ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ކުރައްވާފައިވާ ހަމަކޮންމެ ކަމެއް ޣައިރުގާނޫނީ ގޮޅިގޮޅިއަށް ފައްތަމުންގޮސް އެންމެފަހުން އިމްރާން ޚާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީގެ ކައިވެނިފުޅުވެސް ސައްހަނޫންކަމުގެ މައްސަލައެއް އިސްލާމްއާބާދުގެ ކޯޓަކުން ބަލަން ފަށައިފިއެވެ.
ވެރިރަށް އިސްލާމްއާބާދުގެ ޑިސްޓްރިކްޓް ކޯޓަކަށް މައްސަލަ ހުށައެޅީ މުހައްމަދު ހަނީފު ނަމަކަށް ކިޔުނު މީހެކެވެ. އޭނާގެ ދައުވާގައި ބުނެފައިވަނީ ބުޝްރާ ބީބީ އޭނާގެ ކުރީގެ ފިރިމީހާ ގާތުން ވަރިވެފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރުމަހު ކަމަށާއި އިމްރާން ޚާނާއި ކައިވެނި ކުރެއްވީ އިއްދައިގެ މުއްދަތު ހަމަނުކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީމަހު ކަމުގައެވެ. އިސްލާމްދީނުގައި އަންހެނަކު ހުވަފަތްވުމަށްފަހު ނުވަތަ ވަރިޔަކުން ކައިވެނި ނިމުމަށްފަހު ތިންމަސް ދުވަހު އިއްދައިގައި އިނުން ލާޒިމްކުރާއިރު ބުޝްރާ ބީބީއާ އިމްރާން ކައިވެނި ބެއްލެވީ ދީނުގެ އުސޫލުތައް މުގުރުއްވައި އިއްދައިގެ މުއްދަތު ފުރިހަމަ ނުކުރައްވައި ކަމަށްވެސް ބުނެފައިވެއެވެ.
މިކަން މިހެންހުރުމުން އިމްރާން ޚާންގެ ކައިވެނިފުޅު ސައްހަނޫންކަމަށް ކަނޑައަޅައި ބުޝްރާ ބީބީއާއެކު އިމްރާން ކުރެއްވިހާ ކަމެއް ކުރެއްވީ ކައިވެނިން ބޭރުގައި ހަލާލު ނޫންގޮތަށް ކަމަށް ނިންމައި ޝަރީއަތުގައި އެކަމަށް ކަނޑައެޅިފައި އޮންނަ އުގޫބާތް ދިނުމަށްވެސް އެދިފައިވެއެވެ. ކޯޓުން މި މައްސަލަ ބަލައިގަތުމަށްފަހު ފަނޑިޔާރު ގުދުރަތު ﷲ ވަނީ އިމްރާން ޚާނާއި ބުޝްރާ ބީބީ ކޯޓަށް ހާޒިރުވުމުގެ އަމުރެއް ނެރުއްވައިފައެވެ.
ބުޝްރާ އާއި އިމްރާނުގެ ކައިވެނިކޮށްދިން މައުޒޫނުގެ ބަޔާންވެސް ކޯޓުން މިހާރު ވަނީ ނަގައިފައެވެ. މުފްތީ މުހައްމަދު ސައީދު ދިން ބަޔާނުގައި އޭނާ ބުނެފައިވަނީ ބުޝްރާޔާއި އިމްރާން ކައިވެނި ބެއްލެވީ އިއްދައިގެ މުއްދަތު ހަމަނުކޮށްކަން އިމްރާނަށްވެސް އެނގިވަޑައިގަންނަވާ ކަމަށާއި ވަކި ތާރީޚެއްގެ ކުރިން މިކައިވެނި ކުރަން އިމްރާން ބޭނުންފުޅުވީ ފާލުބަލާ މީހުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި އޭނާއަށް ބޮޑުވަޒީރުކަން ލިބެންއޮތީ ވަކިދުވަހެއްގެ ކުރިން ބުޝްރާއާ ކައިވެނިކޮށްގެން ކަމަށް އިމްރާން ވިދާޅުވެފައިވާ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