ވ. ފުލިދޫން ޢަލީ ޔާމީން ( ވަން އޮންލައިން )

އަންނަ އަހަރުގެ ތެރޭގައި ވ. ފުލިދޫގެ ބަނދަރުގެ މަސައްކަތް ފެށޭނެ ކަމަށާއ އެ ރަށު ސްކޫލުގައި އަންނަ އަހަރު އޭ ލެވެލަށް ވެސް ކިޔަވައިދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މި ރަށަށް މިއަދު ހަވީރު ވަޑައިގެން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، މި ރަށަށް މިހާރު ބަނދަރެއް ބޭނުންވާ ކަމަށާއި ނަމަވެސް ފުރަތަމަ ކުރި މަސައްކަތަކީ، މި ރަށުގައި މިހާރު އޮތް ޖެޓީ ތަރައްގީކުރުމުގެ މަސައްކަތް ކަމަށެވެ.

ރައީސް ވިދާޅުވީ، މި ރަށުގައި ބަނދަރެއް ހެދުމުގެ ވާހަކައާއެކު ދެކެވުނު އެއް ވާހަކައަކީ ބަނދަރެއް ހަދައިފިނަމަ މި ރަށުގެ ރީތި ގޮނޑުދޮށަށް ވާނެ ގޮތަކާ މެދު ކަމަށެވެ. ނަމަވެސް އެ ކަމަށް ހައްލެއް ލިބޭނެ ޕްލޭނެއް މިހާރު އެބައޮތް ކަމަށާއި އެއީ ރަށާ ބޭރުގައި ބަނދަރެއް ހަދައި ބުރިޖަކުން ރަށާ ގުޅާލުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ މި މަސައްކަތް މި އަހަރުގެ ފަހުކޮޅު ޓެންޑާއަށް ލެވި އެންމެ ލަސްވެގެން އަންނަ އަހަރު އެ މަސައްކަތް ފެށިގެން ދިއުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިހާރު ނިމިފައިވީ ނަމަވެސް ގެންނަން ޖެހޭ ބަދަލުތައް އަދިވެސް ގެނެސްދެއްވާނެ ކަމަށެވެ.

މީދެވަނަ ދައުރެއް ލިބިއްޖެނަމަ މި ރަށުގައި އާ ސިއްހީ މަރުކަޒެއް ގާއިމްކޮށްދީ، މި ރަށުގެ ސްކޫލުގައި އަންނަ އަހަރު އޭ ލެވެލްއަށް ކިޔެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.