ރޮބޯމޭންއަކީ އެންމެން ދަންނަ އާންމު ނަމެކެވެ. ހިތާނީތަކާއި ކުޑަކުދިންގެ ހަވީރުތަކުގެ އިތުރުން އުފަން ދުވަހުގެ ޕާޓީތަކުގެވެސް ގާތް އެކުވެރިއެކެވެ. އެންމެ ކުޑަކުއްޖާއިން ފެށިގެން ދުވަސްވީ އެތައް ބައެއްގެވެސް ހިތްތަކަށް އުފާވެރިކަން ގެނެސްދޭ ކެރެކްޓާއެކެވެ. ހާއްސަކޮށް އެތައް ކުދިންނެއްގެ ލޯތްބާއި އިހުތިރާމު، ތަފާތު ގޮތްގޮތުން ހޯދާފައިވާ "ވަރަށް ލޯބި" ކެރެކްޓާއެކެވެ. ހިނިތުންވުމެއް ގެނެސްދޭން ފެށި މަސައްކަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެތައް މޫނަކަށް ހިނިތުންވުން ގެނުވައިފިއެވެ. އެތައް ގޮތަކުން އެތައް ކަމެއް ހާސިލުކޮށް، ރާއްޖެއިން ބޭރުގެ ޝޯތަކުންވެސް ރޮބޯމޭން މިހާރު ދަނީ ފެންނަމުންނެވެ. ދިވެހި އަސްދަނޑިން ބޭރުވެ، ހޯދަމުންދާ ކާމިޔާބީގެ ފަހަތުން ފާހަގަވާ މަންޒަރެއް އަބަދުވެސް އޮވެއެވެ. ރޮބޯމޭންގެ 'އިންސީނިއްޔަތު" ކަމެވެ. ހިތުގެ މުއްސަނދިކަމެވެ. އަޅައިލުން ބޭނުންވާ މީހުންނާ ބަހައްޓާ ކުލުނާއި ގުޅުމެވެ. އެފަދަ މަންޒަރެއް މިއަދުވެސް ފެނިއްޖެއެވެ.
ރޮބޯމޭން ޕޭޖަށް އަޕްލޯޑު ކޮށްފައިވާ ވީޑިއޯއިން ފެނުނު އަސަރުގަދަ މަންޒަރުން، އެ ވާހަކަ ތަފްސީލުކޮށްލާ ހިތްވިއެވެ. އާއިލާއަކަށް ގެނެސްދިން އުފާވެރިކަމުގެ ވަގުތުކޮޅެކެވެ. ހިތްތަކަށް ތަސައްލީއެއް ގެނެސްދިން ފެންކަޅިވާ ފަދަ އަސަރުގަދަ ވަގުތުކޮޅެކެވެ.
ވީޑިއޯގައި ފެންނަ މަންޒަރަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އެކުއަޓިކް ވައިބްގެ ޝައްމޫން މުހައްމަދު (ޝައްމު) އާއެކު ރޮބޯމޭން ށ. މިލަންދުއަށް ކޮށްފައިވާ ދަތުރެކެވެ. ދަތުރުގައި ދައްކުވައިދެނީ ހިނގުމަށް ނުކުޅެދިފައިވާ ފަރާތްތަކަށް ބޭނުންވާ ކަހަލަ އިލެކްޓްރިކް ވީލްޗެއާއެއް ޓެކްސީއަކަށް އަރުވައިގެން ގޮސް، ފަލައިޓެއްގައި ބޯޑުކުރާ މަންޒަރެވެ. ޝައްމު ދިޔައީ ވާން އުޅޭގޮތް ކުޑަކޮށް ކިޔައިވެސް ދެމުންނެވެ. ގޮނޑިއަކާއެކު ދަތުރަކަށް އަރައި، ނިމުނު މަންޒިލަކީ ށ. މިލަންދޫ ހިލްޓަން ގެއެވެ. އެ ގެއަށް ރޮބޯމޭންއާއި ޝައްމު ދިޔައީ ކީއްކުރަންކަން ރޮބޯމޭން ވަނީ ވީޑިއޯގެ ކެޕްޝަނުގައި ތަފްސީލުކޮށްދީފައެވެ. އެ ގެއަކީ އުމުރުން 10 އަހަރުގެ އަހުމަދު ނިޝާން އަލީގެ ގެއެވެ. ނީޝަންއަކީ އުފެދުމުގައިވެސް ހައިޑްރޯޝެފެލަސް ވިތު ބައިލެޓްރަލް ވީޕީ ޝަޓިންގެ އެޕިލެޕްސީ ހުންނަ ކުއްޖެކެވެ. އެހެންކަމުން އޭނާއަށް އަމިއްލައަށް ހިނގައިބިނގާވެ ނޫޅެވެއެވެ.
