މަދީނާގައި ހުންނަ މަސްޖިދުއްނަބަވީގެ ރައުޟާއަށް ޒިޔާރަތްކުރާ މީހުން އަމަލުކުރަންވީގޮތާމެދު ސައޫދީ ސަރުކާރުން މިދިޔަ ހުކުރުދުވަހު އައު ގަވާއިދެއްނެރެ އާއްމުކޮށްފިއެވެ. ރައުޟާއަކީ މިހާރު މަސްޖިދުއްނަބަވީގެ އެއްބައެވެ. މަސްޖިދުއްނަބަވީއަކީ މުސްލިމުންގެ އެންމެ މުގައްދަސް ތިން ހަރަމުން އެއް ހަރަމެވެ.
ރަސޫލާގެ ހަޔާތްޕުޅުގައި ރައުޟާއަކީ އެކަލޭގެފާނު މިސްކިތުގައި އިންނަވާ މިންބަރުކޮޅާއި އެކަލޭގެފާނުގެ އަނބިކަނބަލުން އާއިޝަތުގެފާނުގެ ގަނޑުވަރާ ދެމެދުގައި އޮންނަ ތަންކޮޅެވެ. އެއީ ސުވަރުގޭގެ ބަގީޗާތަކުގެ ތަންކޮޅެއް ކަމަށާއި އެތަނުގައި ކުރާ ނަމާދަކީ އެއްހާސް ނަމާދުގެ ސަވާބާއި އެއްވަރުގެ ނަމާދެއް ކަމަށް އިމާމް ބުޚާރީ ރިވާކުރައްވައިފައިވެއެވެ.
ރައުޟާގެ މާނަޔަކީ ބަގީޗާއެވެ. ހައްޖުވެރިންނާއި އުމްރާވެރިން މަސްޖިދުއްނަބަވީއަށް ކުރާ ޒިޔާރަތުގައި ރައުޟާގައި ވަގުތުކޮޅެއް ހޭދަކޮށް އެތަނުގައި ނަމާދުކުރުމަކީ ވަރަށް އިސްކަންދޭ ކަމެކެވެ. ފަހަކަށް އައިސް މީހުން ގިނަވެ ތޮއްޖެހުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. ރައުޟާއަށް ޒިޔާރަތް ކުރުމުގައި އަމަލުތައް ބަހައްޓަންވީގޮތާމެދު އައު ގަވާއިދެއް ސައޫދީ އަރަބިޔާގެ ހައްޖާއި އުމްރާޔާބެހޭ ވުޒާރާއިން ނެރުނީ އެހެންވެގެންނެވެ.
އައު ގަވާއިދު ބުނާގޮތުން އަޑުގަދަނުވާގޮތް ބަލައިގެން ތަނުގެ ހިމޭންކަން ދެމެހެއްޓުން ލާޒިމެވެ. ފޮޓޯނެގުމާއި ކާބޯތަކެތި ގެނައުންފަދަ ކަންކަމުން ދުރުހެލިވާންޖެހެއެވެ. ރައުޟާއަށް ޒިޔާރަތްކުރުމުގައި އަމަލުތައް ބަހައްޓަންވީގޮތާމެދު ސައޫދީ ސަރުކާރުން އައު ގަވާއިދެއް ނެރެ އާއްމުކުރީ މިއަހަރުގެ ހައްޖު މޫސުމް ނިމުނުތަނާއެވެ. ހުސްވި މަހު ނިމުނު ހައްޖުގައި ދެ މިލިޔަން މީހުން ބައިވެރިވިއެވެ. މިއީ ކޮވިޑުގެ އާލަމީ ވަބާއަށްފަހު ފުރިހަމަ ކެޕޭސިޓީގައި ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ހުޅުވައިލި ފުރަތަމަ ފަހަރެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