ދެހާސް އަށާރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވ. ފެލިދޫން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ވޯޓަށް ނުބައްލަވައި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމަށާއި، އެއްވެސް ރަށެއް ބާކީ ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފެލިދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ޖަލްސާގައި އިބޫ ވިދާޅުވީ، ޖަރީޒާ ރާއްޖޭގެ ތަސައްވަރާ އެކު 2018 ވަނަ އަހަރު ނުކުންނެވީ ފިކުރު ތަފާތުވިޔަސް ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދޭން ކަމަށެވެ. އަދި ފެލިދޫން އެކަން ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި އެގޮތުން ރަށަށް އަންނަ ބަދަލާއި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ މި ސަރުކާރު ދެމި އޮވެގެން ކަމަށެވެ. އެހެންކަމުން ފެލިދޫގެ ރައްޔިތުން އެކަމާ ވިސްނާ ފިކުރުކުރުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
"ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބު 2018ގެ ނަތީޖާއަށްވުރެވެސް ރަނގަޅަށް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރާނަން. އަޅުގަނޑު އެދެނީ ފެލިދޫގެ ރައްޔިތުންގެ ކިބައިން ބާކީވެވަޑައި ނުގަންނަވާށޭ. އަޅުގަނޑުމެންނާ އެކީގައި ކުރިއަށް ވަޑައިގަންނަވާށޭ. ވާ ވައުދުތައް މިދަނީ ފުއްދަމުން. ވިސްނުމަކަށް ނުބަލަން،" ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވި އިރު، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ފެލިދޫ ދާއިރާގައި ހިމެނޭ ފެލިދޫއާއި ފުލިދޫގެ ތާއީދު ހޯއްދެވީ އެ މަނިކުފާނާ ވާދަކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެގޮތުން އެ އިންތިހާބުގައި ފެލިދޫން ރައީސް ސޯލިހަށް 43 ޕަސެންޓް ލިބިވަޑައިގެންނެވި އިރު، ފުލިދޫން ލިބިވަޑައިގެންނެވީ 47 ޕަސެންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު