ބައިނަލްއަގުވާމީ ކައިޓްސާފިން ބްރޭންޑް، ޑުއަޓޯންގެ ބްރޭންޑް އެމްބަސަޑަރަކަށް ރާއްޖޭގެ އެންމެ ކުޅަދާނަ ކައިޓް ސާފަރު، ބ. ގޮއިދޫގެ ހަސަން މާހިރު (ހަންޓޭ) ހަމަޖައްސައިފިއެވެ.

އުމުރުން 20 އަހަރުގެ ހަންޓޭ އިއްޔެ ވަނީ ޑުއަޓޯން ބްރޭންޑްގެ އިކުއުޕްމަންޓްސް ސަޕްލައިކުރަމުންދާ އަކުއާކިއުބް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައެވެ. އެ ކުންފުނިން ހަންޓޭ ހަމަޖައްސާފައިވަނީ "ޑުއަޓޯން ލޯކަލް ރައިޑާ"އެއްގެ ގޮތުގައެވެ. ހަންޓޭ އިއްޔެ އާ ބްރޭންޑަކާއެކުގައި ސޮއިކޮށްފައިވަނީ މިދިޔަ ފަސް ވަރަކަށް އަހަރު ދުވަހު ސްލިންގްޝޮޓާއެކު މަސައްކަތް ކުރުމަށްފަހުއެވެ.

އިއްޔެ އާ ބްރޭންޑާއެކު ސޮއިކޮށް ހަންޓޭ ވަނީ ސްލިންގްޝޮޓުން މިދިޔަ އަހަރުތަކުގައި އޭނާއަށް ވެދިން އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި ހާއްސަކޮށް، ރާއްޖޭގައި ކައިޓް ސާފިން ކުރިއެރުވުމަށް ސްލިންގްޝޮޓުން ކުރަމުންދާ މަސައްކަތްވެސް ފާހަގަކޮށްފައެވެ.

އިއްޔެ ބޭއްވި ހާއްސަ އިވެންޓުގައި އަކުއާކިއުބްގެ ފަރާތުން ވާހަކަދެއްކެވި މެނޭޖިން ޑިރެކްޓަރު އާދަމް ފައިސަލް ވިދާޅުވީ ހަންޓޭ ރާއްޖޭގެ އަސްދަނޑިން ބޭރަށް ޓާގެޓް ކުރަން ޖެހޭ ކަމަށާއި، އެކަން ކުރުމަށް އެންމެ މުހިންމު ކަމަކީ ޒަމާނީ ވަސީލަތްތައް ހޯދުން ކަމަށެވެ. އެކަމަށް އެހީވުމަށް އަހަރެއްގެ މައްޗަށް ހަންޓޭއަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާގެ ތަކެތި ސަޕްލައިކޮށްދޭނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

"އަކުއާކިއުބް ޕްރައިވެޓް ލިމިޓެޑް، ދިވެހި ރާއްޖޭގެ މޫދު ކުޅިވަރުތަކުގައި ކުރިއަރައިދާ ކުދިންނަށް ބޮޑު ޕްލެޓްފޯމެއް ގާއިމުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޓާގެޓް. އަޅުގަނޑުމެން މި ހުޅުވާލަނީ އެތުލީޓްސް ސްޕޮންސަޝިޕް ޕްރޮގްރާމެއް. ފުރަތަމަ އަޅުގަނޑުމެންގެ އެމްބަސަޑަރަކަށް، ނޫނީ އެތުލީޓަކަށް މި ހަދަނީ ހަންޓޭ. މިހާރު ދިވެހިރާއްޖޭގައި ހަންޓޭއޭ ބުނީމަ ވަރަށް މަދު މީހަކަށް ނޫނީ އެނގޭނެ. ހަންޓޭއަށް ބޭނުންވާ އެންމެ ޒަމާނީ އިކިއުޕްމަންޓްސް މި ހޯދައިދެނީ. މިއީ ވަކިވަކި އެތުލީޓުންނަށް ކުރަން އުނދަގުވާނެ ހަރަދަކަށްވެފައި އޮންނާތީ އެކަމަށް މި އެހީތެރިވަނީ. ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާގެ ތަކެތި އަހަރު ހޯދައިދެވޭނެ،" ފައިސަލް ވިދާޅުވެއްޖެއެވެ.

އިއްޔެ ހަންޓޭ ބުނީ ސްޕޮންސާޝިޕާއެކު ވަރަށް ބޮޑަށް އުފާވެފައި ހުރި ކަމަށާއި، ކުރިއަށްދާން ފުރުސަތުތަކަށް ބަލަމުން އަންނަ ކަމަށެވެ.

"މިިއީ އަހަންނަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް. އަސްލު މި ކަހަލަ ސްޕޮންސަޝިޕެއް ލިބުމަކީ، މިއަދު ވަރަށް އުފާވެފައި މި ހުރީ. އުންމީދުކުރަނީ ކުރިއަށް މި އޮތް އަހަރަކީ ސަޅި އަހަރަކަށް ވާނެ ކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ،" ހަންޓޭ ބުންޏެވެ.

ހަންޓޭ އަންނަނީ ބ، ގޮއިދޫ އާއި ރާއްޖޭގެ ގިނަ ކައިޓް ސާފަރުންގެ ތެރެއިން ހޮވާލެވޭ 10 ވަރަކަށް ކައިޓްސާފަރުންނާ އެކު، މި މަހު ސްރީ ލަންކާއަށް ޓްރެއިނިން ކޭމްޕަކަށް ދާން ތައްޔާރުވަމުންނެވެ. ހަންޓޭ ބުނީ ޓްރެއިނިން ކޭމްޕް ފުރިހަމަވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އޭގެ އިތުރުން އިއްޔެ ވާހަކަދައްކަމުން ހަންޓޭ ވަނީ އާ ޖީލަކަށް އޭނާ ރަށުގައި ކުރަމުން އަންނަ މަސައްކަތްވެސް ފާހަގަކޮށްފައެވެ. އެގޮތުން އޭނާ ބުނީ ވައި ޖެހޭ ކޮންމެ ދުވަހަކީ އަރަމުން އަންނަ ޖީލުގެ ކުދިންނާއެކު ކައިޓް ސާފިންނަށް ދާ ދުވަހެއް ކަމަށެވެ.