ކުޑަކުދިންނަށް ދޭ ނޭޗާ ކޯލްޑް ސިރަޕް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ބުނީ، އިނގިރޭސިވިލާތުގެ ފްރަކެން އިންޓަނޭޝަނަލުން އުފައްދައި، އަދި ކެމަރޫންގައި ދައުރުވަމުންދާ ނޭޗާ ކޯލްޑްގައި ޑައިތެލީން އަދި އެތެލީން ގްލައިކޯލް (diethylene glycol and ethylene glycol) ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެލާޓް ކޮށްފައިވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ މިއީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓު (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް، ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މި ބޭސް އިމްޕޯޓުވުމުގެ ފުރުސަތު އޮތް ކަމަށްވާތީ ސަމާލުވުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯޓް ކުރާ ބޭސް، ހާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.