ކޮންމެއަކަސް ރޮބޯމޭން ސީދާ އެ ގެއަށް ގޮސް، ނިޝާނަށް އިލެކްޓްރިކް ގޮނޑި ހަދިޔާކުރި މަންޒަރާއެކު ދެން ފެނުނީ ނުހަނު އުފަލުން ތިބި ނިޝާންގެ މަންމައާއި އާއިލާގެ މޫނުމަތިން ފެނުނު އަސަރެވެ. ކުޑަކުޑަ ނިޝާނަށް ރޮބޯމޭންއާ ބައްދަލުވެ، އެ ލިބުނު އުފާވެރިކަން އިތުރަށް ފުރިހަމަވީ އެތައް ތަކިލީފުތަކަކުން މިންޖުވާން ލިބުނު ގޮނޑީގެ ސަބަބުންނެވެ. ނިޝާންގެ މަންމަ ހުރީ ބުނާނެ އެއްޗެއް ނޭނގި، ހުއްޓިފައި ހުރެވުނު ކަހަލަ ގޮތަކަށެވެ. ފެންކަޅިވެފައެވެ. އެތަކެއް ދުވަހެއް ވަންދެން ނިޝާނަށް ހޯދައިދޭން މަސައްކަތް ކުރި އުފާވެރިކަން، މިނިވަންކަން ރޮބޯމޭންއާއެކު ހޯދައިދެވުމުންނެވެ.
"ދެން ނުޖެހޭނެ ފޫހިވެގެން އުޅޭކަށް" ނިޝާންގެ އަނގައިން ބޭރުވި އެންމެ އަގުހުރި ބަހަކީ އެއީއެވެ. ރޮބޯމޭންގެ ގޮނޑިއާއެކު ނިޝާނަށް ކުރެވުނު އުފާ އޭނާއަށް ބަޔާންކޮށްދޭންވެސް އިނީ ދަތިވެފައެވެ. އިރުއިރުކޮޅާ މަންމައާއި ދައްތައަށްވެސް ރޮބޯމޭން ދައްކަމުން ދިޔައެވެ. "އެއީ ރޮބޯމޭންއަކީ،" ނިޝާން އުފަލުން ފޮޅިފައި ހުރެ ބުނަމުން ދިޔައެވެ.
ނިޝާނަށް ގޮނޑިއެއްގެ މަސައްކަތް ރޮބޯމޭން ފެށީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. މޯލްޑިވްސް ޕޮލިސް ސާވިސްގެ އަމާންވެށި ޕްރޮގްރާމުގެ ތެރެއިން ށ. މިލަންދޫން ދިމާވި ކަމެއްގެ ސަބަބުންނެވެ. އަމާންވެށި ޕްރޮގްރާމްގެ ދަށުން އެ ރަށުގައި ރޮބޯމޭންއާއެކު ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވާ އިރު، އެ ދުވަހު ނިޝާނަށް އެ ހަވީރުގައި ބައިވެރިއެއް ނުވެވެއެވެ. އެއީ ހިނގާފައި ދެވެން ނެތުމުންނާއި އެ ހިސާބަށް ދާން އުފުލަން ޖެހުނު ތަކުލީފުތަކެއްގެ ސަބަބުންނެވެ.
