އިންޑިއާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއް ހިނގައި 20 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ މަހާރަޝްތަރާގައި ހިނގި މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ އިރު، އެމީހުން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ވަނީ މަސައްކަތްކުރުމަށް ހުރަސް އެޅިފައެވެ.

އިންޑިއާގައި ފާއިތުވެދިޔަ ދެ ހަފުތާގައި އެގައުމުގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވޭކަމަށް ބުނެފައެވެ.

ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 500،000 ރުޕީސްގެ ބަދަލެއް ދިނުމަށް މަހާރަސްތަރާގެ ސަރުކާރުން ވަނީ ބުނެފައެވެ.