ޚަބަރު

އޭދަފުށީގެ މަގުތައް ދެ މަސް ތެރޭ ނިންމައި، އާ ބަނދަރުގެ މަސައްކަތް ފަށަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ބ. އޭދަފުށީގެ މަގުތަކުގައި ރަނގަޅުކުރަން ހުރި މަސައްކަތްތައް ކުރިއަށްއޮތް ދެ މަސްދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށާއި އެ ރަށުގައި ހަދާ އާ ބަނދަރުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށައިގަނެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އޭދަފުށީގެ މަގުތަކުގައި ތާރު އަޅައި ތަރައްގީކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ރައީސް ޔާމީން ސަރުކާރުގައި އުފެއްދި އެމްއާރުޑީސީއާ އެވެ. އެކުންފުންޏާ ހަވާލުކުރި މަޝްރޫއުތައް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ނުގެންދާތީ އާއި ބޮޑެތި މަޝްރޫއުތައް ނުނިންމައި ދިގުލައިގެން ދިއުމުގެ އިތުރުން، ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށްބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2018 ވަނަ އަހަރު އެ ކުންފުނި ވަނީ އުވާލައިފައެވެ.

އެހެންވެ މި ސަރުކާރުން އޭދަފުށީގެ މަގު ހެދުމުގެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީ އަށެވެ. އެމްޓީސީސީއަށް އެ މަސައްކަތް ހަވާލުކުރި އިރު، މަގުތަކުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ހުރީ ކޮށްފައެވެ.

ބ. އަތޮޅުގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތް ބައްލަވައިލެއްްވުމަށް ކުރެއްވި ދަތުރުގައި އޭދަފުއްޓަށް ވަޑައިގެން މީޑިއާތަކަށް މައުލޫމާތުދެއްވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީން އެ މަސައްކަތް މިހާރު ފުރިހަމަކޮށްފައިވީ ނަމަވެސް މަގު ހެދުމުގައި އެމްއާރުޑީސީން ބޮޑެތި ގޯސްތަކެއް ހަދާފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެ ކުންފުނިން އެބަހުރި ތިން ހޮޅި ލާން ޖެހޭ ތަންތަނަށް ދެ ހޮޅި ލާފައި. މަސައްކަތްކޮށް ނިންމި ފަހުން ބައެއް ދިމާތަކުން ހޮޅިތައް ވައްދަން ބެލިއިރު އެގޮތަށް ހަދާފައި ހުރިކަން ފާހަގަވެގެން މިދަނީ. އެގޮތަށް ތަންތަން ބަންދުކޮށްފައި ހުރުމުން ވަރަށް ބޮޑު ޗެލެންޖަކަށް ވަނީ މަސައްކަތްކުރަން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މަގުތަކުގެ ރެކްޓިފިކޭޝަން މަސައްކަތް ކުރާއިރު ސަރުކާރާ މަޝްވަރާކުރުމަށްފަހު އެމްއާރުޑީސީން އިހުމާލުވެފައިވާ ކަންތައްތައްވެސް ހައްލުކުރާނެ ކަމަށާއި އެ މަސައްކަތް ކުރުމަށް ރަނގަޅު ޓީމެއް އެ ރަށަށް ގެންގޮސް ކުރިއަށް އޮތް ދެ މަސްތެރޭ އޭދަފުށީ މަގުތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ޓާގެޓުކޮށްފައިވާ ކަމަށެވެ.

"އެމްޓީސީސީން މަސައްކަތެއް ކުރާ އިރު، ހާއްސަކޮށް މަގުގެ މަސައްކަތެއް ކުރާއިރު ބަލަނީ ރައްޔިތުންނަށް ވީހާވެސް ތަކުލީފު ކުޑަކޮށް މަސައްކަތް ރާވައިގެން ކުރިއަށްގެންދަން. އިރާދަކުރެއްވިއްޔާ ދެ މަސްތެރޭ މި މަސައްކަތް ނިންމާލެވޭނެ،" އާޒިމް ވިދާޅުވިއެވެ.

އޭދަފުއްޓަށް އާޒިމް ކުރެއްވި މި ދަތުރުގައި އެ ރަށު އާ ބަނދަރު ހަދަން ކައުންސިލުން ބޭނުންވާ ސަރަހައްދުވެސް ބައްލަވައިލެއްވިއެވެ. އާޒިމް ވިދާޅުވީ އާ ބަނދަރަކީ މިހާރު އޮތް ބަނދަރާއި ވަކިން ހަދަންޖެހޭ ބަނދަރަކަށްވާތީ އީއައިއޭ މަރުހަލާގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މި ދަތުރުގެ ތެރެއިން އެ ބަނދަރުގެ ކޮންސެޕްޓް ފައިނަލްކޮށް މަސައްކަތް އަވަސް ކުރުމަށް ކައުންސިލާއި މަޝްވަރާކޮށްފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް ބަނދަރުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ.