ށ. މަތި ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެ ކުންފުނިން ޗާޓަރުކޮށްފައިވާ ޑްރެޖާ "ފިލިޕޯ ބްރުނެލޭޝީ" އިން ކަމަށެވެ. މަތި ކޮމަންޑޫ ހިއްކުމަށް އެ ޑްރެޖާ މޮބިލައިޒްކޮށްފައިވަނީ ހއ. އިހަވަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހު ކަމަށް އެމްޓީސީސީން ބުންޏެވެ.

މަތި ކޮމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކައި، 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލުން ހިމެނެއެވެ. އަދި 1،690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުން ވެސް ހިމެނެއެވެ.

މަތިކޮމަންޑޫ ބިން ހިއްކައި ކޮމަންޑޫއާ ގުޅުވާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުުކޮށްފައިވަނީ 249.90 މިލިއަން ރުފިޔާއަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

އެމްޓީސީސީން ވަނީ މިއަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހު ދެ ކޮމަންޑޫ ގުޅުވައިލުމަށް ހަދަންޖެހޭ ސާވޭތައް ހަދައި ނިންމައިފައެވެ. އެމްޓީސީސީން އެ ދުވަހު ބުނެފައިވަނީ ސާވޭގެ ދަށުން ބުރިޖުގެ ފުންމިން ބެލުމަށްޓަކައި ބާހޯލު ތޮރުފައިގެން ބެޑްރޮކް ހުރި މިންގަނޑު ބަލައިފައިވާނެ ކަމަށެވެ. އަދި ސާވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖުގެ ފައުންޑޭޝަން އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "ވަން" އަށް މިމަހުގެ އަށްވަނަ ދުވަހު ވިދާޅުވެފައިވަނީ، ކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ފުރިހަމަކޮށް ނިންމާނެ ކަމަށެވެ.