ދުނިޔެ

އައިފޯންގެ ފުރަތަމަ ޖެނަރޭޝަން ފޯނެއް 190،000 ޑޮލަރަށް ވިއްކާލައިފި

މުހައްމަދު އައުޒަމް

އައިފޯންގެ ފުރަތަމަ ޖެނަރޭޝަން ފޯނެއް 190،000 ޑޮލަރަށް ވިއްކާލައިފިއެވެ.

އެޕަލް ކުންފުނިން 2007 ވަނަ އަހަރު އުފެއްދި އެ ކުންފުނީގެ ފުރަތަމަ އައިފޯނު ވިއްކާލާފައިވަނީ ނީލަމެއްގައެވެ. އެފޯނުގެ އަގަށްވުރެ 400 ގުނަ އަގުބޮޑުކޮށް ފޯނު ވިކިފައިވާއިރު އޭގެ އަގު ނީލަމުގައި ނިންމާފައިވަނީ 190،372.80 އެމެރިކާ ޑޮލަރަށެވެ.

4 ޖީބީ ސްޓޯރޭޖް ހިމެނޭ އެ އައިފޯން ވިއްކާލާފައިވަނި އޭގެ އަސްލު ޕެކިންގައި ކަމަށް ނީލަން އިންތިޒާމުކުރި ފަރާތުން ވަނީ ބުނެފައެވެ.

4 ޖީބީގެ ފުރަތަމަ ފޯނު ތައާރުފު ކުރުމަށް ފަހު އެޕަލް އިން ވަނީ ދެމަސް ތެރޭ އެ ފޯނު ވިއްކުން ހުއްޓާލާފައެވެ. އަދި 8 ޖީބީގެ މަގުބޫލުކަން އިތުރުވުމާއެކު އެ ފޯނު އުފެއްދުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފައިވެއެވެ.

މިދިޔަ ފެބްރުއަރީގައި ވަނީ އައިފޯނުގެ 8ޖީބީގެ ފޯނެއް 63،356.40 އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލާފައެވެ.