ދުނިޔެ

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކުގައި އަފްގާނިސްތާނުން 31 މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކުގައި އަފްގާނިސްތާނުން 31 މީހުން މަރުވެއްޖެއެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، ވިއްސާރަވުމުގެ ސަބަބުން ހިނގާފައިވާ އެކިއެކި ހާދިސާތަކުގައި މިހާތަނަށް 74 މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދީފައިވެއެވެ.

އަފްގާނިސްތާނުގެ އޮފިޝަލުން ބުނާ ގޮތުގައި، އެ ހާދިސާތަކުގައި މިހާތަނަށް 41 މީހަކު ވަނީ ގެއްލިފައެވެ.

އދ.ގެ އިންސާނީ ހައްގުތަކާބެހޭ އިދާރާއިން ބުނެފައިވަނީ އަފްގާނިސްތާނުގައި އިގުތިސާދީ ކާރިސާއެއް ކުރިމަތިވެފައިވާއިރު އެ ގައުމަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގައުމުގެ ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

އަފްގާނިސްތާނުގެ އިތުރުން އަވަށްޓެރި ޕާކިސްތާނުގައިވެސް ވިއްސާރަވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެފައިވާ އިރު، އެ ގައުމުން 13 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.