ވޭތުވެދިޔަ 120،000 އަހަރުތެރޭ ދުނިޔެ އެންމެ ހޫނުވި މަހަކީ މި ހިނގާ ޖުލައި މަސް ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން ބުނެފައިވާގޮތުގައި ދުނިޔޭގެ ތިން ކޮންޓިނެންޓުގެ ހޫނުމިން ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އަދި ކަނޑުގެ ފަށަލަ ހޫނުވެފައިވަނީ މީގެ ކުރިން ދުވަހަކުވެސް ރެކޯޑު ނުވާ ވަރަކަށް ކަމަށް ބުނެއެވެ.

އީޔޫގެ މޫސުމާ ބެހޭ ޖަމިއްޔާއިން ބުނީ މި ހިނގާ ޖުލައި މަހު ދުނިޔެ ހޫނުވެފައިވާ ނިސްބަތް ރެކޯޑު މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ. ހާއްސަކޮށް މިއަހަރުގެ ފުރަތަމަ ތިން މަހުގެ ހޫނުމިން އެތައް ހާސް އަހަރުތަކު ނުވާވަރަށް ހޫނުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

މީގެ ކުރިން އެވްރެޖުކޮށް ދުނިޔޭގެ ވައިގެ ހޫނުމިން ހުރި ނިސްބަތް އެންމެ މަތިވެފައިވާ ކަމަށް ރެކޯޑުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެ އަހަރު ވަނީ 16.63 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ. އެ ރެކޯޑު މުގުރާލައި މިމަހު ވަނީ ހޫނުމިން 16.95 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ.

ސައިންސްވެރިން ވަނީ ދުނިޔޭގެ ހޫނުމިން ކުރިން ރެކޯޑު ނުވާވަރަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔޭގެ އެކި ކަންކަމަށް ބޮޑެތި ބަދަލުތަކެއް އަންނާނެތީ ސަމާލުވުމަށް ވެސް ގޮވާލައިފައެވެ.