އަރަބި ދުނިޔެއަކީ މައިގަޑުގޮތެއްގައި އަރަބިބަހުން ވާހަކަ ދައްކާ ބާވީސް ގައުމެވެ. އަރަބި ދުނިޔޭގެ އެންމެ އުތުރުގައި ސީރިޔާ އާއި އިރާގެވެ. އެންމެ ހުޅަނގުގައި މޮރޮކޯ އާއި މޮރިޓޭނިއާއެވެ. އެންމެ އިރުމަތީގައި އެމިރޭޓްސްއެވެ. އެންމެ ދެކުނުގައި ކޮމޯރޯސްއެވެ. އަރަބި ދުނިޔޭގައި 106 މިލިޔަންގެ އާބާދީއަކާއެކު އެންމެ ބައިބޯ ގައުމަކީ މިސްރެވެ. ބިމުގެ ގޮތުން އެންމެ ބިޔަ ގައުމަކީ އަލްޖީރިއާއެވެ. މުޅި އަރަބި ދުނިޔޭގެ އާބާދީއަކީ 457 މިލިޔަނެވެ. ސައިޒަކީ 13 މިލިޔަން އަކަކިލޯމީޓަރެވެ. ޖީޑީޕީއަކީ 3 ޓްރިލިއަން އެމެރިކާ ޑޮލަރެވެ. ގަތަރާއި އެމިރޭޓްސް އާއި ސައޫދީ އަރަބިޔާ ފަދަ މުއްސަނދި ގައުމުތައް މިއޮޅީގައި ހިމެނޭތީ އަރަބި ދުނިޔެއަކީ މުއްސަނދިކަމާއި ތަނަވަސްކަމުގެ ދުނިޔެއެއް ކަމަށް ބައެއް މީހުން ހީކުރެއެވެ. ހަގީގަތަކީ އެޔެއް ނޫނެވެ. އިންތިހާ ދަރަޖައިގެ ފަގީރު ގައުމުތައްވެސް އަރަބި ސަފުގައި ހިމެނެއެވެ. ތިރީގައި މި ބަލައިލަނީ އަރަބި ދުނިޔޭގެ އެންމެ ފަގީރު ފަސް ގައުމަށެވެ.

ސޮމާލިޔާގައި އަހަރަކު ބޮލަކަށްޖެހޭ މިންވަރަކީ 461 ޑޮލަރެވެ. އިގްތިސާދު ބިނާވެގެންވަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. ފާއިތުވި ފަސްއަހަރުގެ ތެރޭގައި ވާރޭވެހުން މަދުވެ ހަނަފަސްކަން އިތުރުވުމުގެ ސަބަބުން ފަގީރުކަން ވަނީ ކުރިއަށްވުރެވެސް ބޮޑުވެފައެވެ. ތިރީސް އަހަރުވީ ދިގު ދާޚިލީ ހަނގުރާމައެއްގެ ސަބަބުން ގައުމު ވަނީ މުޅިން ވީރާނާވެ ސުންނާފަތިވެފައެވެ. ސަރުކާރުގެ ބާރުދެރަވެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުގަދަވުމުގެ ނަތީޖާއެއްގެ ގޮތުން ގައުމުގައި އިންތިޒާމް ކުރެވިގެން ހިނގާ ވެރިކަމެއްވެސް ނެތެވެ. އެހެންވީމާ އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިއަށް ހިނގައިގަތުމުގެ ހަކަތައެއް ބާރެއް ނެތެވެ. ގާތްގަޑަކަށް ސަތާރަ މިލިޔަން މީހުންގެ އާބާދީއެއް ލިބިގެންވާ ސޮމާލިޔާއަކީ އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމެވެ.

