވަޒީފާއެއް ނުދިނުން
މި ތިން ހާލަތަށް ނުފެތޭނަމަ، ވަޒީފާއަށް ވާދަކޮށްގެން، 'މެރިޓުން' އެމީހަކަށް ވަޒީފާ ލިބުމަކީ އަސާސީ ހައްގެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ނަމަވެސް ޝަމީމް ވިދާޅުވެފައިވަނީ، ސިވިލް ސާވިސްގެ ގާނޫނުގައި ނުވެސް ނެތް ވާހަކަތަކެއް، ސިވިލް ސާވިސް ގަވާއިދުގެ 69 ވަނަ މާއްދާގައި، ސިވިލް ސާވިސްގެ ވަޒީފާއަށް މީހުން އައްޔަން ނުކުރެވޭ ކުށްތަކާއި އައްޔަން ނުކުރެވޭ މުއްދަތުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަަށެވެ. ގާނޫނު ބުނާގޮތުން ކުށެއް ސާބިތުވެގެން ވަޒީފާ ނުލިބޭނީ ތިން އަހަރުގެ މުއްދަތުކަމަށް ބަޔާންކޮށްފައިވި ނަމަވެސް، ގާނޫނުން ނުލިބޭ ބާރެއް ބޭނުންކޮށްގެން، ގަވާއިދުގައި އެ މުއްދަތު ފަސް އަހަރު ދުވަހަށް ދަންމާލާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ހަމަ އެގޮތަށް، ޖިނާއީ ބޮޑު ކުށާ ގުޅިގެން ގާނޫނުގައި އޮތް ތިން އަހަރު ވެސް ގަވާއިދުން، ފަސް އަހަރަށް ދަންމާލާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ތުހުމަތު ކުރެވިފައިވާ ކުށުގެ ބާވަތުން އެ ކުށަކާ، އެ ވަޒީފާއާ ހުރި ގުޅުމަށް ރިއާޔަތްކޮށް، މީހާގެ އަހުލާގީ މިންގަނޑާއި ގައުމީ ސަލާމަތާ ގުޅޭގޮތުން ބަލަންޖެހޭ މިންގަނޑުތަކަށް ފެތޭ މީހެއް ކަމުގައި ނުވާނަމަ، އެ މީހަކަށް ސިވިލް ސާވިސްގެ ވަޒީފާ ނުދިނުމުގެ އިހުތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ބުނާ އިރު، އެކަމަކީވެސް ގާނޫނުގައި އޮތް ވާހަކައެއް ނޫން ކަމަށް ޝަމީމް ފާހަގަ ކުރައްވާފައިވެއެވެ.
"ސިވިލް ސާވިސްގެ ވިޔަސް، އެނޫން ދައުލަތުގެ އިދާރާއެއްގެ ވިޔަސް، އެމީހަކާ ހަވާލުކުރެވޭ، އެމީހަކަށް އެ ވަޒީފާގެ ގޮތުން ލިބޭ މައުލޫމާތުގެ ނުރައްކާތެރިކަމުން، އެމީހާގެ ކުށުގެ ރެކޯޑަށް ބެލުމަށްފަހު، ވަކި ކަހަލަ ވަޒީފާތަކެއް، ވަކި ކަހަލަ ކުށުގެ ރެކޯޑެއް ނުވަތަ ތުހުމަތެއް އޮތް މީހަކަށް ނުދިނުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް، ކުދިކުދި ވައްކަން، ނުވަތަ އޭނާގެ ކުޑައިރު ދިމާވެފައި އޮތް، ލައިސަންސް ނުނަގައި ސައިކަލް ދުއްވުމުގެ މައްސަލައެއް އޮތަތީ، ދައުލަތުގެ އެއްވެސް ވަޒީފާއެއް ނުލިބޭގޮތް ވެއްޖެނަމަ، އެމީހަކު އިސްލާހުވާން އޮތް ފުރުސަތުން މަހުރޫމް ކުރެވެނީއެވެ.،"
ކުށުގެ މާހައުލުން ނުކުންނަން މަސައްކަތްކުރާ މީހުންގެ ތެރެއިން، އެހެން ދިމާލަކުން އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ މީހަކަށް، ވަޒީފާއަކީ ހަމައެކަނި ވަޒީފާއެއް ނޫން ކަމަަށާއި، އެއީ އޭނާގެ އަމިއްލަ ނަފުސުގެ އިތުބާރު ރުޖޫއަކޮށްދޭ ވަސީލަތެއް ކަމަށާއި ތިމާގެ އަމިއްލަވަންތަކަމާއެކު، އެހެން މީހަކަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވާން ލިބޭ އެހީތެރިކަމެއް، އަދި ލައިފްލައިނެއް ކަމަަށްވެސް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ވަޒީފާއަކީ، އެމީހާގެ ހަޔާތް އަނބުރާލަން ލިބޭ ފުރުސަތެއް ކަމަށާއި، އެ ފުރުސަތު ގާނޫނުން ފުޅާކޮށް ދީފައި ވަނިކޮށް، ގަވާއިދަކުން އިތުރަށް ހަނިކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިޖުތިމާއީ ގޮތުން ކޮށްގެންވާނޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކުށުގެ ވެށިން ނުކުންނަން މަސައްކަތްކުރާ މީހަކަށް ބައެއް ކަހަލަ ވަޒީފާތައް ނުދެވުނަސް، އެފަދަ މީހުންނަށް ދެވޭނެ ވަޒީފާތަކެއް ބަލައި، އެ ވަޒީފާތައް އެމީހުންނަށް ދިނުމަކީ މުޖުތަމައުގެ ހައްގުގައިވެސް ކުރަންޖެހޭ ކަމެއް ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން އެ ފުރުސަތުގެ ބޭނުން ހިފާ އިރު، އަނެއް ބަޔަކު 'ރިލެޕްސް' ވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް، ބަޔަކު 'ރިލެޕްސް ވެ' ކުށަށް އަނބުރާ ހިނގައިދާނެތީ، އެ ފުރުސަތު ހުރިހާ މީހުންނަށް ބަންދުކުރުމަކީ ބުއްދިވެރިން އަމަލުކުރާނެ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ގޯސްކޮށް އުޅޭ މީހުން "ރަނގަޅު" ވާން، އަޅުގަނޑުމެން ބޭނުމެވެ. އާއިލާއަށް ހަރަދުކުރުމާއި، ދަރިން ބެލުމާއި، މައިންބަފައިންނަށް އަޅައިލައިގެން، އަނބުރާ މުޖުތަމައަށް އަންނަން އަޅުގަނޑުމެން އުއްމީދުކުރަމެވެ. ކުށުގެ ވެށިން ނުކުންނަން ބޭނުންވާ މީހާވެސް އެ އުއްމީދު އެވަރަށް، ނުވަތަ އެއަށްވުރެ ބޮޑަށް ކުރެއެވެ. ރަނގަޅު މީހެއްގެ ގޮތުގައި އަބުރުވެރިކަމާއެކު މުޖުތަމައުގައި އުޅެން ބޭނުމެވެ. ނަމަވެސް، މުޖުތަމައުގެ ނިޒާމުތައް އޮތް ގޮތުން، އެންމެ އަސާސީ ވަޒީފާގެ ފުރުސަތެއްވެސް ނުލިބެއެވެ. އެ ފުރުސަތު ނުދީ، އުއްމީދު ކޮށްގެން ލިބޭނެ ނަތީޖާއެއް ނޯންނާނެއެވެ،"
ޚަބަރު
ޚަބަރު
ޚަބަރު