މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބުނި ގޮތުގައި، ނޯރޯވައިރަހަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ވައިރަހެކެވެ. ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން އެ ވައިރަސް ފެތުރޭކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

އެ ރޯގާއިން ރައްކާތެރިވުމަށް:

  • ހޭންޑް ސެނިޓައިޒާ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސް އިން ރައްކާތެރި ނުކޮށްދޭ. ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވޭ!
  • ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވޭ!
  • ޓިޝޫ/ ޕޭޕަރު، ރައްކާތެރިގޮތުގައި އުކާލުމަށްފަހު ބްލީޗް އަޅާފައި ފަސް މިނެޓް ބަހައްޓާ! އަދި އެއަށްފަހު ބްލީޗް ސާފުކުރުމަށްފަހު ސައިބޯނި/ ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުރޭ!
  • ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވޭ!
  • މީހުން ގިނަ ތަންތަނަށް ނުދޭ!
  • ބޭރަށް ހިންގުން
  • ހޮޑުލުން
  • މޭ ނުބައިކުރުން
  • ބަނޑުގައި ރިއްސުން
  • ބައެއް ފަހަރު ހުން އައިސް ބޮލުގައި ރިއްސާ ގައިގާ ރިއްސުން

ސިއްހީ ރިޕޯޓްތައް ބުނާ ގޮތުން މި ވައިރަސް ހަށިގަނޑަށް ވަންނަތާ 12 ގަޑިއިރާއި 48 ގަޑިއިރާ ދެމެދު ވަގުތެއްގައި ވައިރަސްގެ އަލާމާތްތައް ފެންނަން ފަށާއިރު އެއް ދުވަހާއި ތިން ދުވަހާ ދެމެދުގެ މުއްދަތެއްގައި ބަލިން ރަނގަޅުވެ އެވެ. ނަމަވެސް އެ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވައިރަސް ފެތުރުމުގެ ފުރުސަތު އަދިވެސް އޮވެއެވެ.

ނޯރޯވައިސް ރޯގާގެ ސަބަބުން ހޮޑުލައި ބޭރަށް ހިންގާނެއެވެ. ބައެއް މީހުން ގަދަޔަށް ހުން އާދެއެވެ. އަދި އެކަމުގެ ސަބަބުން ޑީހައިޑްރޭޝަނަށް މަގުފަހިވެއެވެ. ހާއްސަކޮށް ކުޑަކުދީންނާއި އުމުރުން ދުވަސްވީ މީހުން އަދި އެކިކަހަލަ ބަލި މީހުންނަށް މި ވައިރަސްގެ ސަބަބުން ބޮޑުވަރުވާ ކަމަށް ސިއްހީ ރިޕޯޓްތައް ބުނެއެވެ.