ސީރިޔާގައި އަހަރަކު ބޮލަކަށްޖެހޭ ނިސްބަތަކީ 537 ޑޮލަރެވެ. އެހެންވީމާ އެއީ މިވަގުތު އަރަބި ދުނިޔޭގައި ދެވަނައަށް އެންމެ ފަގީރު ގައުމެވެ. ސީރިޔާގެ ފަގީރުކަމުގެ އަސްލަކީ އެގައުމުގައި ހުއްޓުމެއްނެތި ކުރިއަށްދާ ދާޚިލީ ހަނގުރާމައެވެ. މި ހަނގުރާމައަށް މިވީ ބާރަ އަހަރެވެ. ސީރިޔާގައި ގުދުރަތީ މުއްސަނދިކަން އެބަހުއްޓެވެ. ތެލާއި މައުދަންވެސް އެބަހުއްޓެވެ. އެކަމަކު އިގްތިސާދު ހީނަރުވެ ވަޅުޖަހާފައިވަނީ ހަނގުރާމައިގެ ސަބަބުންނެވެ. ފާއިތުވީ ބާރަ އަހަރުގެ ހަނގުރާމައިގެ ސަބަބުން ވެރިރަށް ދިމިޝްގު ފިޔަވައި ގައުމުގެ އެހެން ހުރިހައި ސަހަރެއްވަނީ ސުންނާފަތިވެފައެވެ. އާބާދީގެ ބޮޑުބައެއް ވަނީ ރެފިއުޖީންނަށްވެފައެވެ. އިހުޒަމާނުގައި ސީރިޔާއަކީ އަރަބި ދުނިޔޭގައި އާރޯކަމާއި ތާޒާކަމާއި ފެހިކަމުގެ ނަމޫނާއެކެވެ. އެހެންނަމަވެސް ބާވީސް މިލިޔަން މީހުންގެ ވަޒަންކަމަށްވާ ސީރިޔާއަކީ މިއަދު ވީރާނާކަމާއި ބިރުވެރިކަމުގެ މިސާލެކެވެ.

ޔަމަނުގައި އަހަރަކު ބޮލަކަށްޖެހޭ މިންވަރަކީ 677 ޑޮލަރެވެ. އެހެންވީމާ އެއީ އަރަބި ދުނިޔޭގައި ތިންވަނަޔަށް އެންމެ ފަގީރު ގައުމެވެ. ޔަމަނަކީ ގުދުރަތީ މުއްސަނދިކަން ހުރި ގައުމެކެވެ. ސްޓްރެޓީޖިކް ގޮތުން ނުހަނު މުހިއްމު ސަރަހައްދެއްގައިއޮތް ގައުމެކެވެ. އެހެންނަމަވެސް ގައުމަށް ކުރިމަތިވެފައިވާ ހުރަހަކީ އަދި ހިތްދަތި ކަމަކީ ދާޚިލީ ހަމަނުޖެހުންތަކެވެ. ބައިބައިވުމެވެ. ޔަމަނަށް މިނިވަންކަން ލިބުނު ހިސާބުން ފެށިގެންވެސް ގައުމުގައި އޮތީ ހަމަނުޖެހުންތަކެވެ. އެހެންވީމާ އިގްތިސާދު ނަގައި ކޮޅަށްޖެހުމަށް ފުރުސަތެއް ނުލިބެއެވެ. ޔަމަނުގައި މިހާރު ކުރިއަށް އެދަނީ ނުވަ އަހަރުވީ މަޒުހަބީ ސަރަހައްދީ ހަނގުރާމައެކެވެ. ސުންނީންނާއި ޝިޔާއިންގެ ހަނގުރާމައެކެވެ. މި ހަނގުރާމައިގެ ސަބަބުން ހުރިހާ މާނައެއްގައިވެސް ގައުމުވަނީ ފުނޑިގެން ގޮސްފައެވެ. ގާތްގަޑަކަށް 33 މިލިޔަން މީހުންގެ އާބާދީއެއް ލިބިގެންވާ ޔަމަނަކީ ދުނިޔޭގެ ނިސްބަތުންވެސް އިންސާނީ އެންމެ ހިތާމަވެރި ކާރިސާއަކަށް ހުށައެޅިފައިވާ ގައުމެވެ.

