ރަނިންމޭޓެއް އަދި ކަޑައަޅުއްވާފައި ނުވާނެ ކަމަށާއި އެ ބޭފުޅަކީ ކޯލިޝަންގެ ބޭފުޅަކަށްވެސް ވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ވ. ފުލިދޫގައި މިއަދު ބޭއްވި ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ނިންމަވައިލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނު މިހާރު އެންމެ ބޮޑަށް ވިސްނަވަމުން ގެންދަވަނީ ރަނިންމޭޓެއް ކަނޑައެޅުމާ ގުޅޭގޮތުން ކަމަށެވެ.
"އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންވާ ވާހަކަދައްކަވަމުން އެބަ ގަންދަވަން. އެ ބޭފުޅުންގެ ވިސްނުމާއި ހިޔާލު އަޅުގަނޑު އެބަ ހޯދަން ކޮންމެ ދުވަހަކު، ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން. އެކި ނަންތައް އެބައާދޭ، ފަހަރެއްގައި ކޯލިޝަނުން ވެސް ބޭފުޅެއް ރަނިންމޭޓަކަށް ކަނޑައަޅައިފާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބަށް ނަން ހުށަހަޅާ ފޯމު ހުށަހަޅުއްވާނީ ރަނިންމޭޓަކާއެކު ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އަކީ ރިޔާސީ އިންތިހާބަށް ޗެލެންޖެއް ނޫން ކަމަށާއި މި ރިޔާސީ އިންތިހާބުގައި ވާދަވެރި ދެ ޕާޓީއަކަށް ވެގެންދާނީ އެމްޑީޕީ އަދި ޕީޕީއެމް ކަމަށެވެ.
އެމްޑީޕީ ބައިބައިވެދާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ އެ ޕާޓީ ބައިބައި ނުވާނެ ކަމަށެވެ. އެމްޑީޕީ ދޫކުރައްވާފައި މީގެ ކުރިން ވެސް ވަރަށް ގިނަ ބަޔަކު ގޮސްފައިވާ ކަމަށާއި ނަމަވެސް އެމްޑީޕީ އަބަދުވެސް ދިޔައީ ޕާޓީގެ ސިޔާސަތާއެކު ކުރިއަ ށްކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީއާ ހިޔާލުތަފާތުވާ މީހުން ޕާޓީން ވަކިވުމަށްފަހު އަލުން ގުޅިވަޑައިގެންފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު