މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ މައުމޫން ފައުންޑޭޝަން އުވާލަން ޔޫތު މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މައުމޫން ފައުންޑޭޝަަނަކީ، މައުމޫނު 2010 ވަނަ އަހަރު އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް އުފެއްދެވި ޖަމިއްޔާއެކެވެ.

ޔޫތު މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ވަނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން 1،989 ޖަމިއްޔާއެއް އުވާލަން ނިންމައިފައެވެ. އެ ޖަމިއްޔާތަކުގެ ތެރޭގައި މައުމޫން ފައުންޑޭޝަން ވެސް ހިމެނެއެވެ.

ޖަމިއްޔާތައް އުވާލަން ޔޫތު މިނިސްޓްރީން ނިންމީ، ހިންގާ ކޮމިޓީ ރަޖިސްޓަރީ ކޮށްފައި ނުވުމުންނާއި، ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކުގެ ތެރެއިން މި އަހަރުގެ ނިޔަލަށް ޖެހިޖެހިގެން ދެ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާފައި ނެތުމުން ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

ޖަމިއްޔާތައް އުވާލަން ނިންމިޔަސް އެ ލިޔެކިޔުންތައް ފުރިހަމަކޮށް، އުވާލުން ހުއްޓުވުމަށް އެދުމުގެ ފުރުސަތު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޔޫތު މިނިސްޓްރީން ވަނީ ދީފައެވެ.

ޖަމިއްޔާތަކުގެ މައުލޫމާތު އަލުން ހުށަހެޅުމުގެ ފުރުސަތު ދިނީ، އުވާލަން ނިންމި ބައެއް ޖަމިއްޔާތަކަކީ ރަށާއި އަތޮޅަށް އަދި މުޅި ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ހިލޭސާބަހަށް ކުރަމުންދާ ޖަމިއްޔާތަކަކަށް ވުމުންކަމަށް މިނިސްޓްރީން ބުންޏެވެ.

މައުމޫން ފައުންޑޭޝަން އުފެދުނު އަހަރުން ފެށިގެން އެ ފައުންޑެޝަނުން އަންނަނީ ރާއްޖެއިން ބޭރުން ކިޔެވުމަށް ސްކޮލާޝިޕް އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ދެމުންނެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެ ފައުންޑޭޝަނުން ވަނީ ދީނީ ދަރުސްތައް ވެސް ބާއްވައިފައެވެ.