ނިޝާނަށް ހަވީރަށް ނުދެވުމުގެ ހަބަރު ރޮބޯމޭންއަށް ލިބުނީ ފުރަން ގާތްވެފައި އޮއްވައި ކަމަށްވުމުން، އެ ފަހަރު ދެވުނު ހަދިޔާއަކީ ހާއްސަ ގިފްޓް ޕެކެކެވެ. ނިޝާންގެ މަންމަ އެ ގިފްޓް ޕެކްވެސް ހެޔޮހިތުން ބަލައިގަތެވެ. އަދި ރޮބޯމޭންއަށް ނިޝާންގެ ހާލަތުވެސް ބަޔާން ކޮށްދިނެވެ. އިލެކްޓްރިކް ގޮނޑިއަކަށް ކުރަމުން ދިޔަ މަސައްކަތަކާއި އެކަން ނުވެ އޮތް އޮތުން ފާހަގަކުރިއެވެ. އެ ހިސާބުން ރޮބޯމޭން އޭނާގެ ގައުމީ ވާޖިބަކަށް އެކަން ހަދައި، ނިޝާންގެ ތަކުލީފަށް ލުޔެއް ގެނެސްދޭން ކުރި މަސައްކަތް މިއަދު ވަނީ ކާމިޔާބުކޮށްފައެވެ.
"ނީޝަންއަކީ އުފެދުމުގައިވެސް ހައިޑްރޯޝެފެލަސް ވިތު ބައިލެޓްރަލް ވީޕީ ޝަޓިންގެ އެޕިލެޕްސީ ހުންނަކުއްޖެއް. އެހެންކަމުން ނީޝަންއަކީ ހިނގައިބިނގައި ނޫޅެވޭ، އުރައިގެން އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ކުއްޖެއް. ކޮށްދެވިދާނެ ނުވަތަ އެހީތެރިކަން އެންމެ ބޭނުންވާކަމެއްގެ ވާހަކަ އެހުމުން ނީޝަންގެ މަންމަ އެދުނީ ފުރޮޅުލީ ރިމޯޓު ގޮނޑިއެއް ލިބިއްޖެނަމަ، ބޮޑުވަމުން އަންނަ ކުއްޖެއް އުފުލުމުގެ ބުރަ އެތައް ގުނައަކަށް ލުއިވެގެންދާނެ ކަމަށް، އަދި ނިޝަނަށް ފަސޭހަކަމާއެކު އެކަނިވެސް ގޭތެރޭ ތަންތަނަށް ދެވޭނެ ކަމަށް،" ރޮބޯމޭން ޕޭޖުގައިވެއެވެ.
"އެހެންކަމުން ރޮބޯމޭންގެ ޓީމްގެ ފަރާތުން ނީޝަންގެ އާއިލާގެ މި ހުވަފެން ހަގީގަތަކަށްހަދައިދިނުމަށްޓަކައި ކުރެވުނު މަސަތްކަތުން، ރޮބޯމެން، އޮބިއޯން އަދި އިކުއެޓިކް ވައިބްގެ ދީލަތި އެހީތެރިކަމާއެކު މާތް اللهގެ އިރާދުފުޅުން މިވަނީ މިކަން ފުރިހަމަކޮށްދެވިފައި. މި ފުރުސަތުގައި ށ.މިލަންދޫ ޕޮލިސް، މޯލްޑިވްސް ޕޮލިސް ސާވިސަސް، އޮބިއޯން އަދި އިކުއެޓިކް ވައިބްގެ އެންމެހާ ފަރާތްތަކަށް ފަށްފަށުން ޝުކުރު އަދާކުރަން،" ރޮބޯމޭން ޕޯސްޓުގައި އިތުރަށް ބުންޏެވެެ.
ނަމޫނާ މަސައްކަތެކެވެ. އެތައް ބަޔަކު ދަނީ އުފަލާއެކު އެކަމަށް ތައުރީފު ބަންޑުން ކުރަމުންނެވެ. ރޮބޯމޭން ދެއްކި ނަމޫނާއަކީ އުފަލުން ރޮވޭވަރުގެ އިންސާނިއްޔަތު ކަމެކެވެ. އެތައް ތަކުލީފެއްގައި އުޅެމުންދިޔަ ނިޝާނަށް ގެނެސްދިން ހިނިތުންވުމަކީ ހަމައެކަނި އޭނާގެ އާއިލާގެ ހިނިތުންވުމެއްވެސް ނޫނެވެ. އެފަދަ ކޮންމެ އިންސާނިއްޔަތުކަމުގެ މަސައްކަތަކަށް މުޅި ދިވެހި ރާއްޖެ ހިނިތުންވާނެކަން ޔަގީނެވެ. ރޮބޯމޭންގެ ޓީމަށް އައްސަރިބަހާއި ސާބަހެވެ.