އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް މިމަހު ވިހިވަނަ ދުވަހު ނިއުޒިލެންޑާއި އޮސްޓްރޭލިޔާގައި ފަށާނެއެވެ. ޖުމްލަ ބައްތިރީސް ގައުމު ވާދަކުރާ މި މުބާރާތުގައި އެފްރިކާ ބައްރު ތަމްސީލުކުރާނީ ހަތަރު ގައުމެކެވެ. އެއީ ޒެމްބިއާ، ނައިޖީރިއާ، ދެކުނު އެފްރިކާ އަދި މޮރޮކޯއެވެ. އޭޝިއާ ބައްރު ތަމްސީލު ކުރާނީ ފަސް ޓީމެކެވެ. އެއީ ޗައިނާ، ޖަޕާން، ވިއެޓްނާމް، ފިލިޕީންސް، އަދި ދެކުނު ކޮރެޔާއެވެ. ދެކުނު އެމެރިކާ ތަމްސީލުކުރާނީ ތިން ގައުމެކެވެ. އެއީ ބްރެޒިލްް، އާޖެންޓީނާ އަދި ކޮލަމްބިއާއެވެ. އުތުރު އެމެރިކާ އާއި މެދުތެރޭ އެމެރިކާ ތަމްސީލު ކުރާނީ ހަ ގައުމެވެ. އެއީ އެމެރިކާ، ކެނެޑާ، ޕެނަމާ، ހެއިޓީ އަދި ޖެމޭކާ އާއި ކޮސްޓަރީކާއެވެ. ޔޫރަޕް ތަމްސީލުކުރާނީ ބާރަ ގައުމެވެ. އެއީ ސުވިޒަރލެންޑް، ސްޕޭން، އިންގްލެންޑް، ޑެންމާރކް، ސުވިޑަން، ހޮލެންޑް، ޕޯޗުގަލް، ފްރާންސް، އިޓަލީ، ޖާރމަނީ، ނޯވޭ އަދި އަޔަލެންޑެވެ. ދެން މުބާރާތް ބާއްވާ ދެ ގައުމުގެ ގޮތުން ނިއުޒިލެންޑާއި އޮސްޓްރޭލިޔާއެވެ.
އަންހެނުންގެ ވޯލްޑްކަޕުގައި ވާދަކުރާ ބައްތިރީސް ގައުމު ބަހާލާފައިވަނީ 8 ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ގައުމެވެ. ގްރޫޕްތައް ބަހައިލުމުގައި ޔޫރަޕް ފިޔަވައި އެހެން އެއްވެސް ބައްރެއްގެ ދެ ޓީމެއް އެއް ގްރޫޕެއްގައި ނުހިމެނެއެވެ. މިމަހު ވިހިވަނަ ދުވަހު މުބާރާތް ހުޅުވުމުގެ ގޮތުން އެންމެ ފުރަތަމަ ބައްދަލުކުރާނީ ނިއުޒިލެންޑާއި ނޯވޭއެވެ. މިމެޗު ކުޅޭނީ ނިއުޒިލެންޑުގައެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ. ހަމައެދުވަހު އޮސްޓްރޭލިޔާ އާއި އަޔަލެންޑްވެސް ބައްދަލު ކުރާނެއެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ. މިމެޗު ކުޅޭނީ އޮސްޓްރޭލިޔާގައެވެ. މުބާރާތުގެ ފައިނަލް މެޗުވެސް ކުޅޭނީ އޮގަސްޓް ވިހި ވަނަ ދުވަހު އޮސްޓްރޭލިޔާގައެވެ.
އަންހެނުންގެ ވޯލްޑްކަޕް ކުޅެނީ ފިރިހެނުންގެ ވޯލްޑްކަޕެކޭވެސް އެއްފަދައިން ކޮންމެ ހަތަރު އަހަރަކުން އެއްއަހަރުއެވެ. އަންހެނުންގެ ވޯލްޑްކަޕް ބާއްވަމުން އަންނަނީ ފިރިހެނުންގެ ވޯލްޑްކަޕް ބާއްވާ އަހަރު ނޫން ދެން ޖެހިގެން އަންނަ އަހަރުއެވެ. ހުސްވިއަހަރު ގަތަރުގައި ފިރިހެނުންގެ ވޯލްޑްކަޕް ބާއްވާފައިވާތީ މިއަހަރަކީ އަންހެނުންގެ ވޯލްޑްކަޕް އަހަރެވެ. މި އަހަރުގެ ވޯލްޑްކަޕް މިބާއްވަނީ ނިއުޒިލެންޑާއި އޮސްޓްރޭލިޔާ ގުޅިގެން އެ ދެގައުމުގައެވެ. އެހެންވީމާ ނުކުޅެ އޮޓޮމެޓިކުން ކޮލިފައިވެފައިވާ ދެގައުމަކީ އެއީއެވެ. އަނެއް ތިރީސް ގައުމު ކޮލިފައިވީ ތިން އަހަރުގެ ތެރޭގައި ކޮލިފައިން މެޗުތަކެއް ކުޅެގެންނެވެ.
