ހުޅުމާލޭގެ ދެވަނަ ފޭސްއިން އެމްޑީޕީއަށް ދިން ބޮޑު ތަރުހީބުން ސިއްސައިގެން ގޮސްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރެހެންދި ބީޗު ސަރަހައްދުގައި ރައީސް ސޯލިހުގެ ކެމްޕެއިން ޖަގަހައެއް މިއަދު ހަވީރު ހުޅުވައިދެއްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ދެވަނަ ފޭސްއިން އެފަދަ ބޮޑު ތަރުހީބެއް އެމްޑީޕީއަށް ލިބިދާނެ ކަމަށް ހީ ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު މިތަނަށް އައިސް ހުއްޓިލީމަ އަޅުގަނޑު ދިޔައީ ސިއްސައިގެން. ހިތަކަށް ނާރާ ހުޅުމާލޭގެ ފޭސް ދޭއްގައި އަޅުގަނޑުމެން ޖަގަހައެއް ހުޅުވާލަން އައިސްގެން އެފަދަ މަރުހަބާއެއް ތި ބޭފުޅުން އެއްވެސް އެމްޑީޕީގެ މީހަކަށް ވިދާޅުވެދާނެ ކަމަކަށް،" މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވައްސަކީ، މިދިޔަ ޖެނުއަރީ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ތެރޭގައި ވެސް ސީދާ ފެންނަ ގޮތަށް މަސައްކަތްތަކެއް ކުރެވިފައިވާ ތަނެއް ނޫން ކަމަށާއި ނަމަވެސް ދެވަނަ ފޭސްގައި އެމްޑީޕީގެ ހަރަކާތްތައް ފުޅާކުރަން ކުރި މަސައްކަތް ވަރަށް ފުރިހަމަ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ބިން ދޭން ނިންމުމުން ފެންނަނީ އުޖާލާވެފައިވާ މޫނުތަކެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ، އެމްޑީޕީން ނުކުތީ ފިކުރަކާއި ތަސައްވަރެއް ހިފައިގެން ކަމަށާއި އެއީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުން ކަމަށެވެ.