ސޫދާނުގައި އަހަރަކު ބޮލަކަށް ޖެހޭ މިންވަރަކީ 1102 ޑޮލަރެވެ. އެހެންވީމާ އެެއީ އަރަބި ދުނިޔޭގައި ހަތަރުވަނައަށް އެންމެ ފަގީރު ގައުމެވެ. ސޫދާނުގެ ފަގީރުކަމަކީ ދުނިޔޭގެ އެހެނިހެން ގައުމުތަކުން އަންތަރީސްވާންޖެހޭ ކަމެކެވެ. ސޫދާނަކީ ބިންމޮޅު، ވަސީލަތްތައް ގިނަ އަދި ބިޔަ ގައުމެކެވެ. ސޫދާނުގެ ގުދުރަތީ މުއްސަނދިކަން އެތަނުގެ ރައްޔިތުންގެ ދިރިއުޅުމުން ނުފެނުމުގެ މައިގަނޑު ސިއްރަކީ ސަރުކާރުގެ ކޮރަޕްޝަނާއި ދާޚިލީ ހަމަނުޖެހުންތަކެވެ. ގަބީލާތަކުގެ ވާދަވެރިކަމާއި ގައުމީ ތަރައްގީގެ ވިސްނުން ކުޑަކަމެވެ. ސޫދާން އޮންނަނީ ސްޓްރެޓީޖިކް ގޮތުން ނުހަނު މުހިންމު ސަރަހައްދެއްގައެވެ. ޖުމްލަ ހަތް ގައުމަކާއި ސަރަހައްދީ އިމުން ގުޅިފައެވެ. ސަރަހައްދީ އަރައިރުންތަކުގެ ކަނި ސޫދާނަށް ބުރުމަކީވެސް ތަރައްގީއަށް އެޅިފައިވާ ހުރަހެކެވެ. މިމަގުން މިކަން ހިނގަމުންއައިސް މިއަހަރުގެ ތެރޭގައި ދާޚިލީ ބޮޑުވެގެންވާ ހަނގުރާމައެއްގެ ތެރެއަށް ސޫދާން ގެނބިގެން ދިޔުމަކީ ގައުމުގެ 46 މިލިޔަން ރައްޔިތުންގެ ހާލަތު ކުރިއަށްވުރެވެސް އެތައް ތަނެއް ފަހަތަށް ސޮހިގެންދާނެ މުސީބާތެކެވެ.

ކޮމޯރޯސްގައި އަހަރަކު ބޮލަކަށް ޖެހޭ މިންވަރަކީ 1485 ޑޮލަރެވެ. ކޮމޯރޯސްއަކީ އެފްރިކާގެ އިރުމަތީބިތުގެ އައްސޭރީގައި އޮންނަ ޖަޒީރާ ގައުމެކެވެ. އާބާދީއަކީ ގާތްގަޑަކަށް ނުވަ ލައްކައެވެ. އަރަބި ދުނިޔޭގެ އެންމެ ފަގީރު އަނެއް ހަތަރު ގައުމުގެ ހާލަތު ގޯސްވުމުގެ ސިއްރަކީ ދާޚިލީ ހަނގުރާމަކަމަށްވިޔަސް ކޮމޯރޯސްގައި ދާޚިލީ ހަނގުރާމައެއް ނެތެވެ. ކޮމޯރޯސްގެ ހާލަތު ގޯސްވުމުގެ މައިގަނޑު ސަބަބަކީ ކޮރަޕްޝަން އާއްމުވުމާއި ސަރުކާރުތައް ދޯދިޔާވުމާއި ހަރުދަނާ ސިޔާސަތެއް ނެތުމެވެ. ކޮވިޑުގެ އާލަމީ ވަބާގައި ކޮމޯރޯސްގެ ހާލަތު ވަނީ ކުރިއަށްވުރެވެސް ދަށަށް ވެއްޓިފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލުމުގެ ސަބަބުންނެވެ. ކޮމޯރޯސްއަކީ ކުރިން ފަރަންސޭސި އިސްތިއުމާރުގެ ދަށުގައި އޮތް ގައުމެކެވެ. މިނިވަންވީ 1975 ވަނަ އަހަރުއެވެ.