ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެސްޓީއޯ މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެޕޮކަލިޕްސް ސެންޔޯރާއިން އަދި ފިރިހެން ޑިވިޝަންގެ ތަށި ދިއްފުށި ފިރިހެން ފުޓްސަލް ޓީމުން ހޯދައިފިއެވެ.
ކ. ތުލުސްދޫގައި މިމަހުގެ ތިންވަނަ ދުވަހުގެ ރެއިން ފެށިގެން މިޔަޓް ފުޓްސަލް ފިއެސްޓާގެ ކުޅުން ފޯރިއާއެކު ކުރިއަށް ގޮސް، މުބާރާތް ރޭ ނިންމާލީ ހަވާގެ ކުލަގަދަ ހަރަކާތްތަކާއެކުގައެވެ. މިޔަޓުން މިފަހަރު މުޅިން އަލަށް އަންހެން ޑިވިޝަން ތައާރަފު ކޮށްފައިވާ އިރު، އަންހެން ތާރީހީ ފައިނަލުގައި ކުޅުނީ ދިއްފުށި އަންހެން ފުޓްސަލް ޓީމާއި އެޕޮކަލިޕްސް ސެންޔޯރާއެވެ.
އެމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އެޕޮކަލިޕްސް ތަށި ޔަގީންކުރީ 6-5 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ދިއްފުށީގެ ދެ ގޯލުވެސް މަރިޔަމް ނިޒުލީ ޖެހި އިރު، އެޕޮކަލިޕްސްގެ ގޯލުތައް ޖެހީ ކުރީ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރާއި އޭގެ ފަހުން ޓީމުގެ ކެޕްޓަންކަން ކުރި މަރިޔަމް މިރުފަތެވެ.
އަންހެން ޑިވިޝަންގެ ފައިނަލްގެ މޮޅު ކުޅުންތެރިޔަކީވެސް ފަދުވާއެވެ. އަންހެން ޑިވިޝަންގެ ފެއާޕްލޭ ކުޅުންތެރިޔަކަށް ރުނާ އިބްރާހީމް ހޮވުނު އިރު، ފެއާ ޕްލޭ ޓީމަކީ ކުއީންސް ކަންމައްޗެވެ. އަންހެން ޑިވިޝަންގެ އެންމެ ގިނަ ގޯލު ޖެހީވެސް ފަދުވާއެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކީ ކަންމަތީ ލިލީސްގެ މަރިޔަމް ވާޝިއާއެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ދިއްފުށީގެ ފާތިމަތު ސާލިއާއެވެ. އެންމެ މޮޅު ކޯޗަކީ ދިއްފުށީގެ ކޯޗު އިބްރާހީމް ރަޝީދެވެ.
ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ދިއްފުށިން ކަންމަތި އެފްސީ ބަލިކުރީ 5-4 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކަންމަތީގެ ގޯލުތައް އިބްރާހީމް އަސްވަދު (ގަބޭ) އާއި އަލީ ހާފިޒް (ހާއްޕެ) އަދި ހުސައިން ސުހައިލް (ސޮކޭ) ޖަހައިދިން އިރު، ދިއްފުށި ކީޕަރު އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.
އަނެއްކޮޅުން ކުޅުނު ދިއްފުށި ތަފާތު ރޫހެއްގައި ފެނިގެން ގޮސްފައިވާ އިރު، ޒައިން ޒަފަރު ވަނީ ދެ ގޯލު ޖަހައިފައެވެ. ދެން އެޓީމުގެ ގޯލުތައް ޖެހީ އަހުމަދު ރިޒުވާން (ރިޒޭ) އާއި އަހުމަދު މާޒިން އަދި އިބްރާހީމް ސިނާޒެވެ. ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ މެޗުގައި ދެ ގޯލު ޖެހީ ޒައިންއެވެ.
ފިރިހެން ޑިވިޝަންގެ ފެއާޕްލޭ ކުޅުންތެރިޔަކަށް އެމްޕަޔާ އެސްސީގެ މުހައްމަދު ޔަފާއު ހޮވުނު އިރު، ފެއާ ޕްލޭ ޓީމަކީ މިދިޔަ އަހަރުގެ ޗެމްޕިއަން އެޕޮކަލިޕްސްއެވެ. އެންމެ ގިނަ ގޯލު ޖެހީ އަބްދުﷲ ޝައްފާން (ޝާކާ)އެވެ. އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ކަންމަތީގެ ނާއިހު މުފީދު (ނާހު)އަށް ލިބުނު އިރު، ކިންގް އޮފް ދަ ޓޯނަމެންޓަކީ ޒައިންއެވެ. އެންމެ މޮޅު ކޯޗަކީ ދިއްފުށީގެ މުހައްމަދު އަނިލްއެވެ.
މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމުކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖަކީ ކޮންމެ އަހަރަކުވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ކ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ތުލުސްދޫގައި މީގެ ކުރިން މިޔަޓުން ވަނީ ކާމިޔާބު ތިން މުބާރާތެއް ނިންމާލައިފައެވެ.
މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހަމަޖައްސާފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.
މިއަހަރުވެސް މިޔަޓް ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.