ވެރިކަން ބަދަލުކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން ކަމަށް އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާރަންދުއަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، މީގެ ކުރިން އެމްޑީޕީން އަބަދުވެސް ނުކުންނަނީ ވެރިކަން ބަދަލުކުރުމަށް ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ވެރިކަމަށް އައުމަށްފަހުގައި ދެން ކުރަންޖެހޭނެ ކަމަކީ ވެރިކަން ދެމެހެއްޓުން، އެއީ ވެފައި ހުރި ވައުދުތައް ފުއްދުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް އައީ ކޯލިޝަނަކާ އެކުގައި ކަމަށާއި އެ ކޯލިޝަން ދަމަހައްޓާނެ ކަމަށެވެ. ކޯލިޝަންގެ ބައެއް ޕާޓީތަށް މިހާރު ފެޔަށް ޖެހިފައިވީ ނަމަވެސް އާ ކޯލިޝަންގައި ގައުމަށް ހެޔޮ އެދޭ ދެ ޕާޓީ ކަމަށްވާ އެމްޑީއޭއާއި އަދާލަތު ޕާޓީ އެބަ އޮތް ކަމަށާއި ރިޔާސީ އިންތިހާބުގެ ނަތީޖާއިން އެކަން ފެންނާނެ ކަމަށެވެ.