ލަންކާގެ އިގުތިސާދު ސަލާމަތްކުރުމަށް އެގައުމުގައި އިންޑިއާ ރުޕީސް ބޭނުންކުރެވޭ ގޮތް ހަދަން މަސައްކަތް ފަށައިފިއެެވެ.

ލަންކާއިން އެގައުމުގެ އެތެރޭގެ އާންމު ވިޔަފާރިތަކުގައި އިންޑިއާ ރުޕީސް ބޭނުންކުރެވޭ ގޮތް ހެދުމަށް ނިންމާފައިވަނީ މިދިޔަ އަހަރު އެގައުމަށް ކުރިމަތިވި އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށް އޮފިޝަލުން ބުނެއެވެ.

ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ ވިދާޅުވީ އެގައުމުން އިންޑިއާ ރުޕީސް ބޭނުންކުރަން ފެށުމުގެ ސަބަބުން އެގައުމަށް ފަތުރުވެރިންގެ ގޮތުގައި އިންޑިއާއިން އަންނަ ފަރާތްތަކަށް ސީދާ ރުޕީސް އިން މުއާމަލާތް ކުރެވިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފައިސާ މާރުކުރަން ޖެހުމަށް ނިމުމެއް އަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ލަންކާ އަކީ އިންޑިއާގެ އެންމެ ބޮޑު ޓްރޭޑިން ޕާޓްނަރެވެ. އެގައުމުން ކާބޯތަކެއްޗާއި ބޭހުގެ އިތުރުން އިމާރާތްކުރާ ސާމާނާއި އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުތަކުގެ އިތުރުން ގަސްކާނާއާއި ކެމިކަލް ގިނަ އަދަދަކަށް އެތެރެކުރެއެވެ.

އިންޑިއާ އާއި ލަންކާގެ ވިޔަފާރީގެ މުއާމަތާތްތަކަށް ބަލާ އިރު، އެއްގައުމު އަނެއް ގައުމަށް މުދާ އެކްސްޕޯޓު ކުރުމާއި އިމްޕޯޓް ކުރުމަށް 2021 ވަނަ އަހަރު އެކަނިވެސް 5.45 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވެއެވެ.

އިންޑިއާއިން ވަނީ މިދިޔަ އަހަރު ލަންކާއަށް ދިމާވި އިގުތިސާދީ ކާރިސާގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަތުމަށް ހަތަރު ބިލިއަން ޑޮލަރުގެ އެހީ ލަންކާއަށް ދީފައެވެ.