ދ. މާއެނބޫދޫ ހިމެނޭގޮތަށް ތިން ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

އެމްޓީސީސީއަށް މިއަދު ހަވާލުކޮށްފައިވަނީ ދ. މާއެނބޫދޫ، ލ. މާވަށް އަދި އދ. މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރުގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

ޕްލޭނިން މިނިސްޓްރީން މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 76.76 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ދަށުން މާއެނބޫދޫގައި ސޭންޑް ސާޗް ސާވޭއެއް ހެދުމާއި، 15 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެމްޓީސީސީއަށް، މާވަށް ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ 61.46 މިލިއަން ރުފިޔާއަށް 240 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ސޭންޑް ސަޗް ސާވޭއެއް ހެދުމާއ،ި 15 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 40.43 މިލިއަން ރުފިޔާއަށް 240 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ސޭންޑް ސާޗް ސާވޭއެއް ހެދުމާއ،ި ހަތް ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުތަކުގެ މަސައްކަތް ފަށާނީ އެންވަޔަރަމެންޓް އިމްޕެކްޓު އެސެސްމެންޓް (އީއައިއޭ) ހެދުމަށްފަހު ކަމަށެވެ.