ޖަޕާނުގައި ކޯމަހެއް ހަމަލާދީ ހަތަރު މީހުން ޒަހަމްކޮށްލައިފިއެވެ.

މެދުތެރޭ ޖަޕާނުގައި އޮންނަ ސުއިޝޯހަމާ ބީޗްގައި މޫދަށް އެރި ތިބި ބަޔަކަށް ކޯމަސް ދިން ހަމަލާގައި ގިނަ ބަޔަކު ޒަހަމްވީ އިރު، އެގެ ތެރެއިން 60 އަހަރުގެ މީހަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އެމީހާގެ އަތުގައި ކޯމަސް ދަތް އަޅާފައިވާއިރު އޭނާގެ ބުރަކައްޓަށް ދިން ހަމަލާގައި ކަށިތަކަށް ގެއްލުން ވެފައިވާކަމަށް އޮފިޝަލުން ބުނެެއެވެ.

އެހާދިސާ ހިނގި ދުވަހު ދެން އެހެން މީހަކަށްވެސް ކޯމަސް ހަމަލާ ދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ. އެ ހަމަލާގައި 40 އަހަރުގެ އެމީހާއަށްވެސް އެކިވަރުގެ އަނިޔާ ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސުއިޝޯހަމާ ބީޗްގެ އޮފިޝަލުން ވަނީ އެ ދުވަހު އިރުއޮއްސެން އުޅުނު ވަގުތުގައިވެސް ދެމީހަކަށް ހަމަލާދީފައިވާ ކަން ފާހަގަކޮށްފައެވެ. އެ ދެމީހުންނަށްވެސް އެކިވަރުގެ އަނިޔާ ވެފައިވާކަމަށް ބުނެފައިވެއެވެ.

ކޯމަހުގެ ހަމަލާތައް އިތުރުވުމާއެކު އެބީޗުގައި ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ބީޗު ބޭނުންކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބޯޑުވެސް ވަނީ ބަހައްޓާފައެވެ.

ޖަޕާނުގެ ސައިންސުވެރިންނާއި ހަވާލާދީ އެގައުމުގެ މީޑިއާއިން ވަނީ އެހާދިސާތަކުގައި ބޮޑަށް ބެލެވޭނީ ކޯމަހަށް ގޯނާއެއް ކުރުމުގެ ސަބަބުން އަމިއްލަ އަށް ދިފާއުވުމަށް ކޯމަސް ކުރާ މަސައްކަތުން މީހުންނަށް އަނިޔާ ވެދާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓުކޮށްފައެވެ.