މާލޭ ސަރަހައްދުގައި ފެތުރެމުންދާ ރޯގާއާ ގުޅިގެން ފަސްކޮށްފައިވާ މިނިވަން އުފާ ކާނިވާ ހުޅުވުން މިރެއަށް ތާވަލުކޮށްފިއެވެ.

މިނިވަން ދުވަހާ ގުޅުވައިގެން ހޯމް މިނިސްޓްރީއާއި އާބަންކޯ ގުޅިގެން ބާއްވާ މިނިވަން އުފާ ކާނިވާ ހުޅުވުމަށް ފުރަތަމަ ހަމަޖައްސާފައިވަނީ އިއްޔެއެވެ. ނަމަވެސް މާލޭ ސިޓީގައި ފެތުރެމުންދާ ރޯގާއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން އެ ކާނިވާ ވަނީ ފަސްކޮށްފައެވެ.

އާބަންކޯ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިނިވަން އުފާ ކާނިވާ މިރޭ 8:00 ގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި ކާނިވާގެ ތައްޔާރީތަކަށް މިއަދު ހަވީރު 4:00 އިން ފެށިގެން ސެންޓްރަލް ޕާކު ބަންދުވާނެ ކަމަށެވެ.

މިނިވަން ކާނިވާ ހުޅުވުމުގެ ކުރިން މިއަދު ހަވީރު ސެންޓްރަލް ޕާކުގައި ފުޅަނދުތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ. އެކަން ކުރިއަށްދާނީ މިއަދު ހަވީރު 4:30 އިން ފެށިގެން ހަވީރު 6:00 އަށް ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިވަން އުފާ ކާނިވާގައި ކުރިއަށްދާނެ ހަރަކާތްތަކުގެ ތެރޭގައި ގޭމް ސްޓޯލުތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓުތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާއެކު ސާކަސް ޝޯ، ލައިވް މިޔުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެއެވެ. އޭގެ އިތުރުން ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒަރ ޓެގްގެ ހަރަކާތްތައްވެސް ހިމެނިފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި އާންމުވެފައިވާ ކަމަށް މީގެ ދެ ދުވަސްކުރިން އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވެސް ވަނީ ވިދާޅުވެފައެވެ.

އޭނާ އިއްޔެ ވިދާޅުވީ މިވަގުތު މުޅި މާލެ އޮތީ ހޮޑުލުމުގައި ކަމަށާއި އައިޖީއެމްއެޗްގެ އިމަޖެންސީ ބައި (އީއާރު) ވެސް ފުރިއްޖެ ކަމަށެވެ.

ޑރ. ފައިސަލް ވަނީ މި ރޯގާ ޖެހި ބޭރަށް ހިންގައި ހޮޑުލާ ނަމަ، ކަން ކުރާންވީ ގޮތުގެ މުހިންމު އިރުޝާދުތަކެއް ދެއްވައިފައެވެ. އެގޮތުން އަތް ދޮވެގެން ނޫނީ ނުކެއުމާއި އަވަސް އަވަހަށް އަތް ދޮންނަން އާދަކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ.

"ހޮޑަށް ދޭ ބޭސްކޮޅެއް ދީފައި މަދުމަދުން ވިޔަސް އަވަސް އަވަހަށް ދިޔާ އެއްޗެހި ދެއްވާ! ފެން މަދުވިޔަނުދީ ވޭތޯ ބަލާތި! މާ ވަރުދެރަވެ ހީސްނުލައި 8 ގަޑިއިރު ވީމާ ޖެހޭނީ އައިވީކޮޅެއް ދޭން،" ޑރ. ފައިސަލް ވިދާޅުވިއެވެ.

އެޗްޕީއޭއިން ރޭ ކުރި ޓުވީޓެއްގައި ބުނީ މިހާރު ފެތުރެމުންދާ ބައްޔަކީ ކާ އެއްޗެއްގެ ސަބަބުން ފެތުރެމުންދާ ބައްޔެއް ނޫން ކަމަށާއި ކޮންމެ އަހަރެއްގައި ވެސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ބަލި ފެތުރޭ ކަމަށެވެ. މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެމުންދާތާ ދެ ހަފުތާވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި، މިހާރު ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ނޯރޯވައިރަސްގެ ރޯގާއެކެވެ. ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން އެ ވައިރަސް ފެތުރޭކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

ސިއްހީ ރިޕޯޓުިތައް ބުނާގޮތުން މި ވައިރަސް ހަށިގަނޑަށް ވަންނަތާ 12 ގަޑިއިރާއި 48 ގަޑިއިރާ ދެމެދު ވަގުތެއްގައި ވައިރަސްގެ އަލާމާތްތައް ފެންނަން ފަށާއިރު އެއް ދުވަހާއި ތިން ދުވަހާ ދެމެދުގެ މުއްދަތެއްގައި ބަލިން ރަނގަޅުވެއެވެ. ނަމަވެސް އެ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވައިރަސް ފެތުރުމުގެ ފުރުސަތު އަދިވެސް އޮވެއެވެ.

ނޯރޯވައިސް ރޯގާގެ ސަބަބުން ހޮޑުލައި ބޭރަށް ހިންގާނެއެވެ. ބައެއް މީހުން ގަދަޔަށް ހުން އާދެއެވެ. އަދި އެކަމުގެ ސަބަބުން ޑީހައިޑްރޭޝަނަށް މަގުފަހިވެއެވެ. ހާއްސަކޮށް ކުޑަކުދީންނާއި އުމުރުން ދުވަސްވީ މީހުން އަދި އެކިކަހަލަ ބަލި މީހުންނަށް މި ވައިރަސްގެ ސަބަބުން ބޮޑުވަރުވާ ކަމަށް ސިއްހީ ރިޕޯޓުތައް ބުނެއެވެ.