މ. ވޭވަށު ގިރާ ސަރަހައްދު ހިމާޔަތްކޮށް، ބަނދަރަށް ބޭނުންވާ ބަދަލުތައް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. ވޭވަށަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަމުން ރައީސް ވިދާޅުވީ، ކުދި އާބާދީއެއް އުޅޭ ރަށްތަކަކަށްވާތީ މީގެ ކުރީގެ ސަރުކާރުތަކުން، މ. އަތޮޅުގެ ރަށްތައް އޮންނަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ވަރަށް ފަހަތަށް ލިސްޓު ކޮށްފައި ކަމަށާއި އޭގެ ތެރޭގައި ވޭވަށްވެސް ހިމެނޭ ކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެން އެ ދުވަހު ޖަޒީރާ ރާއްޖެ ތަރައްގީކުރަން އެކުލަވާލި މެނިފެސްޓޯ އާއެކު ފެށި މަސައްކަތުގެ ނަތީޖާ މިއަދު މި ރަށުން ފެނިގެން މިދަނީ، މ. އަތޮޅުގެ ވިސްނުން އޭރު އޮތް ގޮތް އަޅުގަނޑުމެންނަށް އެނގޭ، އެހެން ނަމަވެސް މި ވޭތިވެދިޔަ ފަސް އަހަރުގެ ތެރޭގައި މ. އަތޮޅުގެ ކުރިއެރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ސަބުން ސެޕްޓެމްބަރު ނުވަވަނަ ދުވަހު ލާ ވޯޓުގައި މ. އަތޮޅުގެ ބޮޑު އަގުލަބިއްޔަތެއް އަޅުގަނޑުމެންގެ ކޯލިޝަނަށް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވޭވަށަށް އެ މަނިކުފާނު ވެވަޑައިގެންނެވި ހަމައެކަނި ވައުދަކީ ރަށުގެ ބަނދަރު ބޮޑުކޮށްދިނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އޭގެ އިތުރުންވެސް ރަށުގެ ތަރައްގީއަށްޓަކައި އައުޓްޑޯ ޖިމެއް ހަދައި، އާ އިންޖީނުގެއެއް ހަދައި، ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތާއި މެޖިސްޓްރޭޓް ކޯޓު އިމާރާތުގެ މަސައްކަތާއި ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ވޭވަށު ޒުވާނުން ފުޓްބޯޅަ ދަނޑެއް ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފެންވަރުގެ ކުޅިވަރާބެހޭ ތަންތަން ގާއިމުކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކި ރަށްރަށުގައި 41 ފުޓްބޯޅަ ދަނޑު އަޅާ ނިމިފައިވާއިރު، އެ އަދަދަށް ފުޓްބޯޅަ ދަނޑުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 70 ފުޓްސެލް ދަނޑާއި ޒަމާނީ 17 ވޮލީ ކޯޓާއި 54 އައުޓް ޑޯ ޖިމް ހަދަމުންދާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދައުރުގައި ވޭވަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދީ، ބަދަރު ސަރަހައްދުން ތިލަ ތަންތަން ފާހަގަވެފައިވާތީ ބަނދަރަށް އެ ބޭނުންވާ ބަދަލު ގެނަސްދެއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު