އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ އިންތިހާބީ އެޖެންޓަކަށް، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ހަމަޖައްސައިފިއެވެ.

އެ މަގާމަށް ތޮލާލު ހަމަޖެއްސިކަން އިއުލާންކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ތޮލާލު ފުރުއްވަމުން ގެންދެވީ، ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށް އެ ކޯލިޝަނުން ތަކުރާރުކޮށް ގެންދަނީ ބުނަމުންނެވެ.

ނަމަވެސް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި، ރިޝްވަތާއި މަނީލޯންޑާކުރި މައްސަލައިގައި ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވިޔަސް ބައެއް އަޑުއެހުންތައް ކުރިއަށް ގެންދިއުމަށްފަހު މިހާރު މައްސަލަ އޮތީ ހުއްޓިފައެވެ. އެއީ އެ މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑީޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާ ގުޅިގެންނެވެ.

ޕީޕީއެމުން މިއަދުވެސް ބުނީ ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ. އަދި އިއްޔެއިން ފެށިގެން ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު، ރައީސް ޔާމީން ޖަލުގައި ހުންނެވުމުން، އެ މަނިކުފާނު އިންތިހާބަށް ކުރިމަތިލެއްވުމަށް ފުރުއްވަންޖެހޭ ފޯމު ފުރުއްވުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ޕީޕީއެމުން ވަނީ ކަރެކްޝަނަލް ސާވިސްގައި އެދިފައެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ އޯގަސްޓް ކަމުގެ ހަތްވަނަ ދުވަހަށެވެ.