ކުރިއަށްއޮތް ދައުރުގައި ވ. ފުލިދޫގައި ވަސީލަތްތަކާއެކު އާ ސިއްހީ މަރުކަޒެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ފުލިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފުލިދޫގެ ސްކޫލުން އަންނަ އަހަރުން ފެށިގެން އޭ ލެވަލްގެ ތައުލީމު ވެސް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.

"ފުލިދޫގެ ސިއްހީ މަރުކަޒަކީ ދުވަސްވެފައި ހުރި ތަނެއް. އާ އިމާރާތެއް ބޭނުންވެފައި ހުރި ތަނެއް. އިރާދަކުރެއްވިއްޔާ މި ރަށަށް އަޅުގަނޑުމެން ކޮށްދޭ ކަންތައްތަކުގެ ތެރޭގައި ފުލިދޫގައި އާ ސިއްހީ މަރުކަޒެއް ގާއިމުކުރެވި، އިތުރު ހިދުމަތްތަކާއެކުގައި އެ ފަސޭހަ އަޅުގަނޑުމެން ފޯރުކޮށްދޭނަން. އަދި މި ރަށުގެ ސްކޫލު އަޅުގަނޑު ވިސްނާފައި އޮތީ އަންނަ އަހަރުން ފެށިގެން އޭ ލެވެލަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތަށް ބަދަލުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލިދޫގައި ހިންގި މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގެ ރީތި ބީޗު ހިމާޔަތްކުރެވިފައިވާ ކަމަށާއި ނަމަވެސް އެކަމަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ. އަދި އެކަމަށް ދިރާސާތައް ކުރުމަށްފަހު، އިތުރަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މި ރަށުގެ ބަނދަރުގެ ވާހަކައަކީ އޭރުވެސް ދެކެވުނު ވާހަކައެއް. އެހެންނަމަވެސް އޭރު އަޅުގަނޑުމެންނަށް އެ ވާހަކައަށް އަމަލީ ސިފައެއް ގެންނަން ވައުދެއް އެ ދުވަހަކު ނުވަން. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާގޮތުގައި މިހާރު މި ރަށަށް ބަނދަރެއް ބޭނުންވޭ. އޭރު ވެސް ނުކުތް އެއް މައްސަލައަކީ މިއޮތް ރީތި ގޮނޑުދޮށަށް، ބީޗަށް ވެގެންދާނީ ކިހިނެއްތޯ، މިތަނުގައި ބަނދަރެއް ހަދައިދިއްޔާ. އެހެންކަމުން އަޅުގަނޑުމެން ފުރަތަމަ ކުރި ކަމަކީ މިހާރު މިއޮތް ޖެޓީ ރަނގަޅުކޮށް، ބޭނުންކުރެވޭ ގޮތަށް ހެދީ. އެހެންނަމަވެސް މިހާރު ވިސްނުމެއް އަތުވެއްޖެ، ޕްލޭނެއް ކުރެވިއްޖެ. އަޅުގަނޑުމެން އެކަހަލަ ބަނދަރުތަކެއް ރާއްޖޭގެ ބައެއް ރަށްރަށުގައި ހަދައިފިން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަށާ ދުރުގައި ބަނދަރެއް ހެދުމަށްފަހު އެ ބަނދަރުން ރަށާ ގުޅުވޭނެ ކުޑަ ބުރިޖެއް އަޅައިގެން އެކަން ކުރެވޭނެ ކަމަށާއި އޭރުން ރަށަށް މާ ބޮޑު ގެއްލުމެއް ނުލިބި، އެ ރީތިކަން ނުގެއްލި ރައްޔިތުން ބޭނުންވާ ގޮތަށް އެ ބަނދަރުގެ ފަސޭހަކަން އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ. އަދި ބަނދަރުގެ މަސައްކަތްކުރުމަށް މިއަހަރުގެ ފަހުކޮޅުގައި ޓެންޑާއަށް ލެވި، އެންމެ ލަސްވެގެން އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.