ވާދަވެރިކަން އޮންނަން ޖެހޭނެ ކަމަށާއި ނަމަވެސް ބައިބައިވުން އުފެއްދުމަކީ ރައްޔިތުންނަށް ފައިދާވާނެ ގޮތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ފުލިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިހާބަކީ ވައުދުތަކުގައި ކުލަ ޖެއްސުމަށް ރައްޔިތުން ގޮތެއް ނިންމާނެ އިންތިހާބު ކަމަށާއި އެއީ އެ މަސައްކަތްތަކަށް އަމަލީ ސިފަ ގެނައުމަށް ރައްޔިތުން ނިންމުން ނިންމާނެ ދުވަސް ކަމަށެވެ.
"ރައްޔިތުންނާ ކައިރިން އަޑު އަހައި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަނީ ކޮން ބައެއްކަން ތިބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. މިއަދު ކުރިއަށް މިއޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލާނެ ކަމަށް ވިދާޅުވާ ބައެއް ބޭފުޅުންގެ ނަންތައް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ކުރީގައި ކަން ކޮށްފައި އޮތް ގޮތާއި، އަދި މިހާރުވެސް ކަން ކުރަމުންދާ ގޮތް ތިބޭފުޅުންނަށް އަޑު އިވިވަޑައިގަންނަވާނެ. ވާދަވެރިކަން އޮންނަން ޖެހޭނެ، އެހެންނަމަވެސް ބައިބައިވުމާއި ދެކޮޅުވެރިކަން އުފެއްދުމަކީ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިޔާލުތަފާތުވުންތައް އޮތް ނަަމަވެސް، އެންމެ ރަނގަޅު ގޮތް އެެނގުނީމާ، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް އެނގުނީމާ ޖެހޭނީ އެކަމައިގެން ކުރިއަށްދާން ކަމަށާއި އެމަނިކުފާނުގެ އެދުމަކީ ހިޔާލުތަފާތުވުން ހުރި ބޭފުޅުން ތިއްބެވި ނަމަވެސް، ރަށަށް އެންމެ ފައިދާ ހުރި ގޮތަށް ވޯޓުދިނުން ކަމަށެވެ.
"ތިން ދުވަހުގެ މި ދަތުރުގައި ނުވަ ރަށަށް އަޅުގަނޑުމެން ޒިޔާރަތްކޮށްފިން. އަދި އަޅުގަނޑުމެންގެ މި ކެމްޕޭން ފެށިގެން މި އައީ ރާއްޖޭގައި އޮތް އެންމެ ކުޑަ ދެ އަތޮޅުން، އާބާދީގެ ގޮތުން ވެސް. މީގެން ވެސް އަޅުގަނޑުމެންނަަށް ހާމަވެގެން މިދަނީ އަޅުގަނޑުމެންގެ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައި އޮތް ގޮތް. ތަފާތުކުރުމެއް ނުގެންގުޅޭކަން. ހާއްސަކޮށް ކުރީ ޒަމާނުގައި އަސާސީ ހިދުމަތްތައް ނުލިބި ހުރި ރަށްރަށަށް އިސްކަން ދޭކަން. އެގޮތުން މ. އަތޮޅުގެ ހުރިހާ ރަށަކަށާއި ވ. އަތޮޅުގެ ހުރިހާ ރަށަކަށް އަޅުގަނޑުމެންނަށް ޒިޔާރަތްކޮށް މި ނިމުނީ. މި ދެ އަތޮޅުގައި ވެސް ރައްޔިތުންގެ ހުރި އިހުސާސްތައް އަޅުގަނޑުމެންނަށް ދެނެގަނެވިއްޖެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރު ވެސް ރަށްތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ އިހުސާސްތައް ހުރި ގޮތް ވެސް ވަރަށް ކައިރިން، ވަރަށް ގާތުން ދެނެގަނެވުނު ކަމަށާއި ދަތުރުތަކުން އިހުސާސްކުރެވުނީ ރައްޔިތުން ބޭނުންވެފައި ހުރި ގިނަ ކަންތައްތަކެއްގެ މަސައްކަތް ކުރެވިއްޖެ ކަމުގެ އުފާ ކަމަށެވެ. އަދި އަބަދުވެސް ތަރައްގީ ގެންނަން ޖެހޭ ކަންތައްތައް ހުންނާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު