އިޒްރޭލުގެ އަނިޔާވެރި އިސްތިއުމާރާ ދެކޮޅަށް ކުރަމުންދާ ޖިހާދުގައި ފަލަސްތީނުގެ ރައްޔިތުންގެ އަތުގައި މާގިނަ ޒަމާނީ ހަތިޔާރުތަކެއް ނެތެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ހަތިޔާރަކީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖެހުމުގެ ވަރުގަދަ އަޒުމާއި ފުރާނަ ދެމިހުރިހާ ހިނދަކު މިނިވަންކަމަށްޓަކައި މަސައްކަތްކުރުމުގެ ގަދަ ހިތްވަރެވެ. އިޒްރޭލަށް އެންމެ ބޮޑު ސިހުމަކަށް ވެފައިވަނީ މި ހިތްވަރާއި މި އަޒުމެވެ. އިޒްރޭލަށް ކުރެވޭހާވެސް ކަމަކީ ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރުމެވެ. ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތުންނެވެ. އަދި އުމުރުން ދުވަސްވީ މުސްކުޅިންވެސް ޝާމިލްވާ ގޮތުންނެވެ. ބޭނުމަކީ ފަލަސްތީނުގެ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދައި އަޒުމް ގުޑުވައިލުމެވެ. ދޭތެރެ ދޭތެރެއިން ބޮޑެތި ގަތުލުއާއްމުތައް ހިންގަނީ މި ބޭނުމުގައެވެ.
ެއިޒްރޭލުގެ ބޭނުން ފުރިހަމައެއް ނުވެއެވެ. ފަލަސްތީނުގެ ރައްޔިތުން ފަހަތަކަށް ނުޖެހެއެވެ. ބިރުގަތުމުގެ ނިޝާނެއްވެސް ނުފެނެއެވެ. މަރުދެކެ ބިރުގަތުމުގެ ބަދަލުގައި ކޮންމެ މީހެއްގެ އަމާޒަކަށް ހަދާފައިވަނީ ޖިހާދުގައި ދެމިހުރުމާއި ޝަހީދެއްގެ ގޮތުގައި ދުނިޔެއިން ވަކިވެގެން ދިޔުމެވެ. ފަލަސްތީނުގެ ކޮންމެ ކުޑަކުއްޖަކާއި ޒުވާނެއްގެވެސް ހުވަފެނަކީ އަދި އުންމީދަކީ ޝަހީދުވުމެވެ. އެއީ އުފަލާއެކު ހާސިލްކުރަން އެދިއެދި ތިބި ޝަރަފެކެވެ. ހުސްވި ޖޫންމަހު ހުޅަނގު އައްސޭރީގެ ޖެނީންގެ ރެފިއުޖީ ކޭމްޕެއްގައި އިޒްރޭލް ސިފައިން ހިންގި ބޮޑުވެގެންވާ އުދުވާން ނާކާމިޔާބުވެ ފައިބަންޖެހުނީ ފަލަސްތީނުގެ ޒުވާނުންގެ ކިބައިން ފެނުނު މި ހިތްވަރާއި އަޒުމުގެ ސަބަބުންނެވެ. ވަޒަނާއި ދީނަށްޓަކައި އިޒްރޭލުގެ އުންޑަތަކާ ކުރިމަތިލާން އަވަސްވެގަންނަ މަންޒަރު ފެނިފައެވެ.
އިޒްރޭލުގެ އުދުވާން ނިންމައިލުމާއެކު ބައިނަލްއަގުވާމީ މީޑިޔާއިން އަވަސްވެގަތީ ފަލަސްތީނުގެ ކުޑަކުދީންނާއި ޒުވާނުންނަށް ލިބިފައިވާ އާދަޔާޚިލާފު ހިތްވަރުގެ ސަބަބަކީ ކޮބައިކަން ދެނެގަތުމަށެވެ. ޖެނީންގެ ރެފިއުޖީ ކޭމްޕަށް ގޮސް ކުޑަކުދިން އެއްކޮށްގެން ސުވާލުކުރެއެވެ. ފުޓްބޯޅަ ކުޅެން ބޭނުމެއް ނުވޭހެއްޔެވެ. ލިއޯ މެސީ ފަދަ ތަރިއަކަށްވާން ބޭނުންނުވޭ ހެއްޔެވެ. ތިޔަހެން ފުރާނަ ނަގައިލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ދިރިއުޅުމުގައި އަމާޒަކާއި މަގުސަދެއްވެސް އޮންނާންވާނެ ނޫންހެއްޔެވެ. އެ މަގްސަދަކީ ފަހެ ކޮބައިހެއްޔެވެ. ހުރިހާ ކުދިންވެސް އެއްއަޑަކުން ބުނެ އިއްވިއެވެ. އަމާޒަކީ އަދި އުފަލަކީ ޝަހީދުވުމެވެ. ވަޒަނާއި ދީނަށްޓަކައެވެ. ދިރިއުޅުމުގެ ބޭނުމަކީ އެއީއެވެ. އެކަން ހާސިލްވަންދެން އޮތީ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރުމެވެ.