ނިއުޒިލެންޑާއި އޮސްޓްރޭލިޔާގައި މިބާއްވަނީ އަންހެނުންގެ ނުވަވަނަ ވޯލްޑްކަޕެވެ. މިއީ ދެކުނު ހެމިސްފިއަރގައި އަންހެނުންގެ ވޯލްޑްކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި ދެގައުމެއް ގުޅިގެން މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރުވެސްމެއެވެ. އަދި ދެ ކޮންފެޑެރޭޝަނަކަށް ނިސްބަތްވާ ދެގައުމެއްގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރުވެސްމެއެވެ. ނިއުޒިލެންޑް ނިސްބަތްވަނީ އޯޝޭނިއާ ކޮންފެޑެރޭޝަނަށެވެ. އޮސްޓްރޭލިޔާ ނިސްބަތްވަނީ އޭޝިއާ ކޮންފެޑެރޭޝަނަށެވެ. އަންހެނުންގެ ވޯލްޑްކަޕް މިހާތަނަށް 8 ފަހަރު ބޭއްވިފައިވާއިރު އެމެރިކާ އާއި ޗައިނާ ވަނީ ކޮންމެ ބަޔަކުވެސް ދެފަހަރު މުބާރާތް ބާއްވައިފައެވެ. ކެނެޑާ، ފްރާންސް، ޖާމަނީ، އަދި ސުވިޑަން، މިއިން ކޮންމެ ބަޔަކު ވަނީ އެއްފަހަރު މުބާރާތް ބާއްވައިފައެވެ.
އަންހެނުންގެ ވޯލްޑްކަޕް އެންމެ ފުރަތަމަ ބޭއްވުނީ މީގެ ބައްތިރީސް އަހަރު ކުރިން 1991 ގައެވެ. އޭގެފަހުން އެންމެ ގިނައިން މުބާރާތުގެ ތަށި ހޯދާފައިވާ ގައުމަކީ އެމެރިކާއެވެ. އެމެރިކާ ވަނީ ޖުމްލަ ހަތަރު ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. އެންމެ ފަހުގެ ޗެމްޕިއަނަކީވެސް އެމެރިކާއެވެ. އެމެރިކާއަށްފަހު ދެން އެންމެ ކާމިޔާބު ގަައުމަކީ ޖާރމަނީއެވެ. ޖާރމަނީ ވަނީ ޖުމްލަ ދެފަހަރު ތަށި ހޯދައިފައެވެ. ނޯވޭ އާއި ޖަޕާން ވަނީ ކޮންމެ ބަޔަކުވެސް އެއްފަހަރު ތަށި ހޯދައިފައެވެ. ފްރާންސްގައި 2019 ވަނަ އަހަރު އެންމެ ފަހުން ބޭއްވުނު ވޯލްޑްކަޕުގެ ތަށި އެމެރިކާ ހޯދީ ފައިނަލްގައި ދޭއްސުމަކުން ހޮލެންޑް ބަލިކޮށްފައެވެ.
އަންހެނުންގެ ވޯލްޑްކަޕް ޑޮމިނޭޓްކުރަމުން އަންނަ އެންމެ ބޮޑު ބާރަކީ އެމެރިކާ ކަމަށްވިޔަސް މިފަހަރުގެ ވޯލްޑްކަޕްގައި އެމެރިކާއަށް އެހާ ފަހި މަގެއް ނެތެވެ. މިފަހަރު އެމެރިކާއާ ވާދަކުރެވޭވަރުގެ ފެންވަރު މަތި ޓީމުތައް ގިނައެވެ. އިންގްލެންޑަކީ ޔޫރަޕުގެ ޗެމްޕިއަނެވެ. މިފަހަރު އިންގްލެންޑު ވަރަށްވެސް ވަރުގަދައެވެ. އެފްރިކާއިން ޒެމްބިއާވެސް ވަރަށް ގަދައެވެ. ހުސްވި ހަފުތާގައި ޒެމްބިއާ ވަނީ ޖާމަނީގައި ކުޅެގެން ތިނެއް ދޭކުން ޖާމަނީވެސް ބަލިކޮށްފައެވެ. މި ބައްޔާ ގުޅިގެން ޖާމަނީގެ ނޫސްތަކުގައި ލިޔުނެވެ. ޒެމްބިއާގެ ކެޕްޓަން ބާބަރާ ބަންޑާއަކީ ފިރިހެނެކެވެ. އަންހެނެއް ނޫނެވެ. ބާބަރާ ބަންޑާގެ ޖިންސާމެދު މީގެކުރިންވެސް ސުވާލު އުފެދި އެފްރިކާ ކޮންފެޑެރޭޝަނުގެ ފަރާތުން އޭނާ ސަސްޕެންޑްވެސް ކުރިއެވެ. އެކަމަކު ފީފާއިން އެ ނިންމުން ބާތިލްކުރީމާ މިފަހަރުގެ ވޯލްޑްކަޕުގައި ކުޅުމުގެ ފުރުސަތު ލިބުނީއެވެ. އޭނާގެ ކުޅުން ބެލި މީހުން ބުނާގޮތުގައި ފިރިހެނުންގެ ތެރެއިން ސެނެގޯލްގެ ސާޑިއޯ މާނޭއަށްވުރެ ތަންކޮޅެއްވެސް ބާބަރާ ދެރައެއް ނޫނެވެ. އޭނާއަކީ ގޯލް މެޝިނެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު