މިއީ އުފަންވީއިރު ކީ ނަން ބަދަލުކޮށްފައިވާ ބޮލީވުޑްގެ މަގުބޫލު 23 ތަރީންނެވެ.

އަމީތާބުގެ މައިންބަފައިން އޭނާއަށް އެންމެ ފުރަތަމަ ކިޔަން ބޭނުންވި ނަމަކީ އިންގިލާބީ ސްރިވަސްތިވާ އެވެ. އެއީ އިންޑިއާ މިނިވަންކަމަށް ކުރި މަސައްކަތުގައި އެންމެ ބޮޑަށް ބޭނުން ކުރެވުނު ބަސް "އިންގިލާބް ޒިންދާބާދް" އާއި ގުޅުވައިގެންނެވެ. ނަމަވެސް ޝާއިރެއްކަމަށްވާ ސުމިތުރަނަންދަން ޕަންޓްގެ އިރުޝާދާއެކު "އަމީތާބު" ކީއެވެ.

އަމީތާބުގެ ބައްޕަ އަކީވެސް ޝާއިރެކެވެ. އޭނާއަށް ކިޔަނީ ހަރިވަންޝް ރާއީ އެވެ. 'ބަޗަން' އަކީ އަމީތާބުގެ ބައްޕަ ލިޔާ ޅެންތަކުގައި އަމިއްލަ ނަމުގެ ބަދަލުގައި ބޭނުންކުރަމުން ދިޔަނަމެވެ. އެހެންކަމުން އަމީތާބު އަމިއްލައަށް އޭނާގެ ނަމުގެ ފަހަށް ބަޗަންގެ ނަންލީ އެވެ.

ސަލްމާން ގެ ފުރިހަމަ ނަމަކީ އަބްދުލް ރާޝިދް ސާލިމް ސަލްމާން ޚާނެވެ. ސާލިމް އަކީ އޭނާގެ ބައްޕަގެ ނަމެވެ. އަބްދުލް ރާޝިދަކީ ކާފައެވެ.

ކިއާރާގެ އަސްލު ނަމަކީ އާލިއާ އަދްވާނީއެވެ. ބޮލީވުޑަށް އޭނާ ނުކުތް އިރު އާލިއާ ބަޓްއަކީ މަގުބޫލު ތަރިއެކެވެ. އެހެން ކަމުން ދެމީހުންގެ ނަން އެއްގޮތް ވުމުގެ ސަބަބުން އަމިއްލައަށް ނަން ކިއާރައަށް ބަދަލުކުރީއެވެ.

ސައިފް އަށް އުފަންވި އިރު ކީ ނަމަކީ ސާޖިދް އަލީ ޚާންއެވެ. އޭނާ ވަނީ ފަހުން އަމިއްލަ ނަން ސައިފް އަލީ ޚާންއަށް ބަދަލު ކޮށްފައެވެ.

ކާތިކް އާރްޔަންގެ ނަމަކީ ކާތިކް ތިވާރީ އެވެ. އޭނާ ނަންބަދަލު ކުރީ ކީއްވެތޯ އިންޓަވިއުއެއްގައި ސުވާލު ކުރުމުން ބުނީ އަސްލު އޭނާގެ ނަމަކީ ކާތިކް އާރްޔަން ތިވާރީ ކަމަށާއި ފުރަތަމަ ފިލްމު ރިލީސް ކުރި އިރު ނަމުގައި ކާތިކް އާރްޔަން ލާން ބުނީމަ އެމީހުނަށް އެކަން ނުކުރެވުނީ ކަމަށެވެ. އެހެންވެ ނަން އެގޮތަށް ބަދަލު ކުރީކަމަށް އޭނާ ބުނެއެވެ. "އެހެން ނޫނަސް ކާތިކް އާރްޔަން ކާތިކް ތިވާރީއަށް ވުރެ މާ ރީތި ނޫންތަ؟" އޭނާ ބުންޏެވެ.

އަޔުޝްމަން ކުރާނާގެ އަސްލު ނަމަކީ ނިޝާންތް ކުރާނާ އެވެ. އެ ނަން ބަދަލު ކުރީ އޭނާގެ އުމުރުން ތިން އަހަރުގައި އެނާގެ މައިންބަފައިންނެވެ.

ރާޖްކުމްމަރު ރާއޯގެ އަސްލު ނަމަކީ ރާޖްކުމާރު ޔާދަވްއެވެ. އޭނާ ވަނީ ނަމުގެ ފަހަތު ނަން ރާއޯއަށް ބަދަލުކޮށް ފުރަތަމަ ނަމަށް 'މ' އެއް އިތުރުކޮށްފައެވެ.

"ރާއޯ ނޫނީ ޔާދަވް، މި ދެގޮތުން ބޭނުން ގޮތެއްވެސް ފަހަތުނަމެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ. ދެނަމަކީވެސް އާއިލީ ނަންތައް. ނަމަށް 'މ' އިތުރު ކުރީ މަންމައަށް ޓަކައި" އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

ރަޖްނިކާންތްއަށް އުފަންވި އިރު ކީ ނަމަކީ ޝިވާޖް ރާއޯ ގައިކްވަދް އެވެ. އޭނާއަށް ރަޖްނީކަންތްގެ ނަންދިނީ ތަމަޅަ ފިލްމް ޑިރެކްޓަރެއްކަމަށްވާ ކ ބަލަޗްވަންދަރު އެވެ. އެއީ ޓެމިލް އެކްޓަރު ސިވާޖީ ގަނެސަންގެ ނަމާ އެއްގޮތް ވާތީ ދެމީހުން އޮޅިދާނެތީއެވެ. ރަޖްނީކާންތްގެ ނަން ނަގާފައިވަނީ އޭނާގެ ފިލްމު މޭޖާ ޗަންދްރިކާންތްއިންނެވެ.

އަކްޝޭއަށް ފުރަތަމަ ކީ ނަމަކީ ރާޖީވް ހަރީ އޯމް ބާޓިއާ އެވެ. އޭނާ ފިލްމު އިންޑަސްޓްރީއަށް ވަނީ މަހޭޝް ބަޓްގެ ފިލްމު އާޖް އިންނެވެ. އެ ފިލްމުގައި އޭނާ ކުޅެފައިވަނީ މާޝަލް އާޓްސް އިންސްޓްރަކްޓަރެއްގެ ރޯލެވެ. ނަމަކީ އަކްޝޭ އެވެ. އެ ނަން ރީތި ވެގެން އޭނާ ވަނީ އަމިއްލަ ނަންވެސް އަކްޝޭ ކުމާރަށް ބަދަލުކޮށްފައެވެ.

ޝިލްޕާއަށް އަސްލުކީ ނަމަކީ އަޝްވިނީ ޝެޓީ އެވެ. ފާލުބަލާމީހަކު ބުނި ބުނުމަށް މޮޑެލަކަށް ވުމުގެ ކުރިން އޭނާ ވަނީ ނަން ޝިލްޕާއަށް ބަދަލުކޮށްފައެވެ.

ޖޯންގެ އަސްލު ނަމަކީ ފަރްހާން އަބްރަހަމް އެވެ. އޭނާ ބެޕްޓައިޒް (ކްރިސްޓިއަށް ދީނަށް ވަނުން) ކުރި އިރުކީ ނަމަކީ ޖޯންއެވެ.

ކެޓްރީނާ ކައިފްގެ އަސްލު ނަމަކީ ކެޓްރީނާ ޓާކުއެޓް އެވެ. އެއީ އޭނާގެ މަންމަގެ ނަމެވެ. ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން އޭނާގެ ބައްޕަގެ ނަން "ކައިފް" ނަމުގެ ފަހަތަށް ލައި ނަން ބަދަލު ކުރީ އިންޑިއާގެ އޯޑިއަންސަށް ނަން ކިޔަން ފަސޭހައަކަށެވެ.

ރަންވީރު ސިންގް ގެ ފުރިހަމަ ނަމަކީ ރަންވީރު ސިންގް ބަވާނީ އެވެ. ފުރަތަމަ ފިލްމު ކުޅުމަށް އޭނާ ވަނީ ބާވާނީގެ ނަން އޭނާގެ ނަމުން އުނިކޮށްފައެވެ.

ރިތިކްގެ އަސްލު ނަމަކީ ރިތިކް ރާކޭޝް ނަގްރަތް އެވެ. އޭނާގެ ކާފަ ރޯޝަން ލާލް ނަގްރަތް އަކީ ކުރީގައި މަގުބޫލު އެކްޓަރެއް އަދި ޑިރެކްޓަރެއްވެސްމެއެވެ. އެހެންކަމުން އޭނާގެ ބައްފަ ރާކޭޝް ވަނީ ނަމުގެ ފަހަތަށް ރޯޝަން ލައި ނަންބަދަލު ކޮށްފައެވެ. އެކަމާ ގުޅިގެން ރިތިކްވެސް ނަން އެ ގޮތަށް ބަދަލުކުރީއެވެ.

އަޖޭއަށް ފުރަތަމަ ކީ ނަމަކީ ވިޝާލް އެވެ. އޭރު ވިޝާލްކިޔާ ތަރިން ގިނަ ކަމުން އޭނާ ވަނީ ފުރަތަމަ ފިލްމު ކުޅުމުގެ ކުރިން ނަން އަޖޭ އަށް ބަދަލުކޮށްފައެވެ.

ޝާހިދު ކަޕޫރުގެ އަސްލު ނަމަކީ ޝާހިދު ކައްޓަރު އެވެ. އޭނާގެ މައިންބަފައިން، ޕަންކަޖު ކަޕޫރު އަދި ނީލިމާ އަޒީމު ވަނީ އޭނާގެ އުމުރުން ތިން އަހަރުގައި ވަރިވެފައެވެ. ނީލިމާ ދެން ކައިވެނި ކުރީ އެކްޓަރު ރާޖޭޝް ކައްޓަރުއާ އެވެ. ޝާހިދު އޭރު އުޅުނީ އެމީހުނާ އެކުއެވެ. މިހާރުވެސް ޝާހިދުގެ ޕާސްޕޯޓުގައި ނަމަކަށް އޮންނަނީ ޝާހިދު ކައްޓަރުއެވެ.

ރޭކާގެ ނަމަކީ ބަނުރޭކަ ގަނޭސަން އެވެ. ނަން ކުރުކޮށް ފިލްމީ ދުނިޔެއަށް އޭނާ ތައާރަފުވީ ރޭކާގެ ނަމުންނެވެ.

ސިމީ ގަރޭޗާލަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނިގޮތުގައި އޭނާގެ ބައްފަ ހަތަރު ކައިވެންޏެއް ކޮށްފައިވާއިރު ގިނަ ދަރިންތަކެއްވެސް ވަނީ ލިބިފައެވެ. "ބައްޕައަށް އަހަރުމެންނެއް ނޯޓިސްއެއް ނުވާނެ. ދަރިން ވަރަށް ގިނަ ވާނެ. އެންމެން އެއް ސްކޫލަކަށް ދަނީ. އެހެން ބައެއް ކުދީން ސްކޫލަށް ލާން ބައްފަ ދާނެ. އަހަރެންނަށްވެސް ބައްފަ ފެންނަނީ އެގޮތަށް. އެއްވެސް އިރެއްގަ ބައްދަލެއް ނުވޭ. އޭނާއަށް އަހަރެން ނުވެސް ފެނޭކަންނޭގެ." ރޭކާ ބުންޏެވެ.