ޖެނީންގެ ރެފިއުޖީ ކޭމްޕަށް އިޒްރޭލުގެ އެއްހާސް ސިފައިންގެ ލަޝްކަރެއް ވަދެގަތީ ނަންހުސްކޮށް ޒަމާނީ ހުރިހާ ހަތިޔާރަކާއެކުގައެވެ. ޓޭންކާއި ބޮޑުބަޑިޔާއި ޑްރޯންފަދަ ހަތިޔާރާއެކުގައެވެ. މި ލަޝްކަރާ ކުރިމަތިލުމުގައި ފަލަސްތީނުގެ ކުޑަކުދިން ދެއްކީ އާދަޔާޚިލާފު ހިތްވަރެކެވެ. އެއްބައިކުދިން ޖާސޫސްކުރީއެވެ. އިޒްރޭލު ސިފައިން ތިބި ތަންތަން ފާހަގަކޮށް އެ މައުލޫމާތު މުޖާހިދުންނަށް ދިނުމުގައެވެ. އަނެއްބައި ކުދިން މޮލްޓޯފް ކޮކްޓޭލް ހަދައިގެން އިޒްރޭލް ސިފައިންގެ އުޅަނދުތަކަށް ހަމަލާދިނީއެވެ. ޖެނީންގެ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ކޮންމެ ކުއްޖަކުވެސް ކޮންމެވެސް އެއްގޮތަކުން މި ޖިހާދުގައި ބައިވެރިވިއެވެ. މަރުވެދާނެތީ ބިރުން ފަސްޖެހި ފިލުމެއް ނެތެވެ. އެންމެ ބޮޑެތި މީހުންނަށްވުރެ ކުރިއަށް ނުކުމެ ފަލަސްތީނުގެ ދިފާއުގެ އެއްވަނަ ސަފުގައިތިބީ ކުޑަކުދިންނެވެ.
ޖެނީންގެ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ކުޑަކުދީންގެ ތެރެއިން އުމުރުން އެންމެ ސަތާރަ އަހަރުވީ އަރާފް ބުންޏެވެ. މަރުދެކެ ބިރެއް ނުގަނެއެވެ. އިޒްރޭލު ދެކެ ބިރެއް ނުގަނެއެވެ. އަހަރެމެން މިތިބީ ހޭނިފައެވެ. ބިރުކެނޑިފައެވެ. ބޭނުންވަނީ ޝަހީދުވުމެވެ. އެއީ ޔަގީނުންވެސް ލިބޭންއޮތް ޝަރަފެކެވެ. މިއަދު ނުލިބުނިއްޔާ މާދަމާ ލިބޭނެއެވެ. މާދަމާ ނުލިބުނިއްޔާ ދެން ކޮންމެވެސް އެހެން ދުވަހެއްގައެވެ. އެކަން ޔަގީނެވެ. ޝަހީދުވާން ބޭނުންވަނީ ހިތްވަރުގަދަ މުޖާހިދެއްގެ ގޮތުގައެވެ. އޭނާ އެބުނީ ވަރަށް ބޮޑު ތެދެކެވެ. ފަލަސްތީނުގެ އެންމެ ތުއްތު ކުދިންވެސް އެތިބީ ހޭނިފައެވެ. އެކުދިންނަށް ދިރިއުޅުމުގެ ހަމައެކަނި މަގްސަދަކީ އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރުމެވެ. އިޒްރޭލުގެ ކޮންމެ އުދުވާނަކީ މި ހިތްވަރާއި އަޒުމަށް ލިބޭ ދިރުމެކެވެ. އެޅޭ ބާރެކެވެ. ފެންނަ މަންޒަރުތަކުންނެވެ. އިވޭ އަޑުތަކުންނެވެ.
އިޒްރޭލުގެ އިސްތިއުމާރު ދެމިއޮތްހައި ދުވަހަކު އަމާންކަމާއި ސުލްހަވެރިކަމުގައި ދިރިނޫޅެވޭނެކަމަކީ ފަލަސްތީނުގެ ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްވާ ފިލާވަޅެވެ. އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރަށް ވަދެގަންނަ މަންޒަރު އެކުދިންނަށް އެބަފެނެއެވެ. ހަމަކުރިމަތީގައި މަންމަމެން ބައްޕަމެން ޝަހީދުކޮށްލާ މަންޒަރު އެބަފެނެއެވެ. އެކުވެރިންނާއި ގާތްތިމާގެ މީހުން ދުނިޔެއިން ވަކިވެގެންދާ މަންޒަރު އެބަފެނެއެވެ. މިއަދު ފުރާނަ ސަލާމަތްވިޔަސް އެފުރާނަ ނެރެލަން މާދަމާ އިޒްރޭލް ސިފައިން އަންނާނެކަން އެބައެނގެއެވެ. އެހެންވީމާ ދެން ބިރުގަންނަންވީ ކޮންކަމަކާ ހެއްޔެވެ. ހިތްވަރުގަދަ މުޖާހިދެއްގެ ގޮތުގައި ޝަހީދުވާން ކޮންމެ ޒުވާނަކުވެސް ބޭނުންވަނީ އެހެންވެގެންނެވެ. ދިފާއުގެ އައްޑަނަޔަކަށް އަމިއްލަމޭ ދިއްކޮށްލަން ކެރެނީ އެހެންވެގެންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