މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ޖޫން މަހު 1.61 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.
މީރާ އިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ޓެކްސް އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނީ 869 މިލިއަން ރުފިޔާއާއި 48.42 މިލިއަން ޑޮލަރެވެ. ޖުމުލަ އާމްދަނީ 1.61 ބިލިއަން ރުފިޔާއަށް އަރާއިރު އެއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 42.9 ޕަސެންޓް އިތުރު އަދަދެކެވެ.
ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު އެއީ 31.7 ޕަސެންޓް މަދު އަދަދެކެވެ. މީރާއިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސްއާއި ޓޫރިޒަމް ބިމުގެ ކުލި ބަލައިގަތް އަދަދު ދަށްވުމެވެ. އެގޮތުން އިންކަމް ޓެކްސް ރިޓާން ހުށަހެޅުމުގެ ސުންގަޑިއާއި 2022ގެ ފައިނަލް ޕޭމަންޓް ދައްކަންޖެހޭ ސުންގަޑި ޖުލައި 2023 އަށް ފަސްކޮށްފައިވާތީ، ޖޫން މަހު އިންކަމް ޓެކްސް ދެއްކި އަދަދު ދަށްވީ ކަމަށް މީރާއިން ބުންޏެވެ.
އަދި ޖޫން މަހުގައި އައި ބޮޑު ބަންދާ ގުޅިގެން ޓޫރިޒަމް ބިމުގެ ކުއްޔާއި ޖީއެސްޓީ އަދި އެއާޕޯޓުން ނަގާ ޓެކުހާއި ފީތައް ދައްކަންޖެހޭ ސުންގަޑި 2 ޖުލައި 2023އަށް ފަސްކޮށްފައިވާތީ ކަލެކްޝަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށްވެސް ބުންޏެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީއާއި އިންކަމް ޓެކުހުންނެވެ. ޖީއެސްޓީން 474 މިލިއަން ރުފިޔާ ލިބުނުއިރު، އިންކަމް ޓެކުހުން 604 މިލިއަން ރުފިޔާ ލިބުނެވެ. އަދި ގްރީން ޓެކުހުން 50 މިލިއަން، ޓޫރިޒަމް ބިމުގެ ކުއްޔަށް 231 މިލިއަން އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީން 64.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އޭގެ އިތުރުން ޑިޕާޗާ ޓެކުހުން 68 މިލިއަން ރުފިޔާ ލިބިފައިވާއިރު ޕްލާސްޓިކް ކޮތަޅުން މި އަހަރު އަލަށް ނަގަން ފެށި ޓެކުހަށް ހަތް ލައްކައަށްވުރެ ބޮޑު އާމްދަނީއަށް ލިބުނު ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު