ވިލާތައް ގަނެވޭ މޮޑެލްއަކަށް ރާއްޖޭގައި ރިސޯޓެެއް ތަރައްގީކުރަން ނިންމައިފިއެވެ.
މި ރިސޯޓަކީ މަޝްހޫރު ލަގްޒަރީ ލެއިޝާ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ ކްރިސްޓަލް ޕްރޮޕަޓީ ގްރޫޕާއި ހޮސްޕިޓަލިޓީ އަދި ޓޫރިޒަމްގެ ދާއިރާއިން ކުރިއަރާފައިވާ ދަ ކޮކޯން ކަލެކްޝަނާއި ބައިސަން ގްރޫޕު ގުޅިގެން ތަރައްގީ ކުރާ ރިސޯޓެކެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ތިން ކުންފުނިން ސޮއިކޮށް މިއަދު ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން މި ރިސޯޓު ހިންގާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގައި މިހާރުވެސް ފާހަގަކޮށްލެވޭ ދަ ކޮކޫން ކަލެކްޝަނުންނެވެ.
ކްރިސްޓަލް ޕްރޮޕަޓީ ގްރޫޕުން ބުނެފައިވާ ގޮތުގައި މި ރިސޯޓު ތަރައްގީކުރާނީ ރިސޯޓް-ރެސިޑެންސް މޮޑެލްގައި ކޮޓަރިތައް ގަނެވޭ ގޮތަށެވެ. ރިސޯޓް-ރެސިޑެންސް މޮޑެލަކީ އަމިއްލަ ގެދޮރުގެ އެކްސްކްލޫސިވިޓީ އާއި ލަގްޒަރީ ރިސޯޓުތަކުން ފޯރުކޮށްދޭ މޮޅު ވަސީލަތްތަކާއި ހިދުމަތްތައް އެއްކޮށްލާފައިވާ ކޮންސެޕްޓެކެވެ.
"އިންފިނިޓް މޯލްޑިވްސް ބައި ކޮކޫން"ގެ ނަމުގައި ތަރައްގީ ކުރާ މި ރިސޯޓު ތަރައްގީކުރަން ހަމަޖެހިފައިވަނީ މާލެ އަތޮޅުގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލޯންޗެއްގައި ގާތްގަނޑަކަށް 25 އަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ އެ ރިސޯޓުގައި ބީޗް ވިލާ އާއި އޯވާ ވޯޓާ ވިލާ ހިމެނޭގޮތަށް މަލްޓިމިލިއަން ޑޮލަރުގެ 42 ވިލާ ހުންނާނެއެވެ. އަދި މި ރިސޯޓުން ކޮޓަރި ގަންނަ ފަރާތްތަކަށް ޕްރައިވެޓް އިންފިނިޓީ ޕޫލްތަކާއި އެންމެ ޒަމާނީ ފިޓްނަސް ސެންޓަރާއި ސްޕާ އަދި ވެލްނެސް ފެސިލިޓީތަކާއި ގޯރްމެޓް ޑައިނިން ފަދަ ހިދުމަތްތައް ރިސޯޓުން ލިބެން ހުންނާނެއެވެ.
އިންފިނިޓް ބައި ކޮކޫން ކަލެކްޝަންގެ ވިލާތައް އަންނަ ސެޕްޓެމްބަރު މަހު ވިއްކަން ފަށަން ހަމަޖެހިފައިވާ އިރު، ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީގައެވެ.
ކޮކޫން ކަލެކްޝަނުން މިހާރުވެސް ރާއްޖޭގައި ދެ ރިސޯޓެއް ހިންގައެވެ. އެއީ ކޮކޫން މޯލްޑިވްސް އާއި ޔޫއެންޑްމީ ބައި ކޮކޫންއެވެ. އޭގެ އިތުރުން ކ. ދިއްފުށީގެ ހުޅަނގު އުތުރުން އޮންނަ ކައްސަންފަރު ފަޅު ހިއްކައިގެން ތަރައްގީކުރި އެ ބްރޭންޑުގެ ތިންވަނަ ރިސޯޓު، ޖޯއި އައިލެންޑް ބައި ކޮކޫން އަންނަ ސެޕްޓެމްބަރު މަހު ހުޅުވާނެ ކަމަށް ކޮކޫން އިން ވަނީ އިއުލާނުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު