ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެ އަކަށް ނެޝަނަލް ޕޭމަންޓް ގޭޓްވޭ ސިސްޓަމްގެ ދައުރު ބޮޑުވާ މިންވަރު ސާފުނުވާ ޒުވާނެއް މަދުވާނެއެވެ. ދިވެހި ކޮންމެ ޒުވާނެއްގެ އަތުގައި އެންމެ ފަހުގެ ސްމާޓް މޯބައިލް ފޯނު އޮންނާނެއެވެ. ޔަގީނުންވެސް ބީއެމްއެލްގެ މޯބައިލް ބޭންކް އެޕްލިކޭޝަން މި ދެންނެވި ސްމާޓް ފޯނުގައި ދާނީ ބޭނުން ކުރަމުންނެވެ. އީފާސްގެ ތެރެއިން ޑިޖިޓަލް އައިޑީ ކާޑާއި ޑިޖިޓަލް ލައިސަންސްވެސް ފޯނުން ދައްކާ ނުލާނެ ޒުވާނެއް މިހާރު ވަރަށް މަދުވާނެއެވެ. ކުރިން ފަހަތު ޖީބަށް ލައިގެން ގެންގުޅުނު ބޮޑު ވޮލެޓާއި އޭގަ އޮންނަ ފަސް ހަ ޕުލާސްޓިކް ކާޑުގެ ޒަމާން މިދަނީ މާޒީވަމުންނެވެ. ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުންދާ ވާހަކަ މި ދެއްކެނީ ޖީބުގައި އޮންނަ ބޮޑު ވޮލެޓް މިހާރު ގޭގައި ބާއްވާފައި ބޭރުގައި އުޅުނަސް ކުރިން ކުރި ހުރިހާ ކަމެއް، އަތުގައި އޮތް ސްމާޓް ފޯނުން ކުރެވޭތީއެވެ.

ކުރިން ކޮފީއެއް ބޯލުމަށްފަހު ލާރި ދައްކާނީ ކޭޝްކާޑް ބޭނުން ކޮށްގެން ނުވަތަ ރުފިޔާ ދީގެންނެވެ. މިހާރު އެކަން ކުރަނީ ޓްރާސްފާއަކުން ނުވަތަ ފޯނުގައިވާ މޯބައިލް ބޭންކުގެ އީވޮލެޓްގެ ތެރެއިން ކިޔުއާރު ކޯޑެއް ސްކޭން ކޮށްލައިގެންނެވެ. ދަންވަރު ބުރެއް ޖަހާލަން ނުކުންނަ ކޮންމެ ފަހަރަކު ޕޮލިހުންނަށް ވޮލެޓް ތެރެއިން ނަގާ ޕްލާސްޓިކް ލައިސަންސް ކާޑު ދައްކަން ނުޖެހި ސަލާމަތްވާނީ މަދު ފަހަރެއްގައެވެ. އެތެރޭގެ އުދުހުންތަކަށް، ފުރަންދާ ބައެއް ފަހަރަކު ޕްލާސްޓިކް އައިޑީކާޑު ނުލާ ދެވިގެންނާއި މުއްދަތު ހަމަވެގެން ނުފުރިވެސް އެބަ ހުއްޓެވެ. ނަމަވެސް މިހާރު އެއީ މާޒީއެވެ. މިދިޔަ ފަސް އަހަރު ތެރޭގައި މި ރާއްޖެއަށް ގެނައި ތަރައްގީގެ ތެރެއިން ބޮޑުހިލަ ބަނޑަރަކަށް ނުވިޔަސް މަތީގައި ދެންނެވި ކަންކަމާއެކު ބޮޑެތި ފަސޭހަތަކެއް ލިބި، މި ދާއިރާއަށް ބޮޑު ތަރައްގީއެއް މިވަނީ އައިސްފައެވެ.

ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގައި އެކިވަރުގެ އާބާދީތައް ދިރިއުޅެމުންދާ ޖަޒީރާ ރާއްޖެއެކެވެ. މާލެއިން ލިބޭ ނުވަތަ ހޯދާ ހުރިހާ ހިދުމަތްތަކެއް ރަށުގޮނޑުދޮށަށް ގެނެސް ފޯރުކޮށް ދިނުމަކީ މުސްތަހީލު ކަމެކެވެ. ދުވަހުން ދުވަހަށް ހޯދަންޖެހޭ ގިނަ ހިދުމަތްތަކެއް އަދިވެސް ދެނީ މިނިސްޓްރީތަކުގެ ތެރެއިންނެވެ. ރަށުގައި ތިބޭ މީހުންނަށް ބައެއް ރަށު ކައުންސިލްތަކަށް ގޮސްގެން ހޯދެނީ ހަމައެކަނި ވިހާ މަރުވާ ފޯމުފުރުމުގެ ހިދުމަތް އެކަންޏެވެ. ނަމަވެސް ގިނަ މިނިސްޓްރީތަކެއްގެ ހުރިހާ ހިދުމަތެއް މިހާރު ވަނީ އޮންލައިން ޕޯޓަލްގެ ވަންގަވް، ބޭނުން ކޮށްގެން ދެވޭ ގޮތް ހަދައިފައެވެ. ޕާސްޕޯޓްގެ ހިދުމަތާއި އައިޑީ ކާޑުގެ ހިދުމަތްވެސް މިހާރު ގޭގައި ހުރެގެން ހޯދޭނެއެވެ. ލައިސަންސް ހޯދަން ދިގު ކިއުގައި ތިބި ޒަމާން މިހާރު ހަނދާނެއް ނެތެވެ. ފެރީތަކަށް އެރުމަށް ނުވަތަ ބަހުގެ ހިދުމަތް ހޯދުމަށް ކަރުދާސް ޓިކެޓް ގަނެގެން އެރި ޒަމާންވެސް ނިމިއްޖެއެވެ.

ހަމަ އެއާއެކު ބޭންކް އެކައުންޓް ހުޅުވަން ބޭންކުތަކަށް ގޮސް ދިގު ކިއުގައި ތިބި ޒަމާންވެސް މަޑުމަޑުން މިވަނީ މާޒީންވާން ފަށައިފައެވެ. ޑިޖިޓަލް އައިޑީ ނުވަތަ އީފާސް ބޭނުންކޮށްގެން މިހާރު އިސްލާމިކް ބޭންކް އެކައުންޓް ހުޅުވޭނެއެވެ. މާގިނަ ދުވަސްތަކެއް ނުވެ ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްވެސް ކޮންމެ ތާކު ހުއްޓަސް ހުޅުވޭނެ ގޮތްވާނެއެވެ. ދިވެހިން ބޭނުންވާ ޑިޖިޓަލް ރާއްޖެ މި އޮތީ އަތްފޯރާ ފަށަށް އައިސް މޯބައިލް ފޯނުގެ ތެރެއަށް ވަދެފައެވެ.

ނަމަވެސް ޑިޖިޓަލް ރާއްޖޭގެ އެންމެ މުހިންމު އަދި އެންމެ އަސާސީ ހިދުމަތް އަދިވެސް ވަނީ ނުފެށިއެވެ. ގައުމީ ޕޭމަންޓް ގޭޓްވޭ ސިސްޓަމް އަދިވެސް ނުފެށި އޮތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. 2022 ވަނަ އަހަރު ފަށާނެ ކަމަށް ބުނި ހިދުމަތުގެ ހަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު ނިމިދިޔަ ހަފުތާގައި އެމްއެމްއޭއިން ވަނީ ތިން ބޭންކަކާ އެކު ނެޝަނަލް ޕޭމަންޓް ގޭޓްވޭ ސިސްޓަމް ފެށުމަށް އެންމެ ފަހުގެ ސޮއިކޮށްފައެވެ. އަދި ލަސްތަކެއް ނުވެ އެ ހިދުމަތް ފެށިގެންދާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި، ފުރަމަތަ މަރުހަލާގައި ދޭނީ ހަމައެކަނި ރާއްޖޭގެ އެތެރޭގެ ބޭންކުތަކުން ފޮނުވާ ފައިސާ ވަގުތުން އެއް ބޭންކުން އަނެއް ބޭންކަން ޖަމާކޮށްދިނުމުގެ ހިދުމަތެވެ. އެ ހިދުމަތް ފެށުމުން އިސްލާމިކް ބޭންކުން ޓްރާންސްފާ ކުރާ ފައިސާ ބީއެމްއެލްގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. މީ ރާއްޖޭގެ ބޭންކުތަކުގެ މެދުގައި ގާއިމުކުރެވޭ މިފަދަ ފުރަތަމަ ގުޅުމެވެ.

ނަމަވެސް މީ ދިވެހިން މިދާން ބޭނުންވާ ޑިޖިޓަލް ރާއްޖެއަށް ދިއުމަށް ފުދޭ މިންވަރެއް ނޫނެވެ. ދިވެހިންނަކީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއަށް އަހުލުވެރި ބައެކެވެ. ވިޔަފާރީގެ ހިދުމަތްތަކަށް ފައިސާގެ މުއާމަލާތް މިހާރަށްވުރެ އެތައް ގުނައެއް އަވަސްވާންޖެހެއެވެ.

އެހެންކަމުން ދިވެހިންނަށް ހިތްހަމަޖެހުމެއް ލިބޭނީ ޕޭޕަލް، އެޕަލްޕޭ އަދި ގޫގުލްޕޭ ފަދަ އީވޮލެޓްތަކުން ފައިސާ ވަގުތުން ޖަމާކުރެވި ބޭރު ގައުމުތަކުގެ ބޭންކުތަކުން ފޮނުވާ ފައިސާ މިހާރަށްވުރެ އަވަހަށް ލިބޭ ދުވަހެއް ހޯދިގެންނެވެ. ދިވެހިން މި ދާން ބޭނުންވާ ޑިޖިޓަލް ރާއްޖޭގެ ހަފޮޅުން އެތެރެވާނީ އެ ދުވަހެއް އައުމުންނެވެ. އެހެންކަމުން ފުރިހަމަ ނެޝަނަލް ޕޭމަންޓް ގޭޓްވޭ ސިސްޓަމްގެ ދައުރު ދިވެހިންނަށް ކިތަންމެހާވެސް ބޮޑެވެ.