އަންނޫ ކަޕޫރުގެ އަސްލު ނަމަކީ އަނިލް ކަޕޫރެވެ. އެކްޓަރު އަނިލް ކަޕޫރާ ނަން އެއްގޮތް ވުމުން ދެ މީހުން އޮޅޭނެތީ އޭނާގެ ނަން އަންނޫއަށް ބަދަލުކުރީއެވެ.

ޖެކީގެ ނަމަކީ ޖެއިކީޝަން ކަކޫ ބައީ އެވެ. އެއްފަހަރު ދިން އިންޓަވިއުއެއްގައި ޖެކީ ބުނިގޮތުގައި އޭނާގެ ނަން ބަދަލުވީ ސްކޫލުގައި އުޅުނު އެކުވެރިއެއްގެ ސަބަބުންނެވެ. "ޖެއިކީޝަން ކިޔަންވީމަ އޭނާއަށް ދިގުވަނީ. އޭނައަކީ ހޮންގް ކޮންގް ނޫނީ ދުބާއީން އައިސްހުރި ކުއްޖެއް. ބުނީ ހިނގާށޭ މަޖާކޮށްލަން ނަން ކުރުކުރަން. ދެން އޭނާ ކިޔަން ފެށީ ޖެއިކީ. އެގޮތަށް ގޮސް ޖެކީ އަށް ބަދަލުވީ"

ޓައިގާއަށް އަސްލުކިޔާފައިވާ ނަމަކީ ޖައި ހޭމަންތް ޝްރޮފްއެވެ. ބައްފަ ނަން ބަދަލު ކުރުމާއެކު އޭނާވެސް ނަންބަދަލުކުރީއެވެ. ޓައިގާ ކީ އޭނާއަކީ އަބަދުވެސް ދަތް އަޅާ ކުއްޖަކަށް ވާތީއެވެ. ސްކޫލުގައިވެސް ފެންނަ ކޮންމެ އެއްޗެއްގައި އޭނާ ދަތްއަޅައެވެ.

"އެއްފަހަރު ޓީޗަރު ގައިގައި ދަތްއަޅައިގެން ޕަނިޝްވެސް ކުރި" ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުގައި ޓައިގާ ބުންޏެވެ.

އުފަންވިއިރު އޭނާއަށް ކިޔާފައިވާ ނަމަކީ ދަރަމް ސިންގް ޑިއޯލެވެ. ފިލްމް އިންޑަސްޓްރީއަށް ވަނުމުގެ ކުރިން އޭނާވަނީ ނަމުގެ ފަހު ނަންވެސް އުނިކޮށް ހަމައެކަނި ދަރްމެންދުރަގެ ގޮތުގައި ނަންބަދަލުކޮށްފައެވެ.

މަލިކާ ޝަރާވަތްގެ އަސްލު ނަމަކީ ރީމާ ލަމްބާ އެވެ. ފިލްމް އިންޑަސްޓްރީއަށް ވަނުމުގެ ކުރިން އޭނާވަނީ ބައްޕަގެ ނަން ދޫކޮށް މަންމަގެ ނަންބޭނުން ކޮށްގެން އޭނާގެ ނަންބަދަލުކޮށްފައެވެ. އެއީ އޭނާގެ ބައްޕަ ފިލްމުކުޅުމާ ދެކޮޅު ހެދުމުންނެވެ.

ސަނީ ޑިއޯލުގެ ނަމަކީ އަޖޭ ސިންގް ޑިއޯލެވެ. ސަނީ އަކީ އޭނާއަށް ކުރުކޮށް ކިޔާ ނަމެކެވެ. އެނަން ފުރަތަމަ ފިލްމު ކުޅުނު އިރު ބޭނުން ކުރުމުން ނަންވަނީ ސަނީ ޑިއޯލުގެ ގޮތުގައި ހަރުލާފައެވެ.