ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާ އިރު، އެމްޑީޕީ ބައިބައިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން އެ ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން އެ ޕާޓީގެ ބައެއް މެމްބަރުން ވަނީ ޕާޓީއަށް ދުރަށްގޮސް ދަ ޑިމޮކްރެޓްސް ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ. އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ ޕާޓީ ދޫކުރައްވައި، ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ. ދަ ޑިމޮކްރެޓްސްއަށް ގުޅިވަޑައިގަތް ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށާއި އެމްޑީޕީ ރޫޅާލާނީ އެ މަނިކުފާނު ކަމަށެވެ.

ވ. ފުލިދޫގައި މިއަދު ބޭއްވި ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން "އުފާވެރި އަމާން ރާއްޖެ" ނިންމަވައިލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެމްޑީޕީ ރޫޅާލުމަކީ އެއްގޮތަކަށް ވެސް ކުރެވޭނެކަމެއް ނޫން ކަމަށާއި އެމްޑީޕީ ދާނީ ކުރިއަށް ކަމަށެވެ.

"ނޫން ނޫން ނޫން، ނުވާނެ އިނގޭތޯ. އެމްޑީޕީގެ އަބަދުވެސް ބައެއް މެމްބަރުން ވަކިވެގެން ގޮސްފައި އެބަހުރި ލީޑާޝިޕުން ވެސް. އެހެންވިޔަސް އެމްޑީޕީ އަބަދުވެސް އޮވެ، އެ ވިސްނުމުގައި ކުރިއަށްދޭ. އެ ސިޔާސަތާ އެކީގައި އަޅުގަނޑުމެން ދާނީ ކުރިއަށް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން މެމްބަރަކު ވަކިވުމަކީ ގެއްލިގެންދާ ވޯޓެއް ކަމަށާއި އެހެންވެ އެމަނިކުފާނު މަސައްކަތް ކުރައްވަމުން އެ ގެއްލިގެންދާ ވޯޓު އެހެން ގޮތަކަށް ހޯދުމަށް ކަމަށެވެ. އަދި އެ ގެއްލިގެންދާ ވޯޓު އެމްޑީޕީއަށް ލިބޭނެ މަންޒަރު ވެސް ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް ބަލައިލުމުން ދެ ރައީސުންގެ ތެރެއިން ރައްޔިތުންގެ ތާއިދު ލިބިވަޑައިގެންފައިވަނީ ކޮން ބޭފުޅަކަށްކަން ވަރަށް ސާފު ކަމަށާއި ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއަކީ ގޮންޖެހުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ރިޔާސީ އިންތިހާބުގައި އެންމެ ވާދަވެރިވާނީ ޕީޕީއެމްއާއި އެމްޑީޕީ ކަމަށް ރައީސް ވިދާޅުވިއެވެ.