ހއ. އިހަވަންދޫ ކައިރީގައި އޮތް ދިގުފަރުގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަވާނެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އިހަވަންދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށްއޮތް ދައުރުގައި އިހަވަންދުއަށް ވެސް ގިނަ ޕްރޮޖެކްޓުތަކެއް އަންނާނެ ކަމަށާއި އެގޮތުން ގެދޮރުގެ ދަތިކަން ހައްލުކޮށްދެއްވައި، އެ ރަށަށް ފައިދާވާނެ ގޮތަށް ޓޫރިޒަމާ ގުޅުންހުރި ޕްރޮޖެކްޓެއް ހިންގަވާނެ ކަމަށެވެ. ނަމަވެސް އެ ޓޫރިޒަމް ޕްރޮޖެކްޓުގެ އިތުރު ތަފްސީލެއް ރައީސް ނުދެއްވައެވެ.

"އިހަވަންދުއަށް އަޅުގަނޑުމެން ކޮށްދޭން ނިންމާފައި އޮތް ދިގު ލިސްޓެއް، ވައުދުގެ ދިގު ލިސްޓެއް އަޅުގަނޑު އަތުގައި އެބައޮތް. އަޅުގަނޑު އޭގެން ބައެއް ވާހަކަ މިރޭ ދަންނަވާލާނަން. އެއް ކަމަކީ އިހަވަންދޫ ކައިރީގައި މިއޮތް ދިގުފަރުގައި އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް އަޅުގަނޑުމެން ހިންގަން ފަށާނަން. މި ރަށަށް ބޭނުންވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަށްޓަކައި މި ރަށުގައި ހައުސިން މަޝްރޫއެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަށައިގެން ކުރިއަށް ގެންދާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިހަވަންދޫގެ ބަނަރު މިހާރު ބޮޑުކުރެވި ދެގުނަ ކުރެވިފައިވީ ނަމަވެސް، ދަތިތަކެއް އެބަހުރި ކަމަށާއި އެގޮތުން ނެރު ބަދަލުކުރަން ޖެހޭ ވާހަކަ ރައްޔިތުން ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިންނާއި ރައްޔިތުން އެދޭގޮތަށް އެ ބަދަލު ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި ރަށުގެ މަސްވެރިން އެ އެދޭގޮތަށް މި ރަށުގެ ބަނދަރަކީ އަމާން ބަނދަރަކަށް ހެދުމަށްޓަކައި، ފަސޭހައިން ވަދެ ނުކުމޭ ތަނަކަށް ހެދުމަށްޓަކައި މަސްވެރިންނާއި މި ރަށު ރައްޔިތުން އެ ބޭނުންވާގޮތަށް ބަނދަރުގެ ނެރުގެ ޓެކްނިކަލް ސާވޭއެއް ހެދުމަށްފަހު ބަދަލުކޮށްދޭނަން. މި ރަށުގެ މަގުތައް ހެދުމަށް މިހާރު ވާނީ ކޮންޓްރެކްޓް ކުރެވިފައި، އެ މަސައްކަތް އަދި އޮތީ ނުފެށި. މިހާރު އަޅުގަނޑުމެން ނިންމާފައިވާނީ، މި ރަށުގެ މަގުތައް ހެދިގެންދާ އިރު، މިހާރު ހަދަން ނިންމާފައި އޮތް މަގުތަކުގެ އިތުރަށް ދެން ހުރި މަގުތައް ވެސް އެއަށް އިތުރުކޮށްގެން މި ރަށުގެ މަގު ހެދުމުގެ މަޝްރޫއު މުޅިން ފުރިހަމަކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މަސް ގަންނަ ބަނދަރުގެ މަސައްކަތް ކުރިއަށްއޮތް ދެތިން ހަފުތާގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކުރައްވާނެ ކަމަށާއި އެ ބަނދަރު ތަރައްގީކުރާނީ އެމްޓީސީސީގެ ސޭލްސް ސެންޓަރެއް ވެސް ހިމެނޭގޮތަށް ކަމަށެވެ. އަދި މަސް ގަނެ، މަސް ރައްކާކުރާ ފެސިލިޓީ ނިމިގެންދާ އިރުގައި، އެތަނުގައި ވެލިއު އެޑްކޮށްގެން މަސް ޕްރޮސެސްކުރެވޭނެ އިންތިޒާމު ވެސް ދެވަނަ ފޭސްގައި ކުރިއަށްގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.