މާލޭގައި ރޯގާ ފެތުރެމުންދާތީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަން އުފާ ކާނިވާ ބޭއްވުން ފަސްކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކާނިވާ ފަސްކޮށްފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށެވެ. ކާނިވާ އަލުން ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ކާނިވާ ބޭއްވުން ފަސްކޮށްފައި މިވަނީ ވަރަށް ގިނަ ބަޔަކު ކާނިވާ ފަސްކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލާފައި ވަނިކޮށެވެ.

މިނިވަން އުފާ ކާނިވަލަކީ ހޯމް މިނިސްޓްރީއާއި އާބަންކޯ ގުޅިގެން ބާއްވާ ކާނިވަލެކެވެ. އާބަންކޯއިން އިއްޔެ ބުނެފައިވަނީ އެ ކާނިވަލް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކުލަގަދަ ކާނިވަލަށް ކަމަށެވެ.

ކާނިވަލުގައި ކުރިއަށްދާނެ ހަރަކާތްތަކުގެ ތެރޭގައި ގޭމް ސްޓޯލުތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓުތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާއެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެއެވެ. އޭގެ އިތުރުން ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒަ ޓެގްގެ ހަރަކާތްތައްވެސް ހިމެނިފައިވެއެވެ.

ރެއިން ފެށިގެން ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސް ހުސްވެފައިވާ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

ރާއްޖެއަށް ބޭސް އެތެރެކުރާ އެސްޓީއޯގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސް އަދި ލޮނު ޕެކެޓު ހުސްނުވާ ކަމަށާއި ބޭސް ލިބުމުގައި ވެސް އެއްވެސް ދަތިކަމެއް މިވަގުތު ނެތް ކަމަށެވެ.

"ބޭސް އެބަހުރި، ބޭސް ލިބުމުގައި ވެސް ދަތިކަމެއް ނެތް،" އޮފިޝަލް ވިދާޅުވިއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް ކުޑަކުދިންނާއި ބައެއް ބޮޑެތި މީހުންގެ މެދުގައި އާންމުވެފައިވާ ކަމަށް މީގެ ދެ ދުވަސްކުރިން އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވަނީ ވިދާޅުވެފައެވެ.

އޭނާ މިއަދު ވިދާޅުވީ މިވަގުތު މުޅި މާލެ އޮތީ ހޮޑުލުމުގައި ކަމަށާއި އައިޖީއެމްއެޗްގެ އިމަޖެންސީ ބައި (އީއާރު) ވެސް ފުރިއްޖެ ކަމަށެވެ.

ޑރ. ފައިސަލް ވަނީ މި ރޯގާ ޖެހި ބޭރަށް ހިންގައި ހޮޑުލާ ނަމަ، ކަން ކުރާންވީ ގޮތުގެ މުހިންމު އިރުޝާދުތަކެއް ދެއްވައިފައެވެ. އެގޮތުން އަތް ދޮވެގެން ނޫނީ ނުކެއުމާއި އަވަސް އަވަހަށް އަތް ދޮންނަން އާދަކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ.

"ހޮޑަށް ދޭ ބޭސްކޮޅެއް ދީފައި މަދުމަދުން ވިޔަސް އަވަސް އަވަހަށް ދިޔާ އެއްޗެހި ދެއްވާ! ފެން މަދުވިޔަނުދީ ވޭތޯ ބަލާތި! މާ ވަރުދެރަވެ ހީސްނުލައި 8 ގަޑިއިރު ވީމާ ޖެހޭނީ އައިވީކޮޅެއް ދޭން،" ޑރ. ފައިސަލް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާއިން މިއަދު ފެންނަ ބައެއް ޕޯސްޓުތަކުން ފާހަގަވާ ގޮތުގައި، ރޭވެސް ވަނީ އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ކުޑަކުދީން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެކަމާ ގުޅޭގޮތުން އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރެއިން ފެށިގެން މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެކަމުގެ ސަބަބު ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.