އިރާގުގެ ބަސަރާގައި ހުންނަ ތިންސަތޭކަ އަހަރުވީ ސިރާޖީ މިސްކިތާއި އެ މިސްކިތުގެ މަޝްހޫރު މުންނާރު ތަޅައިލުމާ ގުޅިގެން ސަރަހައްދީ ސަރުކާރަށް އާއްމުންގެ ރުޅިވެރިކަން އަމާޒުވެއްޖެއެވެ. މުންނާރު ތަޅައިލީ މަގުފުޅާކޮށް ތޮއްޖެހުން ކުޑަކުރުމަށް ކަމަށް ބުނެއެވެ.
ތަޅައިލެވުނު މުންނާރު އިސްލާމީ ދުނިޔޭގައި މަޝްހޫރުވެފައިވަނީ ސިރާޖީ މުންނާރުގެ ނަމުންނެވެ. ގާތްގަޑަކަށް ތިރީސްހަފޫޓު އުސް މި މުންނާރުގެ ފަރުމާޔާއި ކުރެހުންތަކުގެ ސަބަބުން މުންނާރުގެ މަގުބޫލުކަން އެޔާ ގުޅިފައިވާ މިސްކިތަށްވުރެ ބޮޑެވެ. މިދިޔަ ހުކުރުދުވަހު ތަޅައިލެވުނު މި މިސްކިތަކީ ސުންނީންގެ މިސްކިތެކެވެ. މިސްކިތާއި މުންނާރު ތަޅައިލުމުގެ އަމުރު ނެރުއްވީ އެތަނުގެ ޝީއީ ގަވަރުނަރެވެ. ބަސަރާގައި އަޣުލަބިއްޔަތު އޮތީ ޝީއީންނަށެވެ.
މީލާދީން 1727 ވަނަ އަހަރު ބިނާކުރެވިފައިވާ މުންނާރު ތަޅައިލުމުގެ ބަދަލުގައި ކުރިން ހަމަޖެހިފައިއޮތީ އޭގެ ހައިސިއްޔަތު ބޮޑުކަމުން އެހެންތާކަށް ބަދަލުކުރުމަށެވެ. ތަޅައިނުލައި ރައްކާތެރި ކުރުމަށެވެ. އެކަމަކު އެންމެފަހު ވަގުތު މުންނާރު ތަޅައިލުމުން އާއްމުން ވަނީ ވަރަށް ހައިރާންވެ ރުޅިގަދަ ވެފައެވެ.
ބަސަރާގެ އާއްމުން ބުނާގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި އިސްކަންދެނީ ތާރީޚާއި ސަގާފަތު ރަމްޒުކޮށްދޭ ނިޝާންތައް ހިމާޔަތް ކުރުމަށެވެ. އެކަމަކު އިރާގުގައި މިހާރު އިސްކަންދެނީ އެފަދަ އާސާރުތައް ނައްތައިލުމަށެވެ. މިއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
އިރާގުގެ މަރުކަޒީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު އަހުމަދު އަލްބަރުދާނީ ވިދާޅުވީ ސިރާޖީ މުންނާރު ތަޅައިލުމަށް އޭނާ އިޒުނަ ނުދެއްވާ ކަމަށާއި އެއީ ބަސަރާގެ ގަވަރުނަރުގެ އަމިއްލަފުޅު ނިންމެވުމެއް ކަމުގައެވެ. މީގެ ރައްދުގައި ގަވަރުނަރު އަސްއަދު އަލްއައިދާނީ ވިދާޅުވީ އެކަންކުރީ އަންގަންޖެހޭ ހުރިހައި ފަރާތްތަކަށް އަންގައި އެފަރާތްތަކުގެ ދެކޮޅުހެދުމެއް އޭރު ނެތުމުން ކަމުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