މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުތައް ބާއްވައިފިއެވެ.
ގަލޮޅު ދަނޑުގައި ރޭ ބޭއްވި މިނިވަންދުވަހުގެ ހެވިކަމާއި ކުޅުވަރުތައް ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެވެ. މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތައް ބައްލަވައިލެއްވުމަށް، ރައީސްގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގެންނެވުމުން އެ ދެ ކަނބަލުންނަށް ވަނީ، ރިޔާސީ ކުރުނީހެއް އަރުވައިފައެވެ. އަދި ވަނީ ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ގައުމީ ސަލާން ކުޅެފައެވެ. މީގެ އިތުރުން ސިފައިންގެ ލަޝްކަރީންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގައި ވެސް ރައީސަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވައިފައެވެ.
މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބޭއްވި، ރާއްޖޭގެ ގައުމީ ކެޑޭޓްކޯގެ ޝަރަފުގެ ހިނގާލުމުގައި މާލޭގެ 14 ސްކޫލަކުން ބައިވެރިވިއެވެ. ކުޅިވަރު ހަރަކާތްތައް ހުށަހަޅާފައި ވަނީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިތުރުން، ހުޅުމާލެ ޖޫނިއާ އަދި ސީނިއާ ގުރޫޕުންނާއި، މާލޭގެ ހެންވޭރާއި މާފަންނުގެ ދެގުރޫޕުންނާއި، ކ. ކާށިދޫ ރައްޔިތުންގެ ފަރާތުންނާއި، ހއ. ވަށަފަރު ރައްޔިތުންގެ ފަރާތުން އަދި ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުންނެވެ.
އެ ހަރަކާތްތައް ބެލުމަށް 1،000 ވުރެ ގިނަ މީހުން ވަނީ ގަލޮޅު ދަނޑަށް ގޮސްފައެވެ.
މިއަހަރަކީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރުނު އަހަރެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ، 26 ޖުލައި 1965 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